ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައްކަމަށް ބަޔާންކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހޭ އަނިޔާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
މި ގޮވައިލުން ގޮވައިލެއްވީ، ސެނެގާލްގެ ވެރިރަށް ޑާކާރގައި މި ފަހުން ބޭއްވި "ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް" ގައި ދިވެހިރާއްޖެ ތަމްސީލްކުރައްވައި، އޯ.އައި.ސީ. (އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން) އާއި ސައުދީ އަރަބިއްޔާއަށް ހުންނަވާ ދިވެހި ސަފީރު އަޙްމަދު ސަރީރު ކުރެއްވި ތަޤްރީރުގައެވެ.
ސަފީރު ސަރީރުގެ ތަޤްރީރުގައި ވަނީ އިރުމަތީ ޤުދުސް، ވެސްޓް ބޭންކް، އަދި ޣާޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހޭ އަނިޔާތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އޭނާ އިސްރާއީލުގެ އިސްތިޢުމާރީ ސިޔާސަތުތައް ސިފަކުރެއްވީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރުކުރުމާއި، މުދަލާއި ވަސީލަތްތައް އަތުލައިގަތުމާއި، އިންސާނީ ހައްޤުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ކަންތައްތަކެއްގެ ގޮތުގައެވެ.
ސަރީރު ފާހަގަކުރެއްވި ގޮތުގައި، މި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމާއި، އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓާލައި، ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އަނިޔާއަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތަކެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލެއްވުމަށް ވެސް ސަފީރު ސަރީރު ވަނީ ގޮވާލައްވާފައެވެ.
"ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް" އަކީ، ޔުނައިޓެޑް ނޭޝަންސް (އ.ދ.) ގެ ޤަރާރަކުން 1975 ވަނަ އަހަރު އުފައްދާފައިވާ ކޮމިޓީއެއް ކަމަށްވާ ސީ.އައި.އާރް.ޕީ.ޕީ. (ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިންއޭލިއަނަބަލް ރައިޓްސް އޮފް ދަ ފަލަސްތީނިއަން ޕީޕަލް) އިން އިންތިޒާމުކުރާ ބައްދަލުވުމެކެވެ. މި ކޮމިޓީގެ މަޤްޞަދަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤާއި، މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ ޙައްޤު ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ. ދިވެހިރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އޯ.އައި.ސީ. ގައި ހަރަކާތްތެރިވާ މެންބަރު ޤައުމެކެވެ.
މި ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ އ.ދ. ގެ ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިންއޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓީނިއަން ޕީޕަލް (ސީ.އައި.އާރް.ޕީ.ޕީ.) އަދި އޯ.އައި.ސީ. އިންނެވެ. ބައްދަލުވުމުގެ ޝިޢާރަކީ "ޕަލަސްތީނިއަން އޮޕްރެޝަން އެންޑް ޑިސްޕްލޭސްމަންޓް އިން ޖެރޫސަލަމް އިން ދަ ޝެޑޯ އޮފް ދަ ވޯ: އަ މައިކްރޮކޯސޮމް އޮފް ދަ ސިޓުއޭޝަން ތުރޫއައުޓް ދަ އޮކިއުޕައިޑް ޕަލަސްތީނިއަން ޓެރިޓަރީސް"އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައް: ދިވެހިރާއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ