މާފުށީގައި އަނިޔާ ކުރި މީހާ ފަރުވާއަށް މާލެ ގެނައި، މީހަކު ހައްޔަރެއް ނުކުރޭ މާފުށީގައި އަނިޔާ ކުރި މީހާ ފަރުވާއަށް މާލެ ގެނައި، މީހަކު ހައްޔަރެއް ނުކުރޭ

ކ. މާފުށީގައި ކުށުގެ ތުހުމަތު ކުރެވޭ މީހަކު ހިފެހެއްޓުމަށްފަހު އޭނާ ލައްވައި އަމިއްލައަށް ގައިގައި ކުލަ އުނގުޅުވައި، ކުލަ ޓައްޕެއް އޭނާގެ ބޮލަށް އޮއްސާލި މައްސަލައިގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލިއިރު، އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާކަން އެނގިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ ކުލަ ޓައްޕު އަޅައި އަނިޔާކުރި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އެކަމަކު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ އެފަދަ މައްސަލައިގައި މީހަކު މީގެ ދެ ދުވަސް ކުރިން އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހިމެނޭ މީހާ ގަޔަށް ކުލަ ފާޓާ އެޅުމަށްފަހު ވެސް އަނިޔާ ކޮށްފައިވާކަން ވަނީ އެނގިފަ އެވެ. އޭނާއަށް ރައްކާތެރިކަން ދިނީ ފުލުހުންނެވެ.
ކުށުގެ ތުހުމަތު ކުރެވޭ އެ މީހާއަށް ލާއިންސާނީ އަދަބު ދިން މީހުން ދިޔައީ ވީޑިއޯ ނަގަމުން އޭނާއަށް ފުރައްސާރަކޮށް އެއްޗެހި ގޮވަމުންނެވެ. އަދަބު ލިބުނު މީހާގެ ކުށަކީ ކޮބައިކަމެއް ނޭނގެ އެވެ. މައުލޫމާތު ލިބެނީ އޭނާ ތަނަކުން ވައްކަން ކުރަން މަސައްކަތް ކުރަނީ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެޗްއާރްސީއެމް އިން ބުނީ އެއްވެސް މީހެއްގެ އިންސާނީ ހައްގާއި ކާރާމާތަށް އަރައިނުގަތުމަށާއި ޖިނާއީ ނުވަތަ އެ ނޫން ވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކޮށް ގާނޫނީ އިމުގެ ތެެރެއިން ކަންކަމަށް ހައްލު ހޯދުމަށެވެ.
ވައްކަމެއް ކުރިކަމަށް ތުހުމަތު ކުރެވޭ މީހަކު އަތުޖެހޭ ފަދަ ހާލަތްތަކުގައި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކަމާބެހޭ ފަރާތްތަކަށް އެ މައްސަލަ ހުށަހެޅުމަށް އެދޭ ކަމަށް ވެސް އެޗްއާރްސީއެމް އިން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ