ކުޑަކުދިންނަށް ކޯޑް ކުރަން ދަސްކޮށްދޭ އަލްގޯރިދްމިކްސް ސްކޫލް ރާއްޖޭގައި އިފްތިތާހުކޮށްފި

ކުޑަކުދިންނަށް ކޯޑް ކުރަން ދަސްކޮށްދޭ އަލްގޯރިދްމިކްސް ސްކޫލް ރާއްޖޭގައި އިފްތިތާހުކޮށްފިއެވެ. 'އަލްގޯރިދްމިކްސް މޯލްޑިވްސް' އިފުތިތާހުކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ. އެ ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަލްގޯރިދްމިކްސްއަކީ 16 އަހަރާއި 17 އަހަރުގެ ކުދިންނަށް ކޯޑް ކުރަން ދަސްކޮށްދޭ ބައިނަލްއަގުވާމީ ސްކޫލެކެވެ. އެ ސްކޫލްގައި ވިޝުއަލް ޕްރޮގްރާމިންއާއި ޕައިތަންއާއި ގޭމް ޑިޒައިނިންގް ފަދަ ކޯސްތައް ކިޔަވައިދެއެވެ. އަލްގޯރިދްމިކްސް މޯލްޑިވްސްއިން ބުނީ އެ ޕްރޮގްރާމުން ވެބްސައިޓް ފަރުމާކުރުމާއި ކާޓޫން އަދި ގްރެފިކް ޑިޒައިނިންއާއި ވީޑިއޯ ގޭމާއި ޕްރޮގްރާމު ފަރުމާކުރަން ދަސްވާނެ ކަމަށެވެ. އަލްގޯރިދްމިކްސް މޯލްޑިވްސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އަލްގޯރިދްމިކްސް މޯލްޑިވްސް އަލްގޯރިދްމިކްސްގެ ދަރިވަރުންނަށް ކޮމްޕިއުޓަ ޕްރޮގްރާމިންގެ އިތުރުން ހުނަރުވެރި، ގާބިލް، އުފެންދުންތެރި އަދި ޒިންމާދާރު ކުދިންނަށްވުމުގެ މުހިންމުކަން ވެސް ދަސްކޮށްދޭނެ ކަމަށާއި ފަޚުރުވެރި މުޖުތަމައެއް ބިނާކުރުމުގެ މުހިންމުކަން ވެސް އެކުދިންނަށް އުނގަންނައި ދޭނެ ކަމަށް އަލްގޯރިދްމިކްސް މޯލްޑިވްސްއިން ބުންޏެވެ. މީގެ އިތުރުން ވެސް އެ ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންނަށް ތަފާތު ހުނަރުތައް ދަސްވާނެ ކަމަށް އަލްގޯރިދްމިކްސްއިން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ތަފާތު ކަންކަމާ ގުޅޭ ގޮތުން ތަފާތު ގޮތްގޮތަށް ވިސްނުމުގެ ހުނަރު ނުވަތަ ކްރިޓިކަލް ތިންކިންއާއި މުވާސަލާތު ކުރުމުގެ ހުނަރާއި އެހެން ކުދިންނާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދަސްކޮށްދިނުން ހިމެނެއެވެ. އަލްގޯރިދްމިކްސް މޯލްޑިވްސްއިން ބުނީ އެ ކޯސްތައް ފުރިހަމަކުރާ ކުދިން ކޮންމެ ދާއިރާއަކުން ކުރިއަށް ދާން ގަސްތުކުރި ނަމަވެސް އަލްގޯރިދްމިކްސް ސްކޫލްގައި ދަސްކުރާ ހުނަރުގެ ބޭނުންހިފޭނެ ކަމަށެވެ. އަލްގޯރިދްމިކްސްގެ ކްލާސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކްލާސްރޫމްގައާއި އޮންލައިންކޮށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކުދިންނަށް އަލްގޯރިދްމިކްސްގެ އޮންލައިން ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ