އަބްދުﷲ ގެ މަރުގައި ފުލުހުންގެ އިހުމާލެއްވާ ކަމަށް ސާބިތެއްނުވޭ: އިމްރާން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިދިޔަ އަހަރު މަރުވި އަބްދުﷲ ރަޝީދު، ސާވެން / ގދ. ހޯނޑެއްދޫ، މަރުވުމުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ހޯޑެއްދޫގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި އަބްދުﷲ މަރުވީ، އޭނާ މޭގައި ރިއްސާތީ ޑޮކްޓަރަށް ގެންދަން އެދުމުން ފުލުހުން އެކަމަށް އިންކާރުކުރުމުން ކަމަށާއި، އަބްދުﷲ ގދ. މަޑަވެލި ސިއްހީ މަރުކަޒަށް ގެންގޮސްފައި ވަނީ އޭނާ މަރުވިތާ ބައިގަޑިއިރު ފަހުން ކަމަށް، އާއިލާއިން މީގެ ކުރިން ބުނެފައިވެއެވެ.
އަބްދުﷲ މަރުވީ ފުލުހުންގެ އިހުމާލުންތޯ ބެލުމަށްޓަކައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި އެޗްއާރުސީއެމުން މައްސަލަ ތަހްގީގުކުރިއެވެ. އޭނާގެ ޕޯސްޓްމޯޓަމް ހަދާފައި ވަނީ ވެސް އާއިލާގެ ނުރުހުމުގައެވެ.
އަންނަ ބުރާސްފަތި ދުވަހު އަބްދުﷲ ގެ މަރަށް ހަތް މަސް ފުރޭނެ ކަމަށް ވިދާޅުވެ، މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވަނީ ތަހްގީގުން ކުރެވުނީ ކޮން ކަމެއްތޯ އިމްރާނާ ސުވާލު ކުރައްވައިފައެވެ.
ފިރުޝާން ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ، އެކަމުގައި އޭނާ ޔަގީންކުރައްވަން ބޭނުންވީ، އަބްދުﷲ މަރުވީ ފުލުހުންގެ ސީދާ އަމަލެއް އޮވެގެންތޯ، ނުވަތަ ފުލުހުންގެ އިހުމާލެއް އޮވެގެންތޯ ކަމަށެވެ. ނަމަވެސް އޭނާ މަރުވީ ފުލުހުންގެ އިހުމާލެއް އޮވެގެން ކަން ތަހްގީގަށް ސާބިތުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވި ގޮތުގައި، ފުލުހުންގެ ތަހްގީގުން ސާބިތުނުވާ ކަމަކަށް އެއްވެސް ފިޔަވަޅެއް އެޅޭކަށް ނޯންނާނެއެވެ.
ހޯނޑެއްދޫ އިން އަބްދުﷲ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާގެ އިތުރުން ދެ މީހަކު އެ އޮޕަރޭޝަންގައި ހައްޔަރުކުރިއެވެ. އަބްދުﷲ މަޑަވެލި ސިއްހީ މަރުކަޒަށް ގެންގޮސްފައި ވަނީ މަރުވިތާ ބައިގަޑިއިރު ފަހުން ކަމަށް އާއިލާ އިން ބުނި ނަމަވެސް، ފުލުހުން ބުނި ގޮތުގައި، ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ