ސްޓެލްކޯ އިން ދެން ކަރަންޓު ބިލު ފޮނުވާނީ ކުނި ނެގުމުގެ ފީ ހިމަނައިގެން

ސްޓެލްކޯ އިން ގޭބިސީތަކަށް ފޮނުވާ ކަރަންޓު ބިލުގައި ކުނި ނެގުމުގެ ފީ ހިމަނަން ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ސްޓެލްކޯ އިން އެއްބަސްވެއްޖެ އެވެ.
އެކަމަށްޓަކައި ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުއެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ.
ކުނި ބިލު ނުދައްކާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީއާއި ވެމްކޯ އަދި ސްޓެލްކޯ ގުޅިގެން މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ މާލެ ސަރަހައްދުގެ ގޭބީސީ ތަކުން ކުނި އުކާލުމުގެ ފީގެ ގޮތުގައި ވެމްކޯ އަށް ދައްކަންޖެހޭ ފީ، ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމެނުމަށެވެ.
އެކަމަށްޓަކައި ސަރުކާރުން ވަނީ ގަވާއިދެއްވެސް އެކުލަވާލައިފަ އެވެ. އެ ގަވާއިދުގެ ދަށުން އަންނަ ޖޫން މަހުން ފެށިގެން ސްޓެލްކޯ އިން ގޭބީސީތަކަށް ފޮނުވާ ކަރަންޓު ބިލުގައި ވަކި ލައިން އައިޓަމެއް ގޮތުގައި ކުނި ނެގުމުގެ ފީގެ ގޮތުގައި 150 ރުފިޔާގެ ފިކްސްޑް ޗާޖެއް ހިމަނާނެ އެވެ.
ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ކަރަންޓު ބިލާ އެކު ކުނި ނެގުމުގެ ފީ ދެއްކޭ ގޮތް ވުމުން ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް އެ ބަދަލު ގެންނަ ފުރަތަމަ ދުވަސްކޮޅު ކުދިކުދި މައްސަލަތައް ދިމާވާނެ އެކަން އެންގުމުން މައްސަލަ ހައްލުކޮށްދޭނެ ކަމަށެވެ.
ވެމްކޯ އިން މަައުލޫމާތު ދޭ ގޮތުގައި ކޮމާޝަލް ކަރަންޓު މީޓަރުތަކަށް ޗާޖު ކުރާނީ އެ ފަރާތެއް ވެމްކޯގައި ރަޖިސްޓްރީ ވެފައިވާނަމަ އެކަންޏެވެ. ރަޖިސްޓްރީ ނުކުރާ ނަމަ އެ ކޮމާޝަލް ޔުނިޓަކުން ކުންޏެއް ނުނަގާނެ އެވެ. އަދި ކުނި ނެގުމުގެ ފީވެސް ބިލުކުރާނީ ސްޓެލްކޯ އިން ގެންގުޅޭ ބިލިން ސައިކަލާ އެއްގޮތަށެވެ.
ސްޓެލްކޯގެ ބިލުކުރަމުން އަންނަ އާންމު އުސޫލާ އެއްގޮތަށް ކަރަންޓު ބިލު 28 ދުވަހަށް ތައްޔާރުކޮށްފައިވާ ނަމަ، އެ ބިލާއެކު ކުނި ނެގުމުގެ ފީގެ ގޮތުގައިވެސް ޗާޖުކުރާނީ މަހު ފީން 28 ދުވަހަށް ޖެހޭ އަދަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ