މޫސުން ގޯސްވުމުގެ ސަބަބުން ފިޔޯރީގެ ދަނޑުތަކަށް ބޮޑު ގެއްލުމެއް!

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގދ. ފިޔޯރީގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. ފިޔޯރީ ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަލީ ފަހުމީ "ސަން" އަށް މިއަދު ވިދާޅުވީ މެދުކެނޑުމެއް ނެތި ފިޔޯރިއަށް ވާރޭ ވެހެމުންދާތީ 10 ވަރަކަށް ދުވަސް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ވައިޖެހެމުން ދަނީ ވެސް ވަރަށް ބާރު މިނުގައި ކަމަށެވެ. އެގޮތުން 40 މޭލާއި 50 މޭލު ބާރު މިނުގައި ފިޔޯރިއަށް ވައި ޖެހުމުން އަންނަ ކަމަށް ފަހުމީ ވިދާޅުވިއެވެ. "ދެން މިވާ ގޮތަކީ ދަނޑުވެރިން މި ރަަމަޟާން މަހަށް ދަނޑު ހެއްދުމަށް ވަރަށް ގިނަ ބާވަތްތައް އެބަ ހައްދާ. ދެން ތިބޭފުޅުންނަށް ވެސް އެނގިލައްވާނެ އެހާ ބާރު މިނުގައި ވައި އަންނާތީ ބިންގަނޑުގައި ހުންނަ ވެޔޮގަނޑުތައް ދަނީ. އޮޅިގެން ދަނީ. ހީވަނީ ކާޕެޓު ގަނޑެއް އޮޅިފަ އޮންނަހެން. ހަމަ އެކަހަލަ ގޮތަކަށް އޮޅިފަ އޮންނަނީ. ދެން އެހެންވީމަ ވެލުގައި ހުންނަ ކަރާތައް ވެސް ހަލާކުވެގެން ދެއްތޯ ދާނީ،" ފަހުމީ ވިދާޅުވި އެވެ. ފިޔޯރިއަށް ކުރަމުންދާ ވިއްސާރައިގައި އެރަށު ދަނޑުތައް ހަލާކުވެފައި: ފޮޓޯ/ އަލީ ފަހުމީ ފަހުމީ ވިދާޅުވީ ބައެއް ދަނޑުތަކުގައި ފެންވެސް ބޮޑުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި ފިޔޯރީގެ ދަނޑުތަކަށް ލިބިފައިވާ ގެއްލުންތައް ޓީމެއް އެކުލަވަލައިގެން ބަލަމުން އަންނަ ކަމަށެވެ. "އެއްގޮތަކަށްވެސް އަދި ބުނެދޭކަށް ނޭނގެ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ލިބިފައި ވަނީ. އަންދާޒާ ކޮށްލަންވެސް އަދި ނޭނގެ ލިބުނު ގެއްލުމުގެ ބޮޑު ކުޑަމިން،" ފަހުމީ ވިދާޅުވި އެވެ. ފަހުމީ ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް މިއަހަރަކީ ފިޔޯރީގެ ގިނަ އަދަދެއްގެ ބަޔަކު ރަށުގެ ބޮޑު ބައެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ އަހަރެއް ކަމަށެވެ. މިފަހަރުގެ ވިއްސާރައިގައި ރަށުގެ އެއްވެސް ގެއަކަށް ބޮޑު ގެއްލުންތަކެއް ވެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފައިވާ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ