އެމެރިކާގެ މައި ސަރުކާރުން މުވައްޒަފުން މަދުކުރަން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ސްޓޭޓް ޑިޕާޓްމަންޓުގެ 1،000އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.
އަމިއްލައަށް އިސްނެގުމުގެ ދަށުން ވަކިވާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ސިވިލް ސާވިސްގެ 1،107 މުވައްޒަފަކާއި ފޮރިން ސާވިސްގެ 246 މުވައްޒަފަކު ކަމަށް ބީބީސީގެ އެމެރިކާގެ ނިއުސް ޕާޓްނަރު ސީބީއެސް ނިއުސް އިން މިދިޔަ ހުކުރު ދުވަހު ބުންޏެވެ.
މި އަހަރުގެ ކުރީކޮޅު ސްޓޭޓް ޑިޕާޓްމަންޓުގެ އިތުރު 1،500އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ވޮލަންޓަރީ އިހްތިޔާރުގެ ދަށުން ވަކިވެފަ އެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަނީ ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކި ކުރުމުން އެ ޑިޕާޓްމަންޓުގެ މަސައްކަތަށް ބުރޫ އަރާނެ ކަމަށެވެ.
'ބިއުރޯ އޮފް ޕޮޕިއުލޭޝަން، ރެފިއުޖީސް އެންޑް މައިގްރޭޝަން'ގެ އިދާރީ އޮފީހުގައި މަސައްކަތް ކުރާ ސިވިލް ސާވިސްގެ ގާތްގަނޑަކަށް ހުރިހާ އޮފިސަރުން ވަނީ ވަޒީފާއިން ވަކިކޮށްފައި ކަމަށް ސީބީއެސް ނިއުސް އިން ބުންޏެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ކޯޑިނޭޓް ކުރާ އަފްގާން މީހުން ބަދަލުކުރާ އޮފީހުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ވަނީ އެ ކަނޑާލުމުގެ އަސަރު ކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސިވިލް ސާވިސްގެ މެމްބަރުން އެ ޑިޕާޓްމަންޓުގެ ލޮބީގައި އެ މީހުންގެ ތަކެތި ހިފައިގެން އިމާރާތުން ނުކުމެ ތިބި ތަން ފެނެ އެވެ. އަދި ވަޒީފާގައި ތިބި މުވައްޒަފުން، ވަޒީފާއިން ވަކިވާ މުވައްޒަފުންގެ ގައިގާ ބައްދައި އެކަކު އަނެކަކު ސަލާމް ގަލާން ކުރާ ތަން ވެސް ފެނެ އެވެ.
އޭރު އިމާރާތުގެ ބޭރުގައި އެއް ބަޔަކު "އެމެރިކާގެ ޑިޕްލޮމެޓުންނަށް ޝުކުރު އަދާކުރަން" ކަމަށް ބުނެ ލިޔެފައިވާ ބެނާތަކާ އެކު މުޒާހަރާކުރަމުންދިޔަ އެވެ. އެ މީހުން ގޮވަމުން ދިޔައީ "އަހަރެމެން އެންމެންނަށް ހައްގުވާ މިންވަރަކީ މިއީ ނޫން" ކަމަށެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ އެއީ "މީހުން މަދުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ނޫން" ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ ބިއުރޯ ބަންދުކުރުމުން އެ ތަންތަނަށް މީހުން ބޭނުން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ތެރެއިން ބައެއް މަގާމުތަކީ އެ މަގާމު ހުސްވުމުން ނުކުތް ނަތީޖާ ކަމަށެެވެ. އޭގެ މާނައަކީ ވަކިވަކި ފަރުދުންނާ ދޭތެރޭ އެޅި ފިޔަވަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ސެނެޓްގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ހިމެނޭ ޑިމޮކްރެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ސިވިލް ސާވިސް އާއި ފޮރިން ސާވިސްގެ އެތައް ސަތޭކަ މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމުން ގައުމީ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ 1،000އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ