މެމްބަރު ޒަރީރު މަރާލަން އުޅުނު މައްސަލައިގައި ހޯދަމުންދިޔަ ގައްބަރޭ ފުލުހުންނާ ހަވާލުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު މަރާލަން އުޅުނު މައްސަލާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދަމުންދިޔަ ކ. މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) (32އ) އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރާއިން ބުނީ، އިބްރާހީމް ޢަބްދުﷲ އަމިއްލައަށް ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުވުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިބްރާހިމް ޢަބްދުﷲ ހޯދަމުންދިޔައީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައެވެ.
ފުލުހުން، ގައްބަރޭ ހޯދުމުގެ މަސައްކަތް ކުރަމުންދިޔައިރު އޭނާ ހުރީ މާލޭގައި ކަމަށް ވެއެވެ.
"ވީނިއުސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޯދަމުންދިޔައީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު މަރާލަން އުޅުނު މައްސަލައާ ގުޅުމެއް އޮވެގެންނެވެ.
ގައްބަރޭއަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައީސެވެ.
އޭނާއަކީ އުމުރުން އެންމެ 16 އަހަރުގައި، 2007 ވަނަ އަހަރު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އުފުލައިފައެވެ.
ނަމަވެސް ހެކި ނެތުމުގެ ސަބަބުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް 2010 ވަނަ އަހަރު ކުޑަކުދިންގެ މައްސަލަތައް ބަލާ ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ