ކެނެޑާގެ އާ ގަވަރނަރ ޖެނެރަލަށް ރައީސްގެ ތަހުނިޔާ

ކެނެޑާގެ ގަވަރނަރ ޖެނެރަލް އަދި ކޮމާންޑާ އިން ޗީފްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ލުއީސް އަރބަރ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރައީސްގެ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި 31 ވަނަ ކެނެޑާގެ ގަވަރނަރ ޖެނެރަލް އަދި ކޮމާންޑާ އިން ޗީފްގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ސަރުކާރާއި ރައްޔިތުންގެ ނަމުގައި މަރުހަބާ ދަންނަވާފަ އެވެ.
އާ ގަވަރނަރ ޖެނެރަލްގެ ދައުރުގައި ކެނެޑާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިވެ، ދެ ގައުމަށާއި ދެގައުމުގެ ރައްޔިތުންނަށް އޭގެ މަންފާ އެންމެ ފުރިހަމައަށް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ އެކަމަނާ އަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެންފަ އެވެ. އަދި ކެނެޑާގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްޙައާއި ކުރިއެރުމަށްވެސް ރައީސް ވަނީ އެދިވަޑައިގަންނަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ