ރައީސް ނަޝީދު އެކަނި ނުކުމެވަޑައިގަތީމާ ލިބުނީ އެންމެ 25 ޕަސެންޓު ވޯޓު: މެމްބަރު ޝަރީފް

ބަލިވުމަކީ ދުވަހަކުވެސް ވެފައި އޮތް ކަމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ރައްދުދެއްވައިފިއެވެ.
މިމަހުގެ 28ގައި އިންތިޚާބު ބާއްވަން ތައްޔާރުވަމުން އަންނައިރު، މި އިންތިޚާބުގައި ވާދަކުރައްވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ. މި އިންތިޚާބާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އިންތިޚާބަށް ނުކުމެ މަސައްކަތްކުރައްވަނީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ކަމަށެވެ.
އިންތިޚާބުތަކުުގައި ވާދަކުރެއްވުމަކީ އެމަނިކުފާނަށް އައު ކަމެއް ނޫންކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބުން ނާކާމިޔާބު ވެދާނެ ފަދަ ހާލަތެއް ނާންނާނެ ކަމަށާއި، އެ ހާލަތަކާމެދު ނުވެސްވިސްނަވާކަމަށެވެ.
ރައީސް ނަޝީދުގެ އެވާހަކަތަކަށް ރައްދުދެއްވަމުން މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ދުވަހަކުވެސް ބަލިނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިޔަސް ކޯލިޝަނަކާއި ނުލައި ވެރިކަމެއް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި 2008 ވަނަ އަހަރު ގިނިކަންޏާ ނުކުންނަވައިގެން ރައީސް ނަޝީދަށް ލިބިވަޑައިގަތީ އެންމެ 25 ޕަސެންޓު ވޯޓުކަން މެމްބަރު ހަނދުމަކޮށްދެވިއެވެ.
2008 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރުމަށް އެމްޑީޕީއިން ކުރި މަސައްކަތް ކާމިޔާބުވީ ރައީސް ނަޝިދާއިއެކު އޭރުގެ އިދިކޮޅު ފަރާތްތަކުން ކޯލިޝަން ހަދައިގެންނެވެ.
ފެހި ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށިފަހުން ރާއްޖޭގައި މިހާތަނަށް ވަނީ ތިން ފަހަރަކަށް ރިޔާސީ އިންތިހާބެއް ބާއްވާފައެވެ.
އެ އިންތިހާބުތަަކަށް ބަލާއިރު، 2008 ވަނަ އަހަރު ބޭއްވި އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވީ، ދެވަނަ ބުރުގައި، ކޯލިޝަނެއްގެ ތެރެއިންނެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އަބުދުﷲ ޔާމީން ކާމިޔާބު ކުރެއްވީވެސް ކޯލިޝަނެއްގެ ތެރެއިންނެވެ. މީގެއިތުރުން އެންމެ ފަހުން މި ބޭއްވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކާމިޔާބު ކުރެއްވީވެސް ކޯލިޝަނެއްގެ ތެރެއިންނެވެ.
މާޒީއަށް ބަލާއިރު ކޮންމެ ފަހަރަކުވެސް ކޯލިޝަންގެ ތެރޭގައި ދެ ބަސްވުން އުފެދި އެންމެ ފަހުން ސަރުކާރު ރޫޅެއެވެ. އެކަމަކު މިފަހަރު އަދި އެހެންނެއް ނުވެއެވެ.
ރިޔާސީ މިދައުރު ނިމުމާ ހަމައަށް ކޯލިޝަން ދެމެހެއްޓިއްޖެ ނަމަ ރައީސް ޞާލިޙް ވާނީ ކޯލިޝަނަކާއެކު 5 އަހަރުގެ ދައުރެއް ފުރިހަމަކުރެއްވި ފުރަތަކަ ރައީސުލްޖުމްހޫރިއްޔާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ