މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވާތީ ސަމާލުވުމަށް އެދެފި

އީމެއިލް މެދުވެރިކޮށް މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވާން ފުލުހުން އެދެފި އެވެ.
ފުލުހުން ބުނީ މަކަރާ ހީލަތުން ފައިސާ ހޯދަން މިހާރު ބޭނުންކުރާ އެއް އުކުޅަކީ ފްލެޓް ލިބިފައިވާ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ގުޅުންކަމަށެވެ. ގުޅައިގެން ހުޅުމާލެއިން ފްލެޓަށް ފޯމު ހުށަހެޅި މީހުންގެ ތެރޭގައި ޝޯޓްލިސްޓު ކުރެވުނުކަމާއި ފްލެޓް ލިބިފައިވަނީ “ޖީ” ކެޓަގަރީއަކުން ކަމަށް ބުނެ އެވެ. އަދި އެކަމާ ގުޅުންހުރި ޑޮކިއުމެންޓްތައް ފޮނުވުމަށްޓަކައި އީމެއިލް އައިޑީ ބޭނުން ވާކަމަށް ބުނާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
“އީމެއިލް އައިޑީ ލިބުމާއެކު ޑޮކިއުމެންޓްތައް އީމެއިލްގެ ޒަރިއްޔާއިން ހިއްސާ ކުރެވިފައިވާކަން ކަށަވަރު ކުރުމަށް ފޯނަށް މެސެޖެއް އަންނާނެ ކަމަށް ބުނޭ. ނަމަވެސް ހަގީގަތުގައި މިއަންނަ މެސެޖަކީ “ޖީ” އިން ފެށޭ ޖީމެއިލްއަށް ވަނުމަށް ބޭނުންކުރާ ޓޫފެކްޓާ އޯތެންޓިކޭޝަން ކޯޑެއް. ގިނަ ފަރާތްތަކަށް މިކަމަށް މާބޮޑު ސަމާލުކަމެއް ނުދެވި، ފްލެޓް ލިބިފައިވާ ކެޓަރީއާއި ކޯޑު ފެށޭ އަކުރާ ދިމާވާތީ ގިނަ ބަޔަކަށް މިއީ ހަގީގަތެއްކަމަށް ގަބޫލުކުރެވެނީ. ނުވަތަ ސަމާލުކަން ނުދެވި އެ ކޯޑު ފޯނުން ގުޅި ފަރާތާ ހިއްސާކުރޭ. މި ކޯޑު ހިއްސާކުރުމާއެކު ޖީމެއިލްގެ އެކްސަސް އެދެވުނީ،” ފުލުހުން ހިއްސާކުރި މައުލޫމާތުގައިވެ އެވެ.
ފުލުުހުން އިތުރަށް ބުނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، އެކައުންޓަށް ވަނުމަށްފަހު ފައިސާ ބޭނުންކުރާ ގޮތް ބަދަލުވާން ފަށައިފި ކަމަށާއި ކުރިން އޭޓީއެމް ތަކުން ފައިސާ ނެގިކަމުގައިވިޔަސް ބޭންކިން ޚިދުމަތުގައި ބޭނުންކުރާ އީވޮލެޓް ހިދުމަތް ބޭނުންކޮށްގެން ފޯނުފަދަ ތަކެތި ގަނެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ގަޑިއާއި ރަން، އެކި ވައްތަރުގެ ގަހަނާއާއި އިލެކްޓްރޯނިކްސް ސާމާނުތައް ގަންނަކަމަށް ފުލުހުން ބުންޏެވެ.
މިފަދަ ކޯލްތައް އައުމުން އީމެއިލް އާއި ކޭޝްކާޑު ފަދަ ތަކެތީގެ މައުލޫމާތާއި އެނޫން ވެސް މުހިންމު މައުލޫމާތު ހޯދަން ގުޅުމުން އެފަދަ މައުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ