މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބިން ގަތުމަށް 15 ބިލިއަން ރުފިޔާ ޗާޕުކުރަން ނިންމުމަކީ ފަރުވާކުޑަ އަދި ޒިންމާދާރުކުޑަ ކަމެއް ކަމަށް އެމްޑީޕީގެ ރައީީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވެފައިވަނީ އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ބިމުގެ ބަދަލުގައި އެމްއެމްއޭ އިން 15 ބިލިއަން ރުފިޔާ ޗާޕުކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޓްވީޓެއްގައެވެ. ޝާހިދު ވިދާޅުވެފައިވަނީ މި ނިންމުމަކީ އައިއެމްއެފް، ވޯލްޑް ބޭންކް އަދި އިގްތިސާދީ ކަންކަމާ ބެހޭ އިސް މާހިރުންގެ ނަސޭހަތާ ފުށުއަރާ ނިންމުމެއް ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، މިވަގުތު ދިވެހިރާއްޖޭގެ ފިސްކަލް ކޮންސޮލިޑޭޝަން އަދި މަނިޓަރީ ޓައިޓަނިންގ ބޭނުންވެފައިވާ ހާލަތުގައި، ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ އިގްތިސާދު ތެރެއަށް ފައިސާ ޗާޕުކޮށް ނެރެ، މިވަގުތު ދިވެހިރާއްޖެ ތަހައްމަލު ކުރަމުންދާ އިންފްލޭޝަންގެ އަލިފާނަށް ދަރު އަޅައި، ދިވެހިރާއްޖޭގެ ކަރަންސީގެ އަގު ދަށްކޮށް، ދިވެހިރާއްޖޭގެ އިގްތިސާދަށް ލޮޅުން އަންނަނިވި ކަންކަން ކުރަމުންނެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ، ސަރުކާރުގެ މި ފަރުވާކުޑަ ސިޔާސަތުގެ ސަބަބުން ކުރިމަތިވާ ތަކުލީފާއި ބުރަ އުފުލަން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށެވެ. މީގެ ތެރޭގައި ކާބޯތަކެއްޗާއި ތެލާއި ޒަރޫރީ މުދަލުގެ އަގުތައް އުފުލިގެން ދިޔުމާއި، ދިވެހި ރުފިޔާ ބަލިކަށިވެ ޑޮލަރު ގަތުމަށް އުނދަގޫވުމާއި، ކުރިއަށް އޮތްތާގައި ޓެކްސް ބޮޑުވެ، އާންމު ޚިދުމަތްތަކަށް ބަދަލު އަންނާނެ ކަމަށް ފާހަގަކުރެއްވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ، އެމްއެމްއޭއަށް ބިމެއް ބޭނުންނުވާ ކަމަށާއި ރިއަލް އެސްޓޭޓް ގަތުމުގެ އެއްވެސް މެންޑޭޓެއް ނެތް ކަމަށެވެ. އަދި ސަރުކާރުން ވަނީ ފައިސާއަށް ބޭނުންޖެހިފައި ކަމަށާއި، ދިވެހިރާއްޖެއާއި އެހެން ޤައުމުތަކާ އޮތް ޚާރިޖީ ސިޔާސަތު ނާކާމިޔާބުވެފައި އޮތް ތަނުވަޅުގައި، ބޭރުން ފައިނޭންސް ހޯދޭނެ އެއްވެސް ގޮތެއް ނެތް ހާލަތުގައި ސަރުކާރުން ދަނީ ފައިސާ ހޯދޭނެ ހުރިހާ ކަމެއް ކުރަމުން ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުގެ މި ނިންމުމަކީ އެމްއެމްއޭގެ ޤާނޫނާއި މާލީ ޒިންމާގެ ޤާނޫނާ ޚިލާފުވާ ކަމެއް ކަމަށެވެ. އަދި އެއީ ދިވެހިރާއްޖޭގެ މައި ބޭންކުގެ ބާރު ފާޅުކަން ބޮޑު ގޮތެއްގައި ނަހަމަ ގޮތުގައި ބޭނުންކޮށް، އިޤްތިޞާދު އިތުރަށް ދަށަށް ދިގު މުއްދަތަކަށް ނުތަނަވަސްކަމެއްގެ ތެރެއަށް ދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވެފައިވަނީ، ސަރުކާރުގެ ނާޤާބިލުކަމާއި އަދި ރަނގަޅު ގޮތުގައި މެނޭޖްނުކުރެވުމުގެ ސަބަބުން ކުރިމަތިވާ ކަންތައްތަކުގެ ތަކުލީފު ދިވެހި ރައްޔިތުން އުފުލާކަށް ނުޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ކުރިމަތިވެދާނެ އަނބުރާ ނުގެނެވޭނެ ވަރުގެ ގެއްލުން ލިބުމުގެ ކުރިން މިކަން ހުއްޓުވަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްއެމްއޭއިން ބިންގަތުމަށް 15 ބިލިއަން ރުފިޔާ ޗާޕުކުރުމަކީ ފަރުވާކުޑަ އަދި ޒިންމާދާރު ކުޑަ ކަމެއް: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ