ސުމަކުން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރީ ރައީސް ޔާމީން: ޑރ މުއިއްޒު

ސުމަކުން ފައްޓަވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ތަރައްޤީގެ ހުރިހާ މަސައްކަތެއް ކޮށްދެއްވީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ކަމަށް އެމަނިކުފާނުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 
ޕީޕީއެމް ހުޅުމާލޭ ދާއިރާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މާހެފުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ހުޅުމާލެއަކީ، ވަކިން ޚާއްސަކޮށް ހުޅުމާލޭގެ ދެވަނަ ފިޔަަވައްސަކީ ރައީސް ޔާމީން ޤައުމަށްޓަކައި ގެނެސްދެއްވި ތަރައްޤީގެ އެންމެ ބޮޑު މިސާލުކަމަށެވެ. 
ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ އެމަނިކުފާނުގެ ޒައާމަތުގައި ހިއްކަވާ ތަރައްގީ ކުރަން ފެއްޓެވި ތަނެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.
Advertisement
ހުޅުމާލޭ ފޭސް ތިނެއްގެ ނަމުގައި ސަރުކާރުން މަސައްކަތްތަކެއް ކުރާކަމަށް ބުނަމުން ދިޔަ ނަމަވެސް ދެވަނަ ފިޔަވަހީގެ އިތުރުން އެންމެ ބިންކޮޅެއްވެސް ސަރުކާރުން ހިއްކާގައި ނުވާކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
އެއާއެކު ޑރ މުއިއްޒުގެ ވާހަކައިގައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފެނިގެންދާ ތަރައްގީގެ މަޝްރޫއުތައް ނިސްބަތްވަނީ ރައީސް ޔާމިނަށް ކަން ފާހަގަކުރައްވާފަ އެވެ. 
"ހުޅުމާލެއަކީ ރައީސް ޔާމީންގެ ޒައާމަތުގައި، ޚާއްސަކޮށް ދެވަނަ ފިޔަވަހި އެއީ އެމަނިކުފާނުގެ ޒައާމަތުގައި ޤައުމަށްޓަކައި ގެނެސްދެއްވި ތަރައްގީގެ އެންމެ ބޮޑު އެއް މިސާލު. ފުރަތަމަ ފިޔަވަހީގަވެސް ތަރައްގީގެ ގިނަ ގިނަ ކަންތައްތަކެއް، ވަރަށް ގިނަ ކަންތައްތަކެއް އެމަނިކުފާނުގެ ޒައާމަތުގައި ވަނީ ކޮށްދެއްވާފަ. އަދި ދެވަނަ ފިޔަވަހި އެއީ ސުމަކުން ފެށިގެން ހުރިހާ މަސައްކަތެއް ރައީސް ޔާމީންގެ ޒައާމަތުގައި ފައްޓަވާ ކުރިއަށް ގެންދަން ފަށާފައިވާ މަސައްކަތްތަކެއް" 
މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު 
ހުޅުމާލެއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދައިދީ އިޤްތިޞާދީގޮތުން ފުދުންތެރި، ހޭލުންތެރި ބަޔަކަށް ރައްޔިތުން ހެދުމަށްޓަކައި ސަރުކާރުން ތަރައްޤީކުރަމުންދާ ރަށެކެވެ. 
ރައީސް ޔާމީންގެ ޒައާމަތުގައި ވަނީ އެ ރަށް ތަރައްޤީކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގޮތުގައި 245 ހެކްޓަރުގެ ބޮޑު ސަރަޙައްދެއް ހިއްކާ، ހިއްކި ސަރަޙައްދު ހިމާޔަތްކުރުމަށް ބޮޑު ހިލަ ޖަހާފަ އެވެ. 
އެމަނިކުފާނުގެ ތަސައްވުރާއި އެއްގޮތަށް އެތަން ތަރައްޤީކޮށް ނިމޭއިރު އެތަނުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި އެތައް ބައިވަރު ފްލެޓުތައް ހިމެނޭގޮތަށް އުސް ޓަވަރުތައް ޤާއިމްކޮށްފައި ހުންނާނެއެވެ.
އޭގެ އިތުރުން ފަސޭހައިން އެއްތާކުން މުދާތައް ލިބޭ ބޮޑެތި މޯލްތަކާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަަށްޓަކައި އިޤްތިޞާދީ ސަރަހައްދަކާއި، ޔޮޓް މެރީނާއަކާއި، ނޮލެޖުޕާކެއް އޮންނާނެ އެވެ. 
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް ރައީސް ޔާމީން ކުރައްވާފައިވާ މަސައްކަތްޕުޅަށް ޑރ މުއިއްޒު ތަޢުރީފު ކުރައްވާފައިވާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހު ތަރައްޤީކުރުމަށް ރައީސް ޔާމީން އެކުލަވާލާފައިވާ މާސްޓާ ޕްލޭނާއި އެއްގޮތަށް އެ މަސައްކަތް ކުރިއަށް ނުދާކަން މީގެ ކުރިން ޑރ މުއިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ