ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރާ މައްސަލައިގައި ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން އެމްޑީޕީން ނިންމައިފި
ސިޔާސީ ގޮތުން ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަކިކުރާ މައްސަލައިގައި، މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖުކުރަން އެމްޑީޕީން މިރޭ ނިންމައިފިއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހޮވިވަޑައިގަތް ފަހުން މިރޭ ވަނީ ފުރަތަމަ ގައުމީ މަޖިލިސް ބައްދަލުވުން ބާއްވައިފައެވެ. އެމަނިކުފާނު ރިޔާސަތުގައި އިންނަވައި ހުށަހެޅުއްވި ގަރާރުގައި ފާހަގަކުރައްވާފައި ވަނީ މަގުބޫލުކަން ގެއްލިފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ނިކަމެތިކަން ލިބެމުންދާ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުތަކަށް ބޯނުލަނބައި ކަން ކުރަމުންދާތީ އެކަމުގެ ތަކުލީފު ރައްޔިތުން އުފުލަން ޖެހޭ ކަމީ އެ ޕާޓީއަށް ބަލަން ނުތިބެވޭނެ ކަމެއް ކަމަށް އެ ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ. އެ ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ސެކްރެޓޭރިއެޓުންނެވެ. https://x.com/MDPSecretariat/status/2066561157327192163 އެ ގަރާރުގައި ވަނީ މައިގަނޑު ދެ ކަމެއް ފާހަގަކުރައްވައިފައެވެ. ފުރަތަމަ ކަމަކީ އަތޮޅުތެރޭގެ ތަރައްގީގެ ޕްރޮޖެކްޓުތައް ހުއްޓިފައި ހުރުމެވެ. އެގޮތުން މިދިޔަ އެމްޑީޕީ ސަރުކާރު ނިމުނުއިރު 90 ޕަސެންޓާ ގާތަށް ނިމިފައި ހުރި ޕްރޮޖެކްޓްތައް ވެސް ކުރިއަށް ނުގެންގޮސް ހުއްޓާލާފައި ހުރިކަން ވަނީ ފާހަގަކޮށްފައެވެ. ޚާއްސަކޮށް ބައެއް ރަށްރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތައް ނުހިނގާކަން އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ. ދެވަނަ ކަމަކަށް ގަރާރުގައު ފާހަގަކުރީ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ ބައެއް މީހުން ވަޒީފާއިން ވަކިކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ހުށަހެޅި މައްސަލައެވެ. އެ ގަރާރުގައި ތުހުމަތުކުރި ގޮތުގައި ސަރުކާރުން އެކަން ކުރަނީ ގާނޫނާ ގަވާއިދުތަކާ ޚިލާފަަށެވެ. ޚާއްސަކޮށް އެމްޑީޕީއަށް ތާއީދުކުރާ މީހުންނާ މެދު އެ ފިޔަވަޅުތައް އަޅަމުން ދަނީ އެއްވެސް އިންސާފެއް ނެތި ކަމަށް ބުނެފައިވެއެވެ. އެ ގަރާރު މިރޭ ފާސްކޮށްފައި ވަނީ މައިގަނޑު ތިން ކަމަކަމަށެވެ. އެއީ: އެމްޑީޕީން ރަށު ކައުންސިލްތަކާއެކު މަސައްކަތްކުރުމަށް. ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރާތީއާއި ސިޔާސީ ދައުވާތައް އުފުލާފައިވާ މީހުންގެ މައްސަލައާ ގުޅިގެން އެކަމާ ދެކޮޅަށް މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖުކުރުމަށް. އެފަދަ މީހުންނަށް އެމްޑީޕީގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެހެނިހެން އެހީ ދިނުމަށް. މި ގަރާރު ވަނީ މިރޭގެ ބައްދަލުމަށް ވަޑައިގެންނެވި ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ