ލަންކާއިން އަނެއްކާވެސް ތެލުގެ އަގު ބޮޑުކޮށްފި؛ މިފަހަރު %6

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ބެއިލްއައުޓް ޕްރޮގްރާމާ ގުޅިފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ދަށުންނާއި ހަކަތައިގެ ސަބްސިޑީތައް މުޅިން ކަނޑާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެއްގެ ގޮތުން، ސްރީ ލަންކާއިން ތެލުގެ އަގު 6އާ ހަމައަށް މިއަދު ބޮޑުކޮށްފި އެވެ.
ސަރުކާރުގެ ހިއްސާ އޮންނަ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން ބުނި ގޮތުގައި، ޕެޓްރޯލް ލީޓަރެއްގެ އަގު 410 ސްރީލަންކަން ރުޕީސްއިން 434 ރުޕީސްއަށް ބޮޑުކޮށްފައިވާއިރު، ޑީސަލް ލީޓަރެއްގެ އަގު ވަނީ 392 ރުޕީސްއިން 407 ރުޕީސްއަށް ބޮޑުކޮށްފަ އެވެ.
މި އަގުތަކަށް ބަދަލު މިގެނައީ، ގައުމުގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް އެހީތެރިވުމުގެ ގޮތުން 2023 ވަނަ އަހަރު އެއްބަސްވި 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖުގެ ދަށުން 695 މިލިއަން ޑޮލަރުގެ އިންސްޓޯލްމަންޓެއް އައިއެމްއެފް އިން ދޫކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އައިއެމްއެފް އިން ލަންކާއަށް ގޮވާލާފައިވަނީ ތެލާއި ކަރަންޓުގެ ހިދުމަތަށް ހިނގާ ހުރިހާ ހަރަދެއް ދެކޮޅުޖެއްސޭނެ ގޮތް ކަށަވަރުކުރުމަށެވެ.
އައިއެމްއެފް އިން އާންމުކުރި ސިޓީއެއްގައި، ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަ ވިދާޅުވެފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ތެލުގެ ސަބްސިޑީތައް މުޅިން ކަނޑާލެވޭނެ ކަމަށެވެ.
ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ލަންކާއިން ވަނީ ޕެޓްރޯލާއި ޑީސަލްގެ އަގު ގާތްގަނޑަކަށް %48 ބޮޑުކޮށްފަ އެވެ. އަދި ކަރަންޓުގެ އަގުތައް ވަނީ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔަށް ބޮޑުވެފަ އެވެ. ކޮލަމްބޯއިން އިންޒާރުދީފައިވާ ގޮތުގައި، މެދުއިރުމަތީގެ ނުތަނަވަސްކަން ދިގުލައިގެން ހިނގައްޖެ ނަމަ، 46 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ނުދެއްކި ބަނގުރޫޓުވާން ޖެހުނު 2022 ވަނަ އަހަރުގެ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅޭނެ އެވެ.
ލަންކާއަކީ ބޭނުންވާ ހުރިހާ ތެލާއި ހަކަތައިގެ ބާވަތްތައް ބޭރުން އިމްޕޯޓްކުރާ ގައުމަކަށް ވުމުން، ދުނިޔޭގެ ތެލުގެ އެކްސްޕޯޓްގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅީގެ ނުތަނަވަސްކަމާ ގުޅިގެން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ ނުރައްކާ އެ ގައުމަށް އަދިވެސް ނުހަނު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ