ދިވެހިންނަށް ގެއްލުން ނުވާ ގޮތަށް އުސޫލު ބަދަލުކުރަނީ

ތިލަފުށީގެ ސިނާއީ ސަރަހައްދުން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބިން ވިއްކާ އުސޫލު ދިވެހި ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް އިސްލާހުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.
ބިން ވިއްކާ އުސޫލާ ގުޅިގެން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ އިސްވެރިންނާއި ވިޔަފާރިވެރިންތަކެއް މިދިޔަ ހޯމަ ދުވަހު ވަނީ ރައީސް ސޯލިހާ ބައްދަލުކުރައްވާފަ އެވެ.
މަސީން ނެރުނު ބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގައި ތިލަފުށިން ބިން ވިއްކުމާއި ކުއްޔަށް ދިނުމަށް އެޗްޑީސީން ހަމަޖައްސާފައިވާ އުސޫލާ ބެހޭ ގޮތުން މަޝްވަރާކުރައްވައި ދިވެހިންގެ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަކަށް އިސްލާހު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ މިކަމުގައި ހުރި ގިނަ ކަންބޮޑުވުންތަކެއް ރައީސްއާ ހިއްސާކުރައްވާފަ އެވެ.
ތިލަފުށިން 50 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް އެޗްޑީސީން އާއްމުކޮށް ހުޅުވާލީ މިމަހުގެ 7 ވަނަ ދުވަހު އެވެ.
އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ ތިލަފުށީގެ ބިމުގެ ދަތިކަން ހައްލު ކުރުމަށް 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އަލަށް ހިއްކާ ބިމުގެ 90 ޕަސަންޓު ދިވެހި ވިޔަފާރިތަކަށް ހާއްސަ ކުރުމަށް ނިންމަފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެފަރާތްތަކަށް ބިން ދިނުމަށް ކަނޑައަޅާފައިވަނީ ކުލި ކޮންޓްރޯލް ކުރެވޭނެ އުޞޫލުތަކުގެ ތެރެއިން ކަމަށް ވެސް އެޗްޑީސީއިން ބުނެ އެވެ. އަދި ތިލަފުއްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ނޫން ކަމަށާއި، ބޭރުގެ ވިޔަފާރިތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ނިސްބަތުން މަދު ބިންތަކަކަށްކަން އެ ކޯޕަރޭޝަނުން ފާހަގަކުރެ އެވެ.
އެޗްޑީސީން ބުނީ ބޭރުގެ ވިޔަފާރިތައް ވެސް އަމަލުކުރަންޖެހޭނީ ރާއްޖޭގައި މިހާރު ހެދިފައިވާ ޤާނޫނުތަކާއި ކަމާބެހޭ އިދާރާތަކުން ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ