ޙަޤީޤީ ޙާދިސާ: އެންމެ ގާތް އެކުވެރިއަކަށް ހުރެ އޭނާގެ ބައިވެރިޔާއާ ގުޅުން ހިންގަން ޖެހިލުން ނުވާ މީހަކު ކައިވެނިހެޔޮނުވާ މީހަކާއެކު ގުޅުން ހިންގަން ޖެހިލުންވާނެ ހެއްޔެވެ؟

އަހަރެމެން 3 އަނހެނުންނަކީ ސްކޫލް އިރުންސުރެ އެކުގައި އުޅެމުން އައި 3 އަންހެނުންނެވެ. 3 އަންހެނުންނަކީ މިޒާޖުގެ ގޮތުން ތަފާތު 3 އަންހެނުންނެވެ. އެކުގައި އުޅެމުން އައީ އެކަންކަމަށް ބަލައިގެންނެވެ. އެޖެއްގެ އިޙްޞާޞްތަކަށް އަނެކަކު އިޙްތިރާމްކޮށްގެންނެވެ. 
ކުޑައިރުންސުރެ އެކުގައި އުޅެމުން އައުމުގެ ސަބަބުން އެކެއްގެ ބަލިފައި އަނެކަކަށް ވަރަށ ރަނގަޅަށް އެނގޭނެއެވެ. ލޯބިކުރާ ކަންކަމާއި ނުކުރާ ކަންކަންވެސް އެނގޭނެއެވެ. ވީމާ 3 އަނހެނުންގެ މެދުގައިވެސް ވަރަށް ބޮޑަށް އެއްބަސްވެވިފައި އޮތް އެއްކަމަކީ އަނެކާއަށް އިޙްތިރާމްކުރުމެވެ. އެކަކު ދިރިއުޅުމެއް ފަށައިފިނަމަ އޭނާއަށް ހުރިހާ ގޮތަކުންވެސް އިޙްތިރާމް ކުރުމެވެ. 
އަޅުގަނޑަކީ އެންމެ ކަޓުމިޒާޖުގެ އަންހެނެކެވެ. ހެދުން ލައި އުޅެނީވެސް މިހާރުގެ ފެޝަނަތަކަކަށް ނޫނެވެ. ގައަށް ދޫކޮށް ހުންނަ ގޮތަށެވެ. ނިވާވާ ގޮތަށެވެ. އަނެއް ދެ އެކުވެރިން ހެދުން ލައިއުޅުނީ ވަރަށް ތަފާތުކޮށެވެ. 
ކަންދިމާވިގޮތުން ފުރަތަމަ ކައިވެނިކުރެވުނީ އަޅުގަނޑަށެވެ. އަޅުގަނޑު އުންމީދުކޮށްގެން ހުރީ 2 އެކުވެރިންވެސް އަޅުގަނޑަށް އެހީތެރިވެދީ ހިތްވަރުދޭނެ ކަމަށެވެ. ފިރިމީހާއަކީ އެމީހުންގެ ބޭބެއެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށެވެ. 
ނަމަވެސް ކަންކަން ދިމާވީ މުޅިން ތަފާތު ގޮތަކަށެވެ. އެކުވެރިންގެ ތެރެއިން ސޫޒަން ދިމާކުރީ އަޅުގަނޑުގެ ފިރިމީހާ ޖަހައިގަތުމަށެވެ. އެކުގައި އުޅެ ފިރިމީހާގެ މިޒާޖު ދަސްކުރުމަށްފަހު ތަފާތު އުކުޅުތައް ބޭނުންކޮށްގެން ފިރިމީހާ އާއި ގުޅުން އުފެއްދިއެވެ. އެންމެ ވަރުގަދަ ހަތިޔާރަކަށް ބޭނުންކުރީ އަޅުގަނޑުގެ ލަދުވެތިކަން ބޮޑުކަމާއި ކަޓުކަމެވެ.   
ހުރިހާ ކަމެއް ހިނގަމުންދިއައިރުވެސް އަޅުގަނޑަށް ހުރެވުނީ އަވާމެންދުރެއްގައެވެ. ދެލޯ ހުޅުވުނީ ދެމީހުން އެކުގައި ނިދާފައި ތިއްބައި ފެނުމުންނެވެ. އެމަންޒަރު ފެނުމުން އެކުވެރިޔާއަށްވެސް އަދި ފިރިމީހާއަށްވެސް އެކަން އަންގާކަށް ބޭނުމެއް ނުވިއެވެ. ސިއްރުން ސިއްރުން ހެދުންކޮޅު ކޮތަޅަކަށް އަޅައިގެން ގެއިން ނުކުމެގެން އައީއެވެ. އަންނަމުން ކޮޓަރީގެ ދޮރުގައި ކުޑަ ކަރުދާސްކޮޅެއް ތަތްކޮށްލީމެވެ. "ވަރަށް ބޮޑަށް ޝުކުރިއްޔާ!" 
ގެއަށް ގޮސް ގޭގައި ދިރިއުޅެން ފެށީމެވެ. އެރޭ ދަންވަރުން ފެށިގެން ފިރިމީހާ ވަރަށް ގިނައިން ގުޅިއެވެ. ނަމަވެސް ފޯނެއް ނުނަގަމެވެ. ވާހަކައެއް ނުދައްކަމެވެ. އެހެންވެ އަނެއްރޭ ފިރިމީހާ އަޅުގަނޑުމެންގެ ގެއަށް އައިސް ބުނީ ކުށެއް ކުރެވިއްޖެކަން ޤަބޫލުކުރާ ކަމަށާއި މާފަށް އެދޭކަމަށެވެ. ޖަވާބުގައި އަޅުގަނޑު ބުނީ މާފުކޮށްފިން ކަމަށާއި އިތުބާރުގެއްލުމުން އެކުގައި ދިރިއުޅެން މަސައްކަތްކުރިނަމަވެސް ހިތްހަމަޖެހުމެއް ނުލިބޭނެ ކަމަށެވެ. ވީމާ ދެން ރަނގަޅުވާނީ މިހިސާބުން ދެމީހުންވެސް ވަކިވުން ކަމަށެވެ. 
ދެމީހުންނަށް އެކުގައި ދިރިއުޅެވޭނެ އެއްވެސް އިތުރު ގޮތެއް ނެތްތޯ ސުވާލުކުރުމުން ބުނީމެވެ. "އަހަރެންވެސް އިތުރު ކައިވެންޏެއް ކުރާނަމެވެ. އޭނާ އާއިއެކު ނުއުޅެވިއްޖެނަމަ، ކަލޭ ހުހަށް ހުރެއްޖެނަމަ ދެމީހުން އަލުން ގުޅޭނީއެވެ. ނަމަވެސް އަހަރެންނަށް އިންތިޒާރުނުކުރާށެވެ. އަލުން ކަލެއާއި ގުޅެވުން ވާނީ ވަރަށް ނާދިރު ކަމަކަށެވެ. އިން ޝާ ﷲ." 
ކޮންމެއަކަސް އެހިސާބުން 2 އެކުވެރިން ދެކެވެސް ވަރަށް ބޮޑަށް ފޫހިވެވުނެވެ. އެއީ ކުރެވުނު ކުށެއްކަންވެސް އެނގުނެވެ. ނަމަވެސް ކަންތައް މެދުވެރިވީ އެގޮތަށެވެ. އެކަން ބަދަލެއްވެސް ނުކުރެވުނެވެ. 
ކޮންމެއަކަސް އަޅުގަނޑު ދެވަނަ ކައިވެންޏެއް ކުރީމެވެ. އެކައިވެނިމަތީގައި 17 އަހަރުވީއެވެ. އުންމީދަކީ ޢުމުރަށް އެކުގައި ދިރިއުޅުމެވެ. އެ އުންމީދު ޙާޞިލް ނުކުރެވެންވީ އެއްވެސް ސަބަބެއްވެސް ފެންނާނަކަށް ނެތެވެ. ފެންނަން ހުރީ އެ އުންމީދު ޙާޞިލްކުރެވޭނެކަމުގެ ހެކިތަކެވެ. 
ދެން ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުގެ ފިރިމީހާގެ ޙާލެކެވެ. އޭނާ އަންނަނީ ކޮންމެ 5 އަހަރަކުން އަނބިމީހާ ބަދަލުކުރަމުންނެވެ. ދެންހުރީ އެކުވެރިޔާއެވެ. ޤަބޫލުކުރަންވެސް އުނދަގޫވާނެއެވެ. މިހައިތަނަށް އޭނާ 8 ކައިވެނިކޮށްފިއެވެ. އެއީ ކޮންމެ 2 އަހަރަކަށް ކައިވެންޏެކެވެ. މިހާރުވެސް ހުރީ އެކަނިވެފައެވެ. 
މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން ބޭނުންވަނީ މީގެ ކުރިންވެސް ޙަޤީޤީ ޙާދިސާގައި ލިޔުނު ބައެއް ކިޔުންތެރިން ބުނެފައިވާ ވާހަކައެކެވެ. ކިތަންމެ ގާތް އެކުވެރިއަކުނަމަވެސް އަމިއްލަ ދިރިއުޅުމާއި ވައިއެޅެވޭ ހިސާބަށްވެސް ގާތްވިޔަނުދޭށެވެ. ވިހަލާނީ ކޮންގޮތަކަށްކަން ވިސްނަންވެސް ނުއެނގޭނެއެވެ. 
ދެން ބުނެލަން ބޭނުންވަނީ އަނެކާގެ ދިރިއުޅުމަށް ވިހަލާފައި އުފާވެރިކަން ލިބޭނެ ކަމަށް ހީނުކުރާށެވެ. އެވިހައިގެ އަސަރު އެމީހެއްގެ ދިރިއުޅުމަށް މާވިހަގަދަކޮށްވެސް ފޯރުމަކީ ވަރަށް ގިނައިން ފެންނަ ކަމެކެވެ. ދެން ކޮށްލާނީ ސުވާލެކެވެ. އެއީ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ހުރެ އޭނާގެ ބައިވެރިޔާ އާއި ގުޅުން ހިންގަން ޖެހިލުން ނުވާ މީހަކު ކައިވެނިހެޔޮނުވާ މީހަކާއިއެކު ގުޅުން ހިންގަން ޖެހިލުންވާނެ ހެއްޔެވެ؟ ވަރަށް ބޮޑަށް މާފުކުރައްވާށެވެ! އަޅުގަނޑަށް ޤަބޫލުކުރެވެނީ ނުވާނެ ކަމަށެވެ. އެއީ އެމީހެއްގެ ކިބައިގައި އިންށާނިއްޔަތުކަން ހުންނާނެކަމަށް ޤަބޫލު ނުކުރެވޭތީއެވެ! 
- ސިއްތި / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ