ސިރީގެ މައްސަލަތައް ހައްލުކުރަން އެޕަލް އޮތީ ތައްޔާރަށް؛ އާ ބަދަލުތައް މިރޭ އިއުލާންކުރަނީ
އެޕަލްގެ ވާޗުއަލް އެސިސްޓަންޓް "ސިރީ" އަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ވާދަވެރިންނަށް ވުރެ ފަހަތަށް ގޮސްފައިވާކަން ގަބޫލުކޮށް، އެކަންކަން އެއްކޮށް ހައްލުކުރުމަށް އެޕަލް ކުންފުނިން ބޮޑު އިސްލާހީ ބަދަލެއް ގެނައުމަށް މިވަނީ ތައްޔާރުވެފައެވެ. އިންވެސްޓަރުންނާއި މާކެޓުން އެޕަލްގެ އޭއައި ސްޓްރެޓެޖީއާ ބެހޭގޮތުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައި، ސިރީއަށް ގެންނަ މި އާ ބަދަލުތައް ރަސްމީކޮށް އިއުލާން ކުރާނީ މިރޭ ރާއްޖޭ ގަޑިން 10:00 ގައި ފަށާ އެޕަލްގެ އަހަރީ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) ގައެވެ. މި ބަދަލާއެކު، 15 އަހަރުވެފައިވާ ސިރީ، އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އަދި ގޫގުލްގެ ޖެމިނައި ފަދަ ޒަމާނީ އޭއައި ޓޫލްތަކާ އެއްވަރަކަށް ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ. https://sun.mv/223007 މިއީ އެޕަލްގެ މިހާރުގެ ސީއީއޯ ޓިމް ކުކް، އެ މަގާމުގައި ހުރެ ބާއްވާ އެންމެ ފަހުގެ ބޮޑު ހަރަކާތަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން އެޕަލްގެ އާ ސީއީއޯގެ މަގާމާ ހާޑްވެއާ އިންޖިނިއަރިންގެ އިސްވެރިޔާ ޖޯން ޓާނަސް ހަވާލުވާއިރު، ޓިމް ކުކް ބަދަލުވާނީ ބޯޑް އޮފް ޑިރެކްޓާސްގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމަށެވެ. އެހެންކަމުން ކުންފުނީގެ އޭއައިގެ މުސްތަގުބަލު ބައްޓަންކުރުމުގެ ބޮޑު ޒިންމާ ދެން އޮންނާނީ އާ ސީއީއޯގެ ކޮނޑުގައެވެ. އޭއައިގެ ރޭހުގައި އެޕަލް ފަހަތަށް ގޮސްފައިވާ ކަމަށް ބުނެ ގިނަ ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އެޕަލްއިން މީގެ ކުރިން އިއުލާންކުރި "އެޕަލް އިންޓެލިޖަންސް" ގެ ބައެއް ފީޗާތައް ލަސްވަމުންދާއިރު، މިހާރު ހުރި ޓޫލްތަކަކީ ވާދަވެރި ކުންފުނިތަކާ އަޅާބަލާއިރު އެހާ ފާހަގަކޮށްލެވޭ ޓޫލްތަކެއް ނޫންކަމަށް މާހިރުން ބުނެއެވެ. ގޫގުލްއާއި އޯޕަންއޭއައިއިން ބޭނުންކުރާ މީހުންގެ މުޅި މަސައްކަތްތައް އަމިއްލައަށް ކޮށްދޭ ފަދަ އޭއައި އެޖެންޓުން ތައާރަފްކުރަމުންދާއިރު، އެޕަލްއަށް އަދި އެ ހިސާބަށް ދެވިފައެއް ނުވެއެވެ. އާ ސިރީގެ މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި އެޕަލްއިން ވަނީ ގޫގުލްއާ އެކު ޕާޓްނަޝިޕެއް ހަދާފައެވެ. ގޫގުލްގެ ޖެމިނައި މޮޑެލްތައް ބޭނުންކޮށްގެން ސިރީގެ ޚިދުމަތްތައް ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް މާކެޓް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. އާ ބަދަލާއެކު އެއް ކޮމާންޑަކުން ގިނަ މަސައްކަތްތަކެއް އެއްފަހަރާ ކުރުމުގެ ގާބިލުކަން ސިރީއަށް ލިބިގެންދާނެއެވެ. ދުނިޔޭގެ ބާޒާރުގައި އެޕަލްގެ 2.5 ބިލިއަނަށްވުރެ ގިނަ ޑިވައިސް ބޭނުންކުރަމުންދާއިރު، މިއީ އެޕަލްއަށް އޮތް ބޮޑު ފުރުސަތެކެވެ. ނަމަވެސް މިހާރު ބޭނުންކުރަމުންދާ އައިފޯންތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ފޯނަކީ "އެޕަލް އިންޓެލިޖަންސް" ސަޕޯޓްކުރާ ފޯނުތަކެއް ނޫނެވެ. އެހެންކަމުން، އާ އޭއައި ފީޗާތަކުގެ ބޭނުން ހިފުމަށްޓަކައި ގިނަ ބަޔަކު އާ ފޯނުތަކަށް ބަދަލުވާން ޖެހޭނެތީ، މިއީ އެޕަލްގެ ވިޔަފާރި ކުރިއެރުވުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ