ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރި 137 ބައިވެރިއަކު ދިވެހި ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް ކާމިޔާބީއާއެކު ނިންމާލައިފިއެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނުގެ އެންމެ ފުރަތަމަ ބެޗު ނިންމާ، ސިފައިންގެ ހިދުމަތާ ގުޅުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ޒުވާނުން މިހާރު ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށެވެ. މި ބެޗުގައި ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ”ދިވެހި ވަތަނީ ޚިދުމަތް“ ޕްރޮގްރާމަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފެށި މުހިންމު މަސައްކަތެކެވެ. ކޯހުން އެކި ވަނަތައް ހާސިލްކުރި ފަރާތްތަކަށް މަރުޙަބާ ދަންނަވަމުން، ގައުމީ ހިދުމަތަށް ނުކުތް ހުރިހާ ޒުވާނުންނަށް ރައީސް ވަނީ އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ.
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން އިންތިޒާމުކުރި މި ކޯސް ކުރިއަށް ދިޔައީ މާޗް މަހުގެ 7 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށެވެ. މި ތަމްރީނުތައް ބާއްވާފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ޓްރެއިނިން ސެންޓަރުގައެވެ.
ސިފައިންގެ އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ ފަރާތްތަކަށް، ސިފައިންގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ބޭނުންވާ އިލްމާއި ހުނަރު އުނގަންނައިދިނުމަށް ހިންގާ ކޯހެކެވެ. މި ކޯހުގެ މައިގަނޑު މަގްސަދަކީ ގައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަހްލާގު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ ހަށިހެޔޮ ސިފައިންގެ ބަޔަކު އުފެއްދުމެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗުގެ 137 ބައިވެރިއަކު ސިފައިންގެ އަސާސީ ތަމްރީނު ފުރިހަމަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ