އެޗްޑީސީން ޚިދުމަތް ހޯދާ ފަރާތްތަކުން ކިއުގައި މަޑުކުރުން ނިމުމަކަށް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ ޚިދުމަތްތައް މައި-ހުޅުމާލޭ ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ލިބޭނެ ގޮތް އެ ކޯޕަރޭޝަނުން ހަމަޖައްސައިފިއެވެ.
އެޗް.ޑީ.ސީއިން ބުނީ މީގެ ކުރިން އެ ކޯރޕަރޭޝަނުން ދެމުންއައި ގިނަ ޚިދުމަތް ދެމުން އައީ ކަރުދާހުގައި ގިނަ ފޯމްތަކެއް ހުށައަޅާ، ކިޔޫގައި ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭގޮތަށްކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ އެތަކެއް އަގުރި މަސައްކައްތަކެއް މި ކަމަށް ހޭދަ ކުރަންޖެހެއެވެ.
ފޯމް ޕްރޮސެސްވުމުގައިވެސް ގިނަ ވަގުތު އަދި އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. އަދި މިކަމަކީ ޚަރަދު ބޮޑު، އަދި އެހާމެ ތަކުލީފާ ކުރިމަތިލާން ޖެހޭ ކަމެއް ކަންވެސް އެޗް.ޑީ.ސީއިން ފާހަގަކޮށްފައިވެއެވެ.
އެޗް.ޑީ.ސީއިން ދެމުންއައި ގިނަ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއްގެނެސް، ހުރިހާ ޚިދުމަތެއް އެއް ތަނަކުން ހޯދޭނެ ހެން އޮންލައިންކޮށް ޕޯޓަލްއެއް ވަނީ ތަޢާރަފުކޮށް ބޭނުންކުރަން ފަށާފައެވެ. މިގޮތުން މައި ހުޅުމާލެ ޕޯޓަލްގެ ނަމުގައި ތަޢާރަފު ކުރި ޕޯޓަލް ވެގެން ދިޔައީ އެތައް ބަޔަކަށް ގިނަގުނަ ލުއިތަކެއް ލިބިގެން ދިޔަ ޕޯޓަލަށްކަމަށް ކަމަށް އެޗް.ޑީ.ސީން ފާހަގަކުރެއެވެ.
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކޯރޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއި، އެހެނިހެން މަޢުލޫމާތު އެއްތަނަކުން ފަސޭހަކަމާއެކު މައިހުޅުމާލެ ޕޯޓަލްއިން ލިބިގެން ދާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.
މި ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި މުނިސިޕަލް ޚިދުމަތްތައް، އިވެންޓް ސްޕޭސް ފަދަ ތަންތަން ބުކްކުރުން، އަދި ޚިދުމަތްތަކަށް އެދިލެއްވުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން މަގުމަތީގައި މަސައްކަތް ކުރާ ފަރާތްތަކުން މަގު ބަންދުކުރުމުގެ ހުއްދަވެސް މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެކަމަށެވެ.
އެޗް.ޑީ.ސީއިން އިވެންޓް ސްޕޭސް ގޮތުގައި އާއްމުންނަށް ދޫކުރާ އެންމެ މަޤުބޫލު އެއްތަން ކަމަށްވާ ފަރުކޮޅުފުށި އޮންލައިންކޮށް ބުކް ކުރެވޭނެ އިންތިޒާމްވެސް މި ޕޯޓަލްގައި ވަނީ ހަމަޖައްސާފައެވެ. ކައިވެނީގެ ހަފްލާތަކާއި، ކޯރޕަރޭޓް އިވެންޓްވެސް އަދި އެކި ކަހަލަ ފަންކްޝަންތަކަށް ފަރުކޮޅުފުށީގެ ކޯޓްޔާޑް އަދި ކޮންފަރެންސް ހޯލް އާއްމުންނަށް ދޫކުރެއެވެ.
މި ޕޯޓަލްގެ ސަބަބުން އެޗް.ޑީ.ސީއިން ޚިދުމަތް ހޯދާ ގިނަ ބައެއްގެ ވަގުތު ސަލާމަތްވެ، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމާއި، ޚިދުމަތްތައް އަވަސްވެ އަދި ކުންފުނީގެ ޚަރަދުވެސް ކުޑަވެގެން ދާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި ރައްޔިތުން އެދޭ ކަންކަން ގާތުން ބަލައި، ރައްޔިތުން އެދޭގޮތަށް ޚިދުމަތް ދިނުމަށް އަބަދުވެސް މަސައްކަތްކުރަމުންދާނެކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ