ކޯޓުން ކޮންމެ ގޮތަކަށް ނިންމިޔަސް، ރާއްޖެއިން ބައެއް ދޫވިޔަ ނުދޭނަން: ނަޝީދު

ރާއްޖެ-މޮރިޝަސް މައްސަލާގައި ބައިނަލްއަގުވާމީ ކޯޓުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ރާއްޖެ ސަރަހައްދުން އެންމެ ތަންފުކެއް ވެސް ގެއްލުނަ ނުދެއްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިމުގެ މައްސަލާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ އާ ގުޅިގެން ރިޔާސަތުގައި އިންނެވި ނަޝީދު މިއަދު ވިދާޅުވީ އެ މައްސަލައިގެ ބޮޑުކަމާއި އޭގެ ސަބަބުން ރައްޔިތުންނަށް އަސަރު ކުރާ ގޮތް އެއްވެސް ފަރާތަށް އޮޅިފައި ނުވާ ކަމަށެވެ.
ރާއްޖޭގެ ސަރަހައްދުން އެއްވެސް ބަޔަކަށް ބަދަލު ގެނެވޭނީ މަޖިލީހުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކޮށްގެން ކަމަށް ގާނޫނުއަސާސީގައި ބުނާ ކަމަށާއި ނަމަވެސް އެއްވެސް ސަރަހައްދެއް އުނިވިއަކަ މި މަޖިލީހުން ނުދެއްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ސަރުކާރުން ކޮންމެ ބަޔަކާ އެކު އެއްބަސް ވިޔަސް ކޮންމެ ކޯޓަކުން ކޮންމެ ތަނަކުން ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ނިންމި ކަމުގައިވީ ނަމަވެސް އަޅުގަނޑު ދަންވާނީ ސަރަހައްދު ކުޑަ ކުރަން މި މަޖިލީހުން ހިންގަން ޖެހޭ އިޖުރާއަތްތައް މި މަޖިލީހުގެ މެންބަރުންނަށް އެދިވަޑައިގެނަންނަވައިގެން ދޫ ކޯށްލަން ފެނިވަޑައިގަތީމަ ދޫކޮށްލެވޭނީ." ނަޝީދު ވިދާޅުވި އެވެ.
އެ މައްސަލަ އަށް ބަހުސް ކުރައްވަމުން އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ "ފިކުރެގެ ދިރުން" ފެކްޝަންގެ މެންބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ސަރުކާރުން އެކަން ކުރީ ރައްޔިތުންގެ މަޖިލީހަށް ސިއްރުން ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ ހިމެނޭ ޑީލެއް ހިނގި ކަމަށް އެ މެންބަރުން ތުހުމަތު ކުރެއްވި އެވެ. އަދި އެއީ މި ސަރުކާރުން ރާއްޖޭގެ ބޮޑު ބައެއް ވިއްކާލުން ކަމަށް ވިދާޅުވެ އެ މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
ޗާގޮސް ޑީކޮލޮނައިޒޭޝަންގެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންގައި ބުނެފައި ވަނީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެެއްކަމާއި، އިނގިރޭސިވިލާތުން އެތަން މޮރިޝަސްއާ ހަވާލުކުރަން ޖެހޭ ކަމަށެވެ.
އެކަމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދީ މައްސަލައެއް ދިމާވެދާނެތީ ރާއްޖެއިން ވޯޓު ދިނީ އެކަމާ ދެކޮޅަށެވެ.
ނަމަވެސް މިދިޔަ އަހަރު ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވި އެވެ.
އަންނަ ހުކުރު ދުވަހު އެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އެ މައްސަލާގައި ގޮތެއް ނިންމާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ