އަޑުއެހުންތައް ލައިވް ކުރަން ސާޖިދާ އެދިވަޑައިގަތުމުން، ކޯޓުން ނިންމީ ސިއްރު ކުރަން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅަކަށް ނިސްބަތްކޮށް އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އުފުލި އަބުރުގެ ދައުވާގެ ޝަރީއަތް ލައިވް ކޮށްދޭން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހުށަހެޅުއްވި ނަމަވެސް، އެކަން ނުކުރަން ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.
ވޭޕް މަނާކުރުމާއި ރައީސްގެ ބޭފުޅަކާ ގުޅުވައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ އިތުރުން އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ވެސް ފަސްޓް ލޭޑީ ސާޖިދާ ވަނީ އަބުރުގެ ދައުވާ ކުރައްވައިފައެވެ.
މައްސަލައިގެ ޝަރީއަތްތައް ފަށާފައިވާއިރު، ސާޖިދާގެ ފަރާތުން އިޖުރާއީ ދެ ހުށަހެޅުމެއް ޝަރީއަތަށް ހުށަހަޅާފައިވެއެވެ. އެއީ އެމްޑީޕީ އާއި ފައްޔާޒު އަދި މަންދީ އަށް ކުރާ ދައުވާތަކުގެ ޝަރީއަތް އެކުގައި ކުރިއަށް ގެންދިޔުމަށާއި މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ޓީވީން ލައިވްކޮށް ދެއްކުމަށެވެ.
އަޑުއެހުންތައް ލައިވްކުރަން ފަސްޓް ލޭޑީ ސާޖިދާގެ ފަރާތްޕުޅުން އެދިވަޑައިގަތީ ޝަރީއަތުގައި ހިންގާ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެއެވެ.
ނަމަވެސް، ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް ނިންމެވީ އަޑުއެހުންތައް ލައިވް ކުރުމުގެ ބަދަލުގައި އަޑުއެހުންތައް އާންމުކޮށް ހުޅުވާ ނުލައި ސިއްރު ކުރާށެވެ. ކޯޓުގެ ނިންމުމުގައި ބުނީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ އަދި މައިގަނޑު ހުސޫމާތް ކުޑަކުއްޖަކަށް އަމާޒުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމުން، އަޑުއެހުންތައް ބްރޯޑްކާސްޓް ނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ