ލޯކަލް މާރުކޭޓާއި މަސް މާރުކޭޓުގެ މަޝްރޫއުގެ އެއްބަސްވުމެއް ދެ ކުންފުންޏަކާ އެކު ހަދާފައި އޮއްވައި ޒަމާނީ ފެންވަރުގެ މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ތަރައްގީކުރަން ތިންވަނަ ފަރާތާކާ އެކު މި ސަރުކާރުން އަނެއްކާ ވެސް އެއްބަސްވުމެއް ހަދާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށާއި އެ މަޝްރޫއަށް ބިން ދެވޭނީ ކުރީގެ އެއްބަސްވުންތައް ގާނޫނީ ހަމަތަކުގެ މަތިން ބާތިލުކޮށްގެން ކަމަށް މާލެ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މިހާރު ލޯކަލް މާރުކޭޓު ހުރި ބިމުގައި، ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ތަރައްގީކުރަން ފުރަތަމަ ނިންމީ ރައީސް މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު އެވެ. އޭރު ނިންމާފައި އޮތީ، އެތަން ތަރައްގީކުރުމަށް ފަހު މިހާރު ހުރި ލޯކަލް މާރުކޭޓު ތަޅާލާށެވެ. އެކަމަކު އެ މަސައްކަތް އެއްވެސް ވަރަކަށް ނުހިނގަ އެވެ. އޭގެފަހުން:
މިހާރު މާލޭގެ މޭޔަރު އާދަމް އާޒިމް މިދިޔަ އޮގަސްޓް މަހު ވިދާޅުވި ގޮތުގައި އެ މަސައްކަތް މަޑުޖެހިފައި އޮތީ ދެ ކުންފުންޏަކާ އެކު ގޮތް ނޭނގޭ ދެ އެއްބަސްވުން ހަދާފައި އޮތުމުން
މި އެެއްބަސްވުންތައް މިހެން އޮއްވައި، މިދިޔަ މާޗު މަސްތެރޭ މި ސަރުކާރުން ވަނީ، 'މާލޭ ވެޓް މާރުކޭޓް ކޮމްޕްލެކްސް' ނަމުގައި އެތަން ތަރައްގީކުރަން އިތުރު ބަޔަކާއި ހަވާލުކޮށްފައި
'ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑި' ކިޔާ ކުންފުންޏަކަށް މި މަޝްރޫއު ހަވާލުކުރީ، 126 މިލިއަން ރުފިޔާއަށް ދޮޅު އަހަރުތެރޭ ނިންމާގޮތަށް؛ މި ކުންފުންޏަށް އެއްވެސް ވިޔަފާރިއެއްގެ ލައިސެންސް ސަރުކާރުން ދީފައި އޮތް ކަމަކަށް ބިޒްނަސް ޑައިރެކްޓަރީއަކުން ނުދައްކައި
ހައުސިން މިނިސްޓްރީން މިދިޔަ މޭމަހު ބުނެފައިވާގޮތުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިިނިސްޓްރީންނާއި ކޮންޓްރެކްޓަރު ކުރަން ޖެހޭ ހުރިހާ ކަމަކާއި ތައްޔާރީތައް ވަނީ ފުރިހަމަ ކޮށްފަ އެވެ. އެ މަސައްކަތް ނުފެށިގެން އުޅެނީ ކައުންސިލުން ބިން ހަވާލުކޮށްނުދީގެން ކަމަށް ބުންޏެވެ.
ބުނީ ކީކޭ؟ - މިއަދު ކައުންސިލުން ބޭއްވި ރަސްމީ އާންމު ޖަލްސާގައި މޭޔަރު އާޒިމް ވިދާޅުވީ، މިނިސްްޓްރީން އެދިފައިވަނީ އެ ބިން ހަވާލުކޮށްދިނުމާ އެކު ބިމުގެ ރަޖިސްޓްރީ އެ މިނިސްޓްރީއަށް ބަދަލުކޮށްދިނުމަށް ކަމަށެވެ. އެކަމަކު އެ ބިމަކީ ކައުންސިލުގެ އިހުތިސާސް ތެރޭގައި ހިމެނޭ ތަނަކަށްވުމުންނާއި، ސަރުކާރުން ހިންގާ ވަކި މަޝްރޫއަކަށް ބިމެއް ހަވާލުކޮށްދީގެން ގާނޫނީ ބާރުވެރިކަން ކައުންސިލުގެ ފުށުން ނުނެގޭނެތީ އެ ބިން އޮންނާނީ ކައުންސިލުގެ ތަނެއްގެ ގޮތުގައި ކަމަށް އާޒިމް ވިދާޅުވި އެވެ.
ބިން ހަވާލުކުރުން ލަސްވާ ސަބަބެއް ކަމަށް އާޒިމް މިއަދުވެސް ވިދާޅުވީ، އެތަނަކީ މިހާރު ވެސް އިތުރު ދެ ބަޔަކާއެކު އެއްބަސްވުމެއް އޮތްތަނަކަށްވުމުން އެ އެއްބަސްވުންތައް ގާނޫނީ ހަމަތަކުގެ މަތިން ބާތިލުކުރެވެންދެން ބިން ހަވާލުކުރެވެން ނެތުމުން ކަމަށެވެ. އެކަން އެހެން އޮއްވައި އިތުރު ބަޔަކާއެކު އަނެއްކާ ވެސް ސަރުކާރުން އެއްބަސްވުމެއް ހަދާފައިވާއިރު، އެ އެއްބަސްވުމާ ގުޅޭ އެއްވެސް މަޝްވަރާއެއް އަދި ލިޔެކިއުމެއް ވެސް ކައުންސިލަށް ލިބިފައި ނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ބިން ހަވާލުކޮށްދިނުމަށް އެދި މިނިސްޓްރީން ފޮނުވި ސިޓީތަކަށް އެކަން ފާހަގަކޮށް ޖަވާބުދީފައިވާނެ ކަމަށެވެ. އަދި، ލާމަރުކަޒީ ގާނޫނުން އެފަދަ މާރުކޭޓުތައް ބަލަހައްޓުމުގެ ޒިންމާ އޮންނަނީ ކައުންސިލަށް ކަަމަށްވާތީ މަޝްރޫއު ހަވާލުކުރި ކުންފުންޏަކީ އެކަމުގެ ގާބިލުކަން ހުރި ބައެއްކަން އެނގޭނެ ލިޔެކިއުންތަކާއި، އެއްބަސްވުމުގެ ކޮޕީ އާއި މާކެޓުގެ ކުރެހުމާއި ބެލެހެެއްޓުމަށް ހަމަޖެހިފައިވާގޮތްފަދަ މައުލޫމާތުތައް ހިއްސާކޮށްދިނުމަށް ވެސް އެ ސިޓީގައި އެދިފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އެކަންކަން ސާފުކޮށްދިނުމާ އެކު ގާނޫނީ ހަމަތަކުގެ މަތިން ކުރީގެ އެއްބަސްވުންތައް ބާތިލުކޮށް މާދަމާ ވެސް ބިން ހަވާލުކުރަން ކައުންސިލުން ތައްޔާރަށް އޮތް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
މަސް މާރުކޭޓު އަޅަން ވަރަށް އަވަހަށް ބިން ހަވާލުކުރަން ކައުންސިލުން ވެސް ބޭނުންވާ ކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، ކަންކަން އޮޅުން ބޮޅުން ކޮށްލާފައި ހުރި މިންވަރުން، އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން ގާނޫނާއި ގަވާއިދުތަކުގެ މަތިން ނިންމަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
އާޒިމް ވިދާޅުވިގޮތުން:
ފުރަތަމަ އެތަން ހަދަން ހަވާލުކޮށްފައި އޮތީ ބިޑުކުރި ފަރާތަކަށް ދެވެނަ އެއްބަސްވުން ހަދާފަ އޮތީ ބިޑު ނުކުރާ ފަރާތަކަށް
ބިޑު ނުކުރާ ފަރާތާއެކު ވެފައިވާ އެއްބަސްވުން 6.5 މިލިއަން ޑޮލަރުން ގާތްގަނޑަކަށް 9 މިލިއަން ޑޮލަރަށް ބަދަލުކޮށްފައި ވަނީ ކައުންސިލުން އެއްވެސް ހުއްދައެއް ނުނަގާ
އެ ބިމަކީ މީގެ ކުރިން އެހެން ފަރާތަކާއި ހަވާލުކޮށްފައި އޮތް ބިމަކަށްވާއިރު އެ އެއްބަސްވުން ބާތިލުނުކޮށް އެހެން ފަރާތަކަށް ނުދެވޭނެ
މިހުރިހާ މައުލޫމާތު ވާނީ ކަމާބެހޭ ހުރިހާ ފަރާތްތަކަށް ހިއްސާކުރައްވާފައި؛ މިކަންކަން އެނގިތިބެ އަނެއްކާ ވެސް އެހެން ބަޔަކާއެކު އެތަން ހެދުމުގެ އެއްބަސްވުމުގައި މި ސަރުކާރުން ސޮއިކުރުމަކީ ގާނޫނާއި ހިލާފު ކަމެއް
"އަޅުގަނޑުމެން ބޭނުން އެތަން އަޅަން މިހާރު ވެސް. ހަމަ މިއަދުވެސް އަޅަން ބޭނުން ކަމަކަށް ކުރީގެ މޭޔަރު [މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު] ހުންނަވައިގެން ކޮށްފަ ހުރި ކަންތައްތަކެއްގެ ސަބަބުން މިހާ ބޮޑަށް އުނދަގޫވެގެން މިއުޅެނީ،" އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް އެކުވެރިކޮށް މިކަންތައްތައް ކުރަން މިއުޅެނީ. އަޅުގަނޑުމެން ބައްދަލުވުންތައް ބާއްވަން ސިޓީ ވެސް ފޮނުވައިފިން އެކަމަކު ވަގުތެއް ވެސް ނުދެއްވާ،"
އެހެން ބަޔަކާއެކު ހަދާފައިވާ އެއްބަސްވުމެއް އޮއްވައި، ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ނެތް ކައުންސިލުގެ ބިމަކަށް، ކައުންސިލާއި މަޝްވަރާކުރުމެއްވެސް ނެތި، އެހެން ފަރާތަކާއެކު އަނެއްކާވެސް އެއްބަސްވުމެއް ހަދައިގެން ތިބުމަކީ ގާނޫނާއި ހިލާފު ކަމެއްކަން ވެސް އާޒިމް ފާހަގަކުރެއްވި އެވެ.
އެހެންކަމުން މިއަދުގެ ބައްދަލުވުމުގައި ފާސްކުރީ، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ހުރުމުން، އެކަންކަން ފުރިހަމަކުރުމާއެކު ސިޓީގައި ސާފުކޮށްދޭން އެދިފައިވާ ހުރިހާ ކަމަކަށް ޖަވާބުލިބުމުން އެ މަޝްރޫއަށް ބިން ހަވާލުކުރުމަށެވެ.
ކައުންސިލުން މިނިސްޓްރީއަށް ފޮނުވި ޖަވާބުގެ ސިޓީގައި އޮތީ:
ވެޓް މާކެޓު އެޅުމަށް ޕްރޮޕޯސަލް އަށް 6 މާޗު 2022ގައި ހުޅުވާލާފައިވޭ؛ އޭރު އެންމެ މަތިން މާކްސް ލިބުނު އެކޯ ޕްރައިވެޓް ނަމަކަށް ކިޔާ ކުންފުންޏާއެކު 25 މާޗު 2022ގައި އެއްބަސްވުމެއް ހަދާފައިވޭ
ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ހަމަވިފަހުން 15 ޖެނުއަރީ 2023ގައި ހައިވް އިންޖިނިއަރިން ކިޔާ ކުންފުންޏަކުން އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށް ސިޓީ ފޮނުވާފައިވޭ؛ އެކަމަކު ކުރީގެ އެއްބަސްވުން އޮއްވައި، ބިޑަކާއި ނުލައި 9 މާޗު 2023ގައި އެ ކުންފުންޏާއިއެކު އާ އެެއްބަސްވުމެއް ހެދި
މިކަންކަން މިގޮތަށް ހިނގާފައިވާތީ، ތިޔަ ފަރާތުން އެދިފައިވާ ބިން ހަވާލުކުރަންވާނީ މި ބުނި އެއްބަސްވުންތަކުގައި ކަނޑައަޅާފައިވާ ތަރުތީބުތަކާ އެއްގޮތަށް އެ އެއްބަސްވުންތައް ބާތިލުކުރަން ނޯޓިސް ފޮނުވައި އެ އެއްބަސްވުންތައް ބާތިލުކުރެވިގެން ކަމަށް މި ކައުންސިލުން ދެކެން
މަޝްރޫއަކަށް ބިމެެއް ދޭނަމަ، އެކަމަކާ ކައުންސިލާއި މަޝްވަރާކޮށް އެކަމަކަށް ކައުންސިލުގެ ރުހުން އޮންނަންޖެހޭ؛ އެކަމާގުޅޭ ލިޔެކިއުންތައް ފޮނުވައިދިނުމަށް އެދިފައިވޭ
ސަރުކާރުގެ ބޭނުމަކަށް ބިމެއް ހަވާލުކުރެވޭނީ އެ މަސައްކަތަކަށް ބޭނުންވާ މުއްދަތަކަށް؛ އަދި ވަކި މަޝްރޫއަކަށް ބިމެއް ހަވާލުކޮށްގެން ބިމުގެ ގާނޫނީ މިލުކުވެރިކަމަށް އަސަރެއް ނުފޯރާނެ އެެހެންކަމުން މި ބިން ވެސް އޮންނާނީ ކައުންސިލުގެ ތަނެއްގެ ގޮތުގައި
"އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށް ކުރަންވާ ކޮންމެ ކަމެއް [ކުރަން ތައްޔާރަށް]. ގާނޫނީ އިމުގެ ތެރެއިން އަޅުގަނޑުމެންނަށް ވެސް ކުރެވޭނީ އެނޫން ގޮތަކަށް ނުކުރެވޭނެ. މާދަމާ އަޅުގަނޑުމެން ނަގާ ކެންސަލް ކޮށްލައިގެން މި ކައުންސިލުން ބޮޑު ބަދަލެއް ދޭން ޖެހިއްޖެއްޔާ ބުނާނެ މާލެ ސިޓީ ކައުންސިލަރާއި މި ކައުންސިލަރުން އެ ކޮންޓްރެކްޓު ބަލާނުލައި ކެންސަލް ކޮށްލައިގެން ބޮޑު ބަދަލެއް ޖެހުނީ އަޅުގަނޑުމެންގެ ސަބަބުންނޭ. އެކަމަކު މި އެއްބަސްވުމަށް ވަދެފަ ތިބީ އެބޭފުޅުން. އެހެންވީމާ ވިސްނުންތެރިކަމާއެކު ގާނޫނީ ލަފާ ހޯދައިގެން އަޅުގަނޑުމެންނަށް ކަންކަން ކުރެވޭނީ،" އާޒިމް ވިދާޅުވި އެވެ.
ތިންވަނަ ބަޔަކާއެކު މާރުކޭޓު އެއްބަސްވުން ހެދީ ގާނޫނާ ހިލާފަށް؛ ބިން ދެވޭނީ ކުރީގެ އެއްބަސްވުންތައް ބާތިލުކޮށްފައި: ކައުންސިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ