އީރާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަޝްވަރާތަކުގައި އަވަސްއަރުވާނުލުމަށް އެމެރިކާގެ މަންދޫބުންނަށް އަންގާފައިވާނެ ކަމަށާއި، އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
މިކަމާ ގުޅިގެން އީރާނު ސަރުކާރުން ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއާ ގުޅުން އޮންނަ ތަސްނީމް ނިއުސް އެޖެންސީން ބުނެފައިވަނީ، ބޭރުގެ ބޭންކުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކުރުން ފަދަ މުހިންމު ކަންކަމުގައި އެމެރިކާއިން އަދިވެސް ހުރަސްތައް ކުރިމަތިކުރަމުންދާ ކަމަށެވެ.
އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި، އީރާނުގެ ނިއުކްލިއާ މާއްދާތައް ނައްތާލުމަށާއި ކަނޑުގެ ބަންދު އުވާލުމަށް އީރާނުން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވެއެވެ. ނަމަވެސް މިއީ އަވަސް އަރުވާލައިގެން މިއަދުން މިއަދަށް ސޮއިކުރެވޭނެ އެއްބަސްވުމެއް ނޫން ކަމަށާއި، ފައިނަލް އެއްބަސްވުމަކަށް އައުމަށް މަޝްވަރާކުރަން 60 ދުވަހުގެ މުއްދަތެއް ދޭން ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.
މި އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހުގައި ޓްރަމްޕަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯއާއި ޑިމޮކްރެޓިކް މެންބަރުން ބުނަމުންދަނީ، މި އެއްބަސްވުމަކީ ކުރީގެ ރައީސް ބަރަކް އޮބާމާ 2015 ގައި ހެދި އެއްބަސްވުމަށް ވުރެ ވަކި ރަނގަޅު އެއްބަސްވުމެއް ނޫން ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ބޮންއަޅަން ފެށުމާއެކު ފެށުނު މި ހަނގުރާމައިގައި މިހާތަނަށް އީރާނުގެ އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. އަދި އިސްރާއީލުން ލުބުނާނަށް އަރައިގަނެ ހިންގި އުދުވާނުގައި ވެސް އެތައް ހާސް ބަޔަކު މަރުވެ، ގެދޮރު ގެއްލިފައިވާއިރު، އީރާނުން އިސްރާއީލަށާއި ގަލްފުގެ ގައުމުތަކަށް ދިން ރައްދު ހަމަލާތަކުގައި ވެސް ބަޔަކު މަރުވެފައިވެއެވެ.
އެއްބަސްވުން އަވަސްކުރުމެއްނެތް، ބްލޮކޭޑް ދަމަހައްޓާނަން: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ