ހޮސްޕިޓަލްތަކުގެ ކްރިޓިކަލް އޭރިއާތަކަށް ކަރަންޓު ފޯރުކޮށްދެވިއްޖެ

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރެއިން ހުރިހާ ކްރިޓިކަލް އޭރިއާތަކަށް ކަރަންޓު ފޯރުކޮށްދެވިފައިވާ ކަމަށް އެ ގުރޫޕުގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގައި، މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ 4 ހޮސްޕިޓަލާއި އެމްބީއެސްގެ ތެރެއިން ވިލިމާލެ ހޮސްޕިޓަލް ފިޔަވާ އެހެން ހުރިހާ ތަނަކުން ކަރަންޓު ކެނޑުނު ނަމަވެސް، ބެކަޕް ޕަވަރ ސިސްޓަމް މެދުވެރިކޮށް ހުރިހާ ކްރިޓިކަލް އޭރިއާތަކަށް ކަރަންޓު ފޯރުކޮށްދެވިފައިވާ ކަމަށް އަބްދުއްރައްޒާގް ވިދާޅުވިއެވެ.
”މި މައްސަލައިގައި ޕޭޝަންޓުންގެ ފަރުވާއަށް އެއްވެސް ބުރުލެއް ނާރާނެ. ހުރިހާ ކްރިޓިކަލް އޭރިއާތަކަށްވެސް ކަރަންޓު ލިބިފައިވޭ،“ އަބްދުއްރައްޒާގް ވިދާޅުވިއެވެ.
އިތުރު ތަފްސީލު ދެއްވަމުން އަބްދުއްރައްޒާގް ވިދާޅުވީ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު އަނބުރާ ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ހުޅުމާލެ ހޮސްޕިޓަލާއި ބްލަޑް ސާވިސަސް މި ވަގުތު ހިންގަމުންދަނީ ބެކަޕް ޕަވަރ ސިސްޓަމް މެދުވެރިކޮށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލެ ސަރަހައްދުގެ ގިނަ ސަރަހައްދުތަކަކުން ކަރަންޓު ކެނޑިފައިވަނީ މިއަދު ހެނދުނުއެވެ. ސްޓެލްކޯއިން ވަނީ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ