ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަހަރު ބާއްވާ ދެވަނަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕު ލ. އަތޮޅު ގަމުގައި ބޭއްވުމަށް ނިންމައިފިއެވެ. މި ކޭމްޕު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19އިން 20އަށެވެ.
ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން ކުރިއަށްގެންދާ މި ހެލްތު ކޭމްޕަކީ ލ. އަތޮޅާއި އެ ސަރަޙައްދުގެ ރަށްރަށުގެ ރައްޔިތުންނަށް، މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، ރަށާއި ގާތުން ބަލިތަކުގެ ޚާއްޞަ ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދު ހިލޭ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ހިންގާ ހަރަކާތެއްކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.
މި ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ބަލިމީހުން ބައްލަވާނެއެވެ. އެގޮތުން ހިތުގެ ބަލިތައް، ހޯރމޯންގެ ބަލިތައް، ކަރުންމަތީގެ ބަލިތައް، އާންމު ސާޖަރީ، ކަށީގެ ބަލިތައް، ފުއްޕާމޭގެ ބަލިތައް އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން މި ކޭމްޕުގައި ބައިވެރިވާނެއެވެ.
މި ކޭމްޕުގެ ތެރެއިން ޑޮކްޓަރަށް ދެއްކުމުގެ އިތުރުން، ބަލިތަކުން ރައްކާތެރިވުމާއި، ބަލިތައް ކުރިއަށް ދެނެގަތުމަށް ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތަކާއި ހެލްތު ސްކްރީނިންގްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންނަށް ޚާއްޞަ ތަމްރީނު ސެޝަނަކާއި، ގަމުގެ ދަރިވަރުންނަށް ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަނެއް ކުރިއަށްގެންދިއުމަށްވެސް ހަމަޖެހިފައިވެއެވެ.
ލ. ގަމުގައި ބާއްވާ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްޞަ ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށާއި، ދާއިރާގެ ކުރިއެރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން ބާއްވާ 18 ވަނަ ހެލްތު ކޭމްޕެވެ.
މި ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން ލ. އަތޮޅު ހޮސްޕިޓަލަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ލ. އަތޮޅުގައި ހެލްތު ކޭމްޕެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ