ރިޔާސީ ޓިކެޓުގެ ޝައުގުގައި ބަޔަކު މަސައްކަތް ކުރުމަކީ މައްސަލައެއް ނޫން، ފަހުވަގުތު ތިބޭނީ އެކުގައި: ނިޔާޒް

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ހުރުމުން އެ އަމާޒަށް މަސައްކަތް ކުރައްވާ ބަޔަކު ޕާޓީގެ އެތެރޭގައި ތިބުމަކީ މައްސަލައެއް ނޫންކަމަށް ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.
2028 ގެ ރިޔާސީ އިންތިހާބުގެ ޓިކެޓުގެ ޝައުގުވެރިކަން ހުރިނަމަވެސް، މިހާތަނަށް ޕާޓީގެ ތެރެއިން އެކަން އިއުލާނު ކުރައްވާފައި ވަނީ ފައްޔާޒް އިސްމާއިލް އެކަންޏެވެ. އަދި މީޑިއާތަކުގައި އާންމުކޮށް ނަންތައް ދައުރުވާ ބޭފުޅުން ރިޔާސީ ރޭހާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ދެކޮޅު ހައްދަވަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި، މާލޭގެ މޭޔަރު އާދަމް އާޒިމް ހިމެނެ އެވެ. ނޫސްވެރިންގެ އެކި ބައްދަލުވުންތަކުގައި ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ކުރާ ސުވާލުތަކަށް އެބޭފުޅުން ސީދާ ޖަވާބެއް ނުދެއްވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުން ފައްޔާޒް އިސްތިއުފާ ދެއްވިއިރު، މަގާމުން ދުރުވާ އެއް ސަބަބެއްކަމަށް އޭނާ ވިދާޅުވީ ޕާޓީގައި ރިޔާސީ ރޭހަށް ޝައުގުވެރިވާ އެހެން ބޭފުޅުން ވެސް ތިބުމާއި އެކު ކެމްޕެއިނުގެ ކަންކަން ހަމަހަމަކަމާއި އެކު ކުރިޔަށް ގެންދިއުމަށް ކަމަށެވެ.
އެމްޑީޕީގެ އެތޭގައި އިންތިހާބަށް އުފެދިފައިވާ މައްސަލަތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ނިޔާޒް ވިދާޅުވީ ބައިބައިވެގެން ދިއުމުގެ ސަބަބުން ނިކުންނާނެ ނަތީޖާ ޕާޓީއަށް ވަރަށް ގާތުން ފެނިގެން ގޮސްފައިވާކަމަށެވެ. އެހެންކަމުން ދެން އަނެއްކާވެސް ޕާޓީ ރޫޅި، ގެއްލުންތަކެއް ލިބޭ ގޮތަށް އެއްވެސް ބޭފުޅަކު މަސައްކަތް ކުރައްވަފާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ނިޔާޒް ވިދާޅުވި އެވެ.
ބައެއް ބޭފުޅުން އިންތިހާބަށް އިއުލާނު ނުކޮށް ކެމްޕެއިން ކުރައްވަމުން ގެންދިއުމާއި، އޮތް މައްސަލަތަކަށް ސުވާލު ކުރުމުން ނިޔާޒް ވިދާޅުވީ އެ ޝައުގުގައި ފާޅުގައިވިޔަސް އަދި ނުވަތަ ސިއްރުގޮތަކަށް ވިޔަސް މަސައްކަތް ކުރުމަކީ މައްސަލައެއްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. މިއީ ސިޔާސީ ޕާޓީއެއް ކަމުން އެގޮތަށް ކަންކަން ދިއުމަކީ މައްސަލައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ޗެއާޕާސަންކަން ބޭނުންވާ ނުވަތަ މި ޕާޓީގެ އެކި އެކި އިންތިހާބީ މަގާމުތަކަށް ދާން ބޭނުންވާ މީހުންނަށް… އެ ފުރުސަތު ހުޅުވިފަ އޮތީ އެމްޑީޕީގަ. އެހެންވީމަ ކޮންމެ މީހަކަސް އެ ފުރުސަތެއް އެ ފުރުސަތުގަ އެބޭފުޅުން މަސައްކަތް ކުރައްވާނެ.. ދެން އަޅުގަނޑު ހަމަ ގަބޫލުކުރަނީ އެމްޑީޕީގެ އެންމެ އަސާސީ އެއް ސިފައަކީ ވާދަވެރި އިންތިހާބުތަކުގައި ވާދަކޮށް އަދި އެއިންތިހާބު ކާމިޔާބު ކުރާ މީހާޔަށް ގައުމީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީން މަސައްކަތް ކުރުން. އެކަން އެމްޑީޕީގެ މެންބަރަކަށް ވާ ހިސާބުން އެމީހާ ގަބޫލުކުރާނެ. އެގޮތަށް ގަބޫލުކޮށްފައި އޮތީމަ އަޅުގަނޑުމެން މިދެންނެވީ މަދު ފަހަރެއްގައި އެހެން ނުވާ ވާހަކައެއް ނޫން. އެހެންނަމަވެސް އޭގެ ސަބަބުން ވީގެއްލުން ވެސް އެނގިއްޖެ. އެހެންވީމަ އެކަން އެގޮތަށް ވާނެކަމަކަށް ގަބޫލެއް ނުކުރަން.
ނިޔާޒް ވިދާޅުވީ ސިޔާސީ ޕާޓީއަކީ ޖަމިއްޔާއެއް ނޫން ކަމަށާއި، ޕާޓީއެއްގައި މަސައްކަތް ކުރާނީ ސިޔާސީ ގޮތުން ކުރިއަރަން ބޭނުންވާ ފަރާތްތައް ކަމަށެވެ. އެގޮތުން، ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ފަރާތްތަކާއި، ޗެއާޕާސަންކަން ނުވަތަ ޕާޓީގެ އެކި އެކި އިންތިހާބީ މަގާމުތަކަށް ދާން ބޭނުންވާ މީހުން ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ. އެ ފުރުސަތުތައް އެމްޑީޕީން އެތެރޭގައި ހުޅުވާލެވިފައިވުމާއިއެކު، ކޮންމެ މީހަކުވެސް އެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް އިތުރަށް ވިދާޅުވީ އެމްޑީޕީގެ އެންމެ އަސާސީ އެއް ސިފައަކީ ވާދަވެރި އިންތިހާބުތަކުގައި ވާދަކޮށް، އެ އިންތިހާބު ކާމިޔާބު ކުރާ ފަރާތަށް ގައުމީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ޕާޓީން މަސައްކަތް ކުރުން ކަމަށެވެ. އެމްޑީޕީގެ މެންބަރަކަށް ވުމާއެކު މިކަން ގަބޫލުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އަރާރުންވުމާއި ދެބަސްވުންތަކަކީ އެމްޑީޕީ ތެރޭގައި އަބަދުވެސް އޮންނަކަމެއްގެ ގޮތުގައި ފާހަގަކޮށް، ނިޔާޒް ވިދާޅުވީ ޑިމޮކްރަސީއެއްގައި ކަން ހިނގާ ގޮތަކީ ވެސް އެއީކަމަށެވެ. އެމްޑީޕީގައި ގައުމީ މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގައި ވެސް ވަރަށް ބޮޑެތި ބަހުސްތަކެއް ކުރެވޭއިރު، ބައެއް ކަންކަމުގައި ހިޔާލުތަފާތުވުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް ނިޔާޒް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަކަށް ވާދަކުރައްވާ އެކި ފަރާތްތަކުން އެކި ޕޮލިސީތަކަށް ވާހަކަ ދައްކާނެ ކަމަށާއި، މި ޕޮލިސީތަކަށް އެންމެން އެއްބަސްވާން ނުޖެހޭކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެންމެފަހުން ޕާޓީގެ ސިޔާސަތަކަށް ވެގެންދަނީ އިންތިހާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު ހުށަހަޅާ، އަދި ޕާޓީގެ ގައުމީ މަޖިލީހުން ނުވަތަ ކޮންގްރެސްއިން ނިންމާ ނިންމުމަމާއި އެކު ކުރިޔަށް ދިއުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ