މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ވަކިކުރުމަށް ހުށަހެޅި ޤަރާރުގެ މައްސަލަ އަންނަ އާދިއްތަ ދުވަހު ބާއްވާ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޠިމް މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރުގެ ބަހުސްގައި، ދިފާއުގައި ވާހަކަ ދެއްކުމަށް 10 މިނެޓުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމާފައެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ނާޠިމް ވަކިކުރަން މަޖިލީހަށް ޤަރާރެއް ހުށަހަޅާފައިވަނީ، މި މަހުގެ 14 ވަނަ ދުވަހުއެވެ. މި މައްސަލައަކީ، ޤާނޫނުއަސާސީއާއި މަޖިލީހުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާ މައްސަލައެއް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މި ޤަރާރުގެ ބަހުސް ކުރިއަށްގެންދާނެ ގޮތުގެ ތަފްސީލުތައް އާންމު ކޮމިޓީގެ ކަނޑައަޅާފައިވައިރު، މިކަމަށް ބަހުސްކުރުމަށް ކަނޑައަޅާފައިވާ އެއް ގަޑިއިރުގެ ވަގުތުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ވަގުތު ބަހާލާއިރު، ކޮންމެ މެންބަރަކަށް ވާހަކަ ދެއްކުމަށް ލިބޭނީ 3 މިނެޓުގެ އެއް ފުރުސަތެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޠިމަށް ޖަވާބުދާރީވުމަށް 10 މިނެޓުގެ ވަގުތު ދިނުމަށް ނިންމާފައިވަނީ، ބަހުސް ފެށުމުގެ ކުރިންނެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހެޅުމަށްފަހު، އެ ޤަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ އެހެން އެއްވެސް ކަމަކާ ގުޅޭގޮތުން ބަހުސްކުރެވިގެން ނުވާނެއެވެ. އަދި މިފަދަ ބަހުސެއް ހިނގާ ޖަލްސާއެއްގައި ބައިވެރިވެ، އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުމުގެ ޙައްޤު އެ ބޭފުޅަކަށް ލިބިގެންވީ ނަމަވެސް، އެ މައްސަލައިގައި ނަގާ ވޯޓުގައި ބައިވެރިވެވަޑައެއް ނުގަނެވޭނެއެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ، މަޖިލީހުގެ ރައީސެވެ. އަދި މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިވާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ޤަރާރު ފާސްވުމުން ކަމަށްވެސް މަޖިލީހުގެ ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ