ކައިލީއަށް ދެވަނަ ފަހަރަށް ކެންސަރު ޖެހުނު ނަމަވެސް، އެކަން ސިއްރުކޮށްފައިވާކަން ހާމަކޮށްފި
ނެޓްފްލިކްސްއިން މިދިޔަ ބުދަ ދުވަހު ރިލީޒްކުރި ޑޮކިއުމެންޓްރީގައި އޮސްޓްރޭލިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކައިލީ މިނޯގް ވަނީ، 2021 ވަނަ އަހަރުގެ ކުރީކޮޅު އޭނާއަށް ދެވަނަ ފަހަރަށް ކެންސަރު ޖެހުނުކަން ހާމަކޮށްފައެވެ. މި ޑޮކިއުމެންޓްރީގައި ކައިލީ ބުނެފައިވާ ގޮތުގައި، އެ ދުވަސްވަރު އޭނާ ހުރީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ތިން އެޕިސޯޑެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ޑޮކިއުމެންޓްރީގައި، އުމުރުން 57 އަހަރުގެ ކައިލީ ވަނީ ބަލީގެ ސަބަބުން އޭނާއަށް ކުރިމަތިވި ނަފްސާނީ ގޮންޖެހުންތަކާ މެދު ވާހަކަދައްކާފައެވެ. އަދި 2005 ވަނަ އަހަރު ފުރަތަމަ ފަހަރަށް އުރަމަތީގެ ކެންސަރު ޖެހުނުއިރު މީޑިއާގެ ބޮޑު ސަމާލުކަމެއް އެކަމަށް ލިބިފައި އޮތް ނަމަވެސް، މިފަހަރު އެކަން ސިއްރުކުރަން ނިންމި ސަބަބު ކައިލީ ކިޔައިދިނެވެ. "ދެވަނަ ފަހަރަށް އަހަންނަށް ކެންސަރު ޖެހުނީ 2021ގެ ކުރީކޮޅު. ފުރަތަމަ ފަހަރާ ހިލާފަށް، މިފަހަރު އެކަން ސިއްރުކޮށްގެން ހުރުމުގެ ފުރުސަތު އަހަންނަށް ލިބުނު" ކައިލީ 'ދަ ގާޑިއަން' ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ. "އިރާދަފުޅާއެކު، އަނެއްކާވެސް އަހަންނަށް މި ބަލިން އަރައިގަނެވިއްޖެ. މިހާރު ހުރިހާ ކަމެއްވެސް ރަނގަޅު. ކުރިއަށް އޮތީ ކޮންފަދަ ކަންތައްތަކެއް ކަމެއް ނޭނގޭ، އެކަމަކު މިއުޒިކަކީ އަހަންނަށް ހިތްވަރުދޭ ކަމެއް" ކައިލީ ބުނެފައިވެއެވެ. ކައިލީ، އޭނާގެ މައިންބަފައިންނާ އެކު--ފޮޓޯ/ދަގާޑިއަން ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ މި ލަވަކިޔުންތެރިޔާ ބުނި ގޮތުގައި، ފުރަތަމަ ފަހަރު ބަލިޖެހުނު ދުވަސްވަރު މީޑިއާތަކުން އެކަން ވަރަށް ބޮޑަށް ކަވަރުކުރަމުން ދިއުމުގެ ސަބަބުން، އޭނާގެ އަމިއްލަ ހަށިގަނޑުގެ މައްޗަށް އޮތް ބާރު ކެނޑިފައިވާ ކަމުގެ އިހުސާސް ކުރެވުނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވާނެ ގޮތަކާމެދު އޭރު ވަރަށް ބޮޑަށް ބިރުގަތް ކަމަށްވެސް ކައިލީ ވަނީ ބުނެފައެވެ. ކައިލީ ފާހަގަކުރި ގޮތުގައި، 2023 ވަނަ އަހަރު ކައިލީގެ މަޝްހޫރު ލަވަ 'ޕަޑަމް ޕަޑަމް' ނެރުނު ދުވަސްވަރު ވެސް، ބަލީގެ ވާހަކަ އާންމުކުރުމާމެދު އެތައް ފަހަރަކު ވިސްނިއެވެ. ނަމަވެސް އެ ވަގުތަކީ ކައިލީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ވަގުތަކަށް ވާތީ، އެ ވާހަކަ ނުދެއްކުމަށް އޭރު ނިންމީއެވެ. "އަހަރެން ބޭނުންވީ މިހާރު މި ވާހަކަ ހާމަކުރަން، އޭރުން އެ ހިތްދަތި ހަނދާންތަކުން އަހަންނަށް މިންޖުވެވޭނެ. އޭރު އެކި އިންޓަވިއުތަކުގައި އިށީނދެގެން އިނދެ، މިއީ އެ ވާހަކަ ބުނަންވީ ވަގުތޭ ހިތަށްއަރާ، އެކަމަކު އެކަން ސިއްރުކުރީ،" ކައިލީ ކިޔައިދިނެވެ. ކައިލީ މިއުޒިކް ކޮންސެޓެއްގައި ލަވައެއް ހުށަހަޅައިދެނީ--ފޮޓޯ/ދަގާޑިއަން ކައިލީ ބުނި ގޮތުގައި އެ ދަތި އުނދަގޫ ދުވަސްވަރު ހިތްހަމަޖެހުން ލިބުނީ މިއުޒިކުންނެވެ. ވަކިން ހާއްސަކޮށް، 2023ގައި ނެރުނު 'ޓެންޝަން' އަލްބަމްގައި ހިމެނޭ 'ސްޓޯރީ' ނަމަކަށް ކިޔާ ލަވައަކީ ކައިލީ ސިއްރުން ކުރި އެ ހިތްދަތި ތަޖުރިބާ ރަމްޒުކޮށްދޭ ލަވައެއް ކަމަށް ކައިލީ ވަނީ ބުނެފައެވެ. ކައިލީ މިނޯގަށް އެންމެ ފުރަތަމަ އުރަމަތީގެ ކެންސަރު ޖެހުނީ 2005 ވަނަ އަހަރުއެވެ. އެ ފަހަރު އޮޕަރޭޝަނަކާއި ކީމޯތެރަޕީ ހެދުމަށްފަހު، 2006 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކައިލީ ވަނީ އެ ބަލިން ފަސޭހަވެފައެވެ. ކައިލީ ބުނި ގޮތުގައި މި ޑޮކިއުމެންޓްރީ ތައްޔާރުކުރުމަކީ އޭނާގެ ހަޔާތުގެ މުހިންމު ނިންމުންތަކާއި ކުރިމަތިވި ބޮޑެތި ހާދިސާތައް އަލުން ބަލާލުމަށް ލިބުނު ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ