ކޯލިޝަން ހެދުމަށް ރައީސް ނަޝީދުގެ ޓީމެއް ޖޭޕީއާއެކު މަޝްވަރާކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަނެއްގެ ގޮތުގައި ވާދަކުރުމާ ގުޅޭގޮތުން، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވަފުދެއް ޖޭޕީގެ ލީޑާޝިޕާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ޖޭޕީގެ މައި މަރުކަޒު، މ. ކުނޫޒުގައެވެ.
މި ބައްދަލުވުމުގައި ރައީސް ނަޝީދުގެ ޓީމުން ބައިވެރިވެވަޑައިގަތީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރުއެވެ.
ޖޭޕީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމްގެ އިތުރުން، ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ހުސެއިންގެ އިތުރުން ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު ރިޔާޒު ރަޝީދެވެ. މި ތިން ބޭފުޅުންނަކީ ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމާ ގުޅޭގޮތުން މަޝްވަރާތަކުގައި ބައިވެރިވުމަށް އުދައްދާފައިވާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅުންނެވެ. މި ކޮމިޓީ އުފައްދަވާފައިވަނީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން ވިދާޅުވީ، މި ބައްދަލުވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީއާއި ރައީސް ނަޝީދުގެ ޓީމުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ކުރަން ހުރި މަސައްކަތްތަކާ މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ދެބައި މީހުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތަކާމެދުގައި ކަމަށް އަމީން ވިދާޅުވިއެވެ. މިއީ މި ބައްދަލުވުންތަކުގެ ފެށުން ކަމަށާއި، ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ބައްދަލުވުންތަކެއް ބާއްވާނެކަން އަމީން ހާމަކުރެއްވިއެވެ.
ބައްދަލުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ، އެނިވަޑައިގަންނަވާނެ ފަދައިން އެމްޑީޕީގެ ރައީސް އަކީ ރައީސް ނަޝީދު ކަމަށާއި، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ރައީސް ނަޝީދުގެ އެދިލެއްވުމުގެ މަތިން ކަމަށެވެ. އެންމެ ދިގުކޮށް މި ބައްދަލުވުމުގައި ވާހަކަދެކެވުނީ ރައްޔިތުންނަށް ޚިދުމަތްކުރެވޭނެ ގޮތަށް ސިޔާސަތުތައް ކަނޑައަޅާ، ޖޭޕީން ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭއިރު، އެ ޕާޓީއާ ގުޅިގެން ސިޔާސަތުތަކެއް ކަނޑައެޅުމާ ގުޅޭގޮތުންކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
މިފަދަ އިތުރު ބައްދަލުވުމެއް މި އަންނަ ހަފްތާގެ ތެރޭގައި ވެސް ބާއްވަން ނިންމާފައިވާކަން އޭނާ ހާމަކުރެއްވިއެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަފުދެއް ޖޭޕީގެ މައި މަރުކަޒަށް ވަޑައިގެން މަޝްވަރާތަކެއް ބާއްވާފައި މިވަނީ އެމްޑީޕީއަށް އެންމެ ފައިދާހުރި ގޮތެއް ހޯދުމަށް އެ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިންކަމަށާއި މި މަސައްކަތަކީ އެމްޑީޕީގެ ހައްގުގައި ކުރައްވާ މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީން އިސްވެއޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމަށް ޖޭޕީން ނިންމާފައިވާއިރު، މި ކޯލިޝަން އުފެއްދުމަށް ނުވަތަ މިކަމުގައި ކުރިއަށް ދިއުމަށްޓަކައި އެ ޕާޓީގެ ލީޑާޝިޕުން މީގެކުރިން ވެސް ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. އެގޮތުން ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމާއި ޕާޓީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން ވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސްއާއި ސަލަފް ޖަމިއްޔާގެ އިސް މަސްއޫލުވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުން ނިންމާލެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނު ހުއްދަކުރާ ދާއިރާގެ ތެރޭގައި ހުރި ކޮންމެ މީހަކު ޕާޓީއަށް ތާއީދުކުރިޔަސް އެމީހަކާއިއެކު ކުރިއަށްދާން ތައްޔާރަށް ހުރި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ