ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުތައް އަންދާޒާކުރި މިންގަނޑުގައި ހިފެހެއްޓުމަކީ މި ސަރުކާރުން ހޯދި މުހިންމު ކާމިޔާބީއެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު މިހެން ވިދާޅުވީ، އިއްޔެ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ވޭތުވެދިޔަ އަހަރުތަކާ ޚިލާފަށް، މިއަހަރުގެ ބަޖެޓުގެ އަދަދުތައް ހަމަހަމަކޮށް ހިފެހެއްޓިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އެޅުއްވި ހަރުދަނާ އިޤްތިޞާދީ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މުންދު ވިދާޅުވިއެވެ. އަދި މި ނަތީޖާ ހާސިލުކުރެވުނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އެޅުނު އުނދަގޫ، ނަމަވެސް ކޮންމެހެން ބޭނުންތެރި ފިޔަވަޅުތަކެއްގެ ސަބަބުންކަން އޭނާ ފާހަގަކުރެއްވިއެވެ.
މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ޖުމްލަ ޚަރަދު ހުންނާނެ ކަމަށް ލަފާކުރީ 49.2 ބިލިއަން ރުފިޔާގައެވެ. ނަމަވެސް އަހަރު ނިމުނުއިރު ޚަރަދު ހުރީ 44.2 ބިލިއަން ރުފިޔާގައެވެ. މިއީ އަންދާޒާކުރި އަދަދަށްވުރެ 5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. މީގެ އިތުރުން، އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް، އަހަރު ނިމުނުއިރު 39.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މުންދު ވިދާޅުވި ގޮތުގައި މީގެ ކުރިން ބަޖެޓު ފާސްކުރާއިރު ލަފާކުރާ އަދަދަށްވުރެ އިތުރަށް ޚަރަދުވެ، ބޮޑެތި ސަޕްލިމެންޓަރީ ބަޖެޓުތައް ހުށަހަޅަން ޖެހުނު ނަމަވެސް، މިހާރު ފެންނަމުންދަނީ މާލީ ނިޒާމަށް އަންނަމުންދާ ހެޔޮ ބަދަލުތަކެކެވެ. މި ބަދަލުތަކުގެ ތެރޭގައި ޓެކުހާ ގުޅޭ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއި، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކުހަށް ގެނައި އިސްލާހުތައް ހިމެނެއެވެ.
ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތަކާ ގުޅޭގޮތުން މުންދު ވިދާޅުވީ، ”ބައެއް ފިޔަވަޅުތަކަކީ ދުރު މުސްތަޤްބަލަށް ވިސްނައިގެން އަޅަންޖެހޭ ފިޔަވަޅުތައް. ސަރުކާރުން އެކަންކުރީ އެގޮތަށް ވިސްނައިގެން. އެއީ ރައްޔިތުންގެ މެދުގައި މަޤްބޫލު ފިޔަވަޅުތަކަކަށް ނުވިޔަސް، އެ ފިޔަވަޅުގެ ސަބަބުން މިއަދުގެ ޙާލަތު ރަނގަޅު، މިއަދު ފިޔަވަޅުތައް ނޭޅިނަމަ މާދަމާ ރައްޔިތުންނަށް އޮތީ އުނދަގޫ ދުވަސްތަކެއް“ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ދަރަނި ކުޑަކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކަށް ބުރޫނާރާނެހެން އިޤްތިޞާދު ހަމަ މަގަށް އެޅުވުން ކަމަށް މުންދު ތަކުރާރުކުރެއްވިއެވެ. އަދި ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އިސްކަންދެނީ ދެފުށް ފެންނަ، ޒިންމާދާރު ސިޔާސަތުތަކަކަށް ކަމަށާއި، މި މަސައްކަތުގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ މާލީ އިތުބާރު ވަރުގަދަވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުތައް އަންދާޒާކުރި މިންގަނޑުގައި ހިފެހެއްޓުމަކީ ސަރުކާރުން ހޯދި ކާމިޔާބީއެއް: މުންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ