މޫނުބުރުގާ އަޅާ ކުދިންގެ މައްސަލަ އާޒިމާގެ އެހީގައި ސިވިލް ކޯޓަށް

އަރަބިއްޔާ ސުކޫލުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ދަރިވަރުން އުނގެނުމުން މަހުރޫމުކުރާ މައްސަލަ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ އެހީގައި އަރަބިއްޔާގެ ބެލެނިވެރިން ސިވިލް ކޯޓަށް ހުށައަޅައިފިއެވެ.
މިކަން ހާމަކޮށް ކޯޓުގައި މައްސަލަ ތަމްސީލުކުރާ ފަރާތްކަމަށްވާ ރެހެންދި ޗެންބާސްއިން ނެރުނު ބަޔާނެއްގައިވަނީ މި މައްސަލަ ބެލެނިވެރިންގެ ފަރާތުން ކޯޓަށް ހުށައެޅީ ގާނޫނު އަސާސީގައި ބަޔާންވެފައިވާ ތައުލީމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މިގޮތުން ފަށާ ތައުލީމާއި މެދު މަދުރަސީ ތައުލީމު ދިނުމަކީ ގާނޫނު އަސާސީން މައިންބަފައިންނަށާއި ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށްވީއިރު އެއްވެސް ކުއްޖަކު އުނގެނުމުގެ ހައްގުން މަހުރޫމު ނުކުރުމަށް ގާނޫނު އަސާސީން ދައުލަތުގެ މައްޗަށް މަތިކޮށްފައިވާ ކަމަށެވެ.
އަދި ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައިވެސް ކުދިން ތައުލީމުން މަހުރޫމު ނުކުރެވޭ ގޮތައް ދައުލަތުގެ ސިޔާސަތު ބައްޓަންކުރުމަށް ބާރުއަޅާ ކަމަށްވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން މޫނު ބުރުގާއަކީ ދިވެހި މުޖުތަމައު ބަލައިގަންނަ ގާނޫނީ ގޮތުން ހެދުން އެޅުމުގެ ހުއްދަ އާދަކާދައަކަށް ވީއިރު މިފަދަ ހަރުކަށި ނިންމުމެއް ސަރުކާރުން ނިންމައިފިނަމަ އަރަބިއްޔާއަށް ކިޔަވަންދާ ކުދިންގެ ތެރެއިން މޫނު ކަޝްފުކުރަން ބޭނުންނުވާ ދަރިވަރުން ދާނެ އިތުރު ސުކޫލެއްނެތި ތައުލީމުގެ ފުރުސަތުން އެކުދިން މަހުރޫމު ވާނެ ކަމަށާއި މީގެ ސަބަބުން ތައުލީމާއި ނަފްސާނީ ދުޅަހެޔޮކަމާއި ކުދިންގެ މުސްތަގުބަލަށް ގެއްލުންވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
އަރަބިއްޔާ ސުކޫލުގެ ދަރިވަރުންނާއިމެދު ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބުރޫއަރަމުންދާތީއާއިވެސް އެކުގައި މި މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް ކުރެވެންދެން މޫނުބުރުގާ އަޅައިގެން ކިޔަވަންދާ ކުދިންނަށް ސުކޫލަށް ހާޒިރު ނުވެވޭފަދަ އެއްވެސްކަމެއް ނުކުރުމަށް ދައުލަތާއި ތައުލީމީ ވުޒާރާގެ މައްޗަށާއި މީގެ އިތުރުން އަރަބިއްޔާ ސުކޫލުގެ މެނޭޖުމަންޓްގެ މައްޗަށްވެސް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ކޯޓަށް ހުށައެޅި މައްސަލައިގައި ބެލެނިވެރިންގެ ފަރާތުން އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ