ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ޚާއްސަ ދަފްތަރެއް ޑިޖިޓަލައިޒްކޮށް، މިއަހަރުގެ ތެރޭގައި ތަޢާރަފް ކުރާނެ ކަަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ އެފަދަ ނިޒާމެއް އެކުލަވާލުމުގެ ސަބަބުން ލޭ ހަދިޔާ ކުރާ ފަރާތްތަކާއި ލޭ ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެކަމަށެވެ. މީގެ އިތުރުން، ވަންގަވް ޕޯޓަލް މެދުވެރިކޮށް ތެލަސީމިއާ ކުދިންގެ ރަޖިސްޓްރީ ބެލެހެއްޓޭނެ ނިޒާމް މިހާރު ޤާއިމްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަދައްކަވަމުން، ސީއީއޯ ވަނީ މި ސަރުކާރު އައި ފަހުން ތެލަސީމިއާ ބަލި ހުންނަ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދާދިނުމަށާއި، އެ ފަރާތްތަކަށް ލިބެން ޖެހޭ ފަރުވާ ހަރުދަނާ ކުރުމަށް ކޮށްފައިވާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން މިއަހަރުގެ ފެބްރުވަރީ މަހު ޑީއެންއޭ ލެބޯޓަރީގެ ޚިދުމަތް ފަށައި ހުކުރު ދުވަހު ވެސް އެ ތަނުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، ހުކުރު ދުވަހު ލޭ އެޅުމުގެ ޚިދުމަތް ދޭން ފެށުމަކީ ތެލަސީމިއާ ސެންޓަރުން ޚިދުމަތުގައި ހޭދަކުރި 35 އަހަރުގެ ދިގު ތާރީޚުގައި ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައި ރައްޒާގް ވަނީ ސިފަކުރައްވާފައެވެ.
"2025 ވަނަ އަހަރުގެ ޖުލައި މަހު އެންޑޯކްރައިނޮލޮޖީގެ ޚިދުމަތް ފަށާފައިވާއިރު، 2025ގެ އޮގަސްޓް މަހުން ފެށިގެން ހިމޮޓޮލޮޖީގެ ޚިދުމަތާއިި، އެޗަލެ ޓައިޕިން އަދި ބޯން މެރޯ އާއި ގުޅޭ ޓެސްޓުތަކުގެ ޚިދުމަތް ވިޒިޓިން ކޮންސަލްޓެންޓުންގެ އެހީތެރިކަމާއެކު ދަނީ ފޯރުކޮށްދެމުން."ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
ލޭ އަޅާ މީހުންގެ ދުވަހެއް ފާހަގަކުރުމަކީ ހަމައެކަނި ބައިނަލްއަޤުވާމީ މުނާސަބަތެއް ނޫން ކަަމަށާއި، އެއީ އޯގާވަންތަކަމާއި ހިތްހެޔޮ އެންމެ ސާފު ނިޝާނެއް ކަމަށް ސީއީއޯ ޢަބްދުއްރައްޒާގް ހަލީމް ވިދާޅުވިއެވެ. ޚާއްސަކޮށް މުސްލިމް ޤައުމެއްގެ ހައިސިއްޔަތުން މިފަދަ އާދަތައް މި މުޖުތަމައުގައި އަށަގެންނެވުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެއްވެސް އެދުމެއް ނެތި ވެދޭ މި ދީލަތި އެހީ އަކީ ދުވަހަކު ވެސް ބައްދަލު ނުވާ އެތައް ބަޔަކަށް ޝިފާ ލިބުމަށް މަގުފަހިވާ ކަމެއް. އެއީ އަމިއްލަ އެދުމަށް ވުރެ އެހެން މީހުން އިސްކުރުމުގެ ވަރުގަދަ ސިފަ އެއް. ލޭ ހަދިޔާކުރުމުގައި ވަކިވަކި ފަރުދުންނާއި އަމިއްލަ ފަރާތްތަކާއި ރިސޯޓްތަކުން ދޭ އެހީތަކަށް ޝުކުރު އަދާކުރަން. މި އެހީތެރިކަމަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށް ލިބޭ ބާރެއް." ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
ތެލަސީމިއާ ބަލި ހުންނަ ފަރާތްތަކަކީ، ޤަވާއިދުން ލޭ އަޅަން ޖެހޭ ފަރާތްތައް ކަމަށް ވުމާއި ލޭ ލިބުމުގައި އިތުބާރު ހިފޭ ނިޒާމެއް ޤާއިމްވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމެއް ކަމަށްވުމާއެކު ތެލަސީމިއާ ބަލި ހުންނަ މީހުންނަށް ދޭ ފަރުވާ ފުރިހަމަ ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ދަފްތަރެއް ޑިޖިޓަލައިޒްކޮށް މިއަހަރު ތެރޭގައި ތަޢާރަފްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ