ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ޖޫން 25) - ބްރެޒިލްގެ ތަރި، ނޭމާ، އޭނާ މިހާރު ކުޅެމުން އަންނަ ކްލަބް، ސަންޓޯސްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށްފި އެވެ.
އަލް ހިލާލް ދޫކޮށް، ނޭމާ، 33، މިދިޔަ ޖެނުއަރީ މަހު، ކުރީގެ ކްލަބް، ސަންޓޯސް އަށް ސޮއިކުރީ، ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުން ހަމަވުމުން، ނޭމާ، އަލުން ޔޫރަޕްގެ ޓީމަކަށް ބަދަލުވާނެ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު، ނޭމާ މި ވަނީ، އަންނަ ޑިސެމްބަރު މަހުގެ ނިޔަަލަަށް ސަންޓޯސްއާ އެކު ކޮންޓްރެކްޓް އާ ކޮށް، މުސްތަގުބަލާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް ނިމުމެއް ގެނެސްފަ އެވެ.
ބާސެލޯނާ އާއި ޕީއެސްޖީ އަށް ކުރިން ކުޅުނު ނޭމާ ބުނީ، ސަންޓޯސްއާ އެކު ކުރިއަށްދާން ނިންމުމުގެ އެންމެ ބޮޑު ސަބަބަކީ އެ ކްލަބާ މެދު އޭނާގެ ހިތުގައި އޮތް ލޯބި ކަމަށެެވެ. އަދި، އޭގެ އިތުރުން ކެރިއަރު އަލުން އެންމެ ރަނގަޅު ޓްރެކަށް ގެންނަން އެންމެ ފަސޭހަކޮށް އޮތީ އެ ކްލަބާ އެކު ކުރިއަށް ގޮސްގެން ކަމަށް ފެންނާތީ ކަމަށް ނޭމާ ވަނީ ބުނެފަ އެވެ.
ސަންޓޯސް ދޫކޮށް، ނޭމާ، 2013 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވީ، ޖުމްލަ އެކު، 80 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ބާސެލޯނާ ދޫކޮށް، ނޭމާ، 2017 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވީ ދުނިޔޭގެ އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގަ އެވެ. ޕީއެސްޖީން ނޭމާގެ ސޮއި ހޯދީ، 242 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ. މި ޓްރާންސްފާއާ ގުޅޭ ޓެކްސް މައްސަލަައެއްގެ ތަހުގީގެއް ފްރާންސްގައި އަދިވެސް ކުރިއަށް އެބަދެ އެވެ.
ނޭމާ، އެންމެ ފުރަަތަމަ، ސަންޓޯސް އަށް ކުޅުނުއިރު، އެ ޓީމަށް 225 މެޗުން 136 ގޯލު ޖަހައިދިނެވެ. އަލުން ނޭމާ ސަންޓޯސްއާ 12 ވަރަކަށް އަހަރު ފަހުން ގުޅުމަށް ފަހު، 18 މެޗު ކުޅެދީފައިވާއިރު، ފަސް ގޯލު ޖަހައިދިނެވެ.
ނޭމާ، ސަންޓޯސްގެ ކޮންޓްރެކްޓް އާ ކޮށްފި ނޭމާ، ސަންޓޯސްގެ ކޮންޓްރެކްޓް އާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ