ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ތަނެއްގައި ގޮވުމެއް ގޮވާ 17 މީހުން މަރުވީ ކަރަންޓް ޝޯޓަކުން: ޕާކިސްތާން

ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ގާއިމު ކޮށްފައި ވާ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ފެސިލިޓީއެއްގައި 2 ގޮވުމެއް ގޮވާ ގިނަ ބަޔަކު މަރުވި ހާދިސާ އަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ކުރިން ހީކުރެވުނަސް އެކަން ހިނގީ ކަރަންޓް ޝޯޓަކުން ކަމަށް ޕާކިސްތާން ފުލުހުން މިހާރު ބުނެފިއެވެ.
މަރުވި މީހުންގެ އަދަދު މިހާރު 17 އަށް އަރާފައި ވާ އިރު، ބާރު ގަދަ 2 ގޮވުމެއް ގޮވާ، އެންޓި ޓެރަރިޒަމް ފެސިލިޓީ (އިމާރާތް) ވަނީ ފުނޑުފުނޑުވެފައެވެ.
މަރުވި މީހުންގެ ތެރެގައި 9 ފުލުހަކާއި އެ ފެސިލިޓީގައި ބަންދު ކޮށްފައި ތިބި 5 މީހަކާއި އާންމުންގެ 3 މީހަކު ހިމެނެއެވެ. މީގެ އިތުރުން 50 އަށް ވުރެ ގިނަ މީހުން ޒަހަމްވި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޓެރަރިސްޓް ހަމަލާއެއް ކަމަށް ބަލައިގެން އެ ގޮވުމުގެ ތަހުގީގުވެސް ފެށިއެވެ. ނަމަވެސް އެއީ އެ ސްޓޭޝަނުގެ ބޭސްމަންޓްގައި ހުރި ސްޓޯރުގައި ކަރަންޓް ޝޯޓެއް ވެގެން ހިނގި ކަމެއް ކަން މިއަދު ވަނީ އެނގިފައެވެ. ހަބަރުތައް ބުނާގޮތުން އެ ތަނަކީ ގޮވާތަކެއްޗާއި ބަޑިބޭސް ރައްކާ ކޮށްފައި ހުރި ތަނެކެވެ.
މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން އެ ގޮވުންތައް ގޮވާފައި ވަނީ ދާދި ގާތްގާތުގައި ކަމުން، ކާރުތައް ވިއްސައިގެން ދިޔުމުގެ އިތުރުން ބައެއް ގަސް ވެސް ވަނީ ބިންދައިގެން ވެއްޓިފައެވެ.
ޕާކިސްތާނުގެ ރަށް ބޭރުގައި ހުންނަ ފުލުހުންގެ މަރުކަޒުތަކަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާ ދިނުމަކީ އާންމު ކަމެކެވެ. ދާދި ފަހުން މިފަދަ 2 ހަމަލާއެއް ފުލުހުންގެ މަރުކަޒުތަކަށް އަމާޒުވި އިރު 1 ހަމަލާ ދީފައި ވަނީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ފުލުހުން ގާއިމުވެ ތިބޭ މަރުކަޒަކަށެވެ. 2 ވަނަ ހަމަލާއެއް ދީފައި ވަނީ ރަށް ބޭރުގައި ހުންނަ ފުލުހުންގެ ޕޯސްޓަކަށެވެ. އެ ހަމަލާތަކުގައިވެސް ފުލުހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ