ހުޅުމާލޭ ހައުސިން ޔުނިޓްތަކުގައި ޤާއިމުކުރި ސޯލާ ޕީވީ އިން ކަރަންޓު އުފައްދަން ފަށައިފި

ހުޅުމާލޭ ހައުސިން ޔުނިޓްތަކުގައި ޤާއިމުކުރި ސޯލަރ ޕީވީ އިން ކަރަންޓު އުފައްދަން ފަށައިފިއެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ ހުޅުމާލޭ ލިންކް ރޯޑްގާއި ހުޅުމާލޭ ހައުސިން ޔުނިޓްތަކުގެ ފުރާޅުގައި ޤާއިމުކުރާ ސޯލަރ ޕީވީ ނިޒާމުގެ ތެރެއިން ހައުސިން ޔުނިޓްތަކުގެ ފުރާޅުގައި ޤާއިމުކުރާ ސޯލަރ ޕީވީގެ އަމަލީ މަސައްކަތް ނިމި، އެޕެނަލްތަކުން ކަރަންޓު އުފައްދަން ފަށަފައިވާ ކަމަށެވެ.
މިއީ ވޯލްޑް ބޭންކްގެ އެހީގައި އެ މިނިސްޓްރީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ.
މި ނިޒާމުގެ ދަށުން ޖުމްލަ ޤާއިމު ކުރާ 5.6 މެގަވޮޓްގެ ތެރެއިން ހައުސިން ޔުނިޓްތަކުގެ ފުރާޅުގައި 400 ކިލޯވޮޓްގެ ސޯލަރ ޕީވީ ގާއިމުކޮށްފައިވާއިރު، 5 މެގަވޮޓްގެ ސޯލަރ ޕީވީ ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ހުޅުމާލޭ ލިންކްރޯޑާއި ހުޅުމާލެ ބޯށިމާ ހިނގުމުގައި ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން އެސްޕަޔަރގެ ދެވަނަ ފިޔަފަހީގެ ދަށުން ހުޅުލެ ހުޅުމާލޭގައި 5.6 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމް ކުރަން ހުޅުވާލި ފުރުސަތުގައި 21 ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި މި މަސައްކަތުގެ ބީލަން ކާމިޔާބު ކުރީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑުން ކަމަށް ވެސް ބުނެއެވެ.
މިގޮތުން އެ ކުންފުނިން ވަނީ ސޯލަރ ޕީވީ މޮޑިއުލްތައް ޖެހުމަށް ލިންކް ރޯޑުގެ މެދުގައި ހުސްކޮށް އޮންނަ ޓްރެފިކް އައިލެންޑް ސަރަހައްދުގެ އިތުރުން އިރުމަތީ ފަރާތު މޫދާވީ ފަޅިގައި ގަލްވަނައިޒްޑް ސްޓީލް ކެނޮޕީ ސްޓްރަކްޗަރތަކެއް ޤާއިމުކޮށްފައެވެ.
މި ސްޓްރަކްޗަރގެ މަތީގައި ސޯލަރ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި، ސޯލާރގެ ނިޒާމުގެ ނެޓްވާރކު ގެ ހުރިހާބައެއް ޤާއިމުކޮށް ސްޓެކްލޯގެ ނެޓްވާރކާއި ގުޅާލެވި ޕެނަލްތަކުން ކަރަންޓް އުފައްދަން ފަށާނެކަމަށް އަންދާޒާ ކުރެވެނީ 2023 ވަނަ އަހަރުގެ 2 ވަނަ ކުއާރޓަރ ނިމުމުގެ ކުރިން ކަމަށް އެ ވުޒާރާ އިން ބުނެއެވެ.
މީގެ އިތުރުން ރާއްޖޭގައި މިހައިތަނަށް އެއް ކޮންޓެރެއްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލަރ ޕީވީ ނިޒާމެއް ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ސަބަބުން ދައުލަތުން ތެލަށް ކުރާ ޚަރަދު ކުޑަވެގެން ދާނެކަމަށް ވެސް ބުނެއެވެ.
ހަމަމިއާއެކު މި މަޝްރޫއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށް ތެލަށް ކުރާ ހޭދައިން މަދުވެގެން 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ތެލަށް ކުރާ ހޭދައިން ކުޑަކުރެވޭނެ ކަމަށް ވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ