ތިމާއަކީ އެންމެ ތަނަވަހުގަ އެންމެ އުފަލުގަ އުޅޭ މީހަކަށްވުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ލިބެން އެބައޮތް-!

ކޮންމެ މީހަކުވެސް ތަނަވަސްކަމާއި އުފާވެރިކަން ބޭނުންވާނެއެވެ. މައްސަލައަކީ އެކަންކަން މާނަކުރެވޭ ގޮތެވެ. ތަނަވަސްކަމަކީ ހަމައެކަނި އަތުގައި ފައިސާ ގިނަވުން ކަމަށާއި އުފާވެރިކަން ލިބުން އޮތީ ބޭނުންވަރަކަށް ޚަރަދުކުރާނެ ފައިސާ އަތުގައި ހުގެން ކަމަށް ވިސްނޭތީއެވެ.  
ބުނަންހެއްޔެވެ؟ އަތުގައި ކިތަންމެ ފައިސާ ގިނަވިޔަސް ޙަޤީޤީ އުފާވެރިކަމެއް ނުލިބޭނެއެވެ. އުފާވެރިކަމަކީ އަތުގައި ފައިސާ ގިނަވެގެން ލިބޭނެ އެއްޗެއްނަމަ އެންމެ އުފަލުގައި އުޅޭނީ ތަނަވަސް މީހުންނެވެ. ޙަޤީޤަތަށް ބަލައިފިނަމަ އެންމެ ބޮޑު ހާސްކަމާއި ކަންބޮޑުވުމުގައި އުޅޭބައަކީ ތަނަވަސް މީހުންނެވެ.  
ތަނަވަސްކަން އިތުރުވާވަރަކަށް އިތުރަށް ދަހިވެތިކަން ބޮޑުވެއެވެ. ފައިށާ އިތުރުކުރާ މަސައްކަތްތައް ގިނަ ކުރެއެވެ. ނަތީޖާއަކަށްވަނީ އެންމެ ކުޑަމިނުން އަނބިދަރިންނާއިއެކު ވަޤުތުކޮޅެއްވެސް ހޭދަކޮށް ނުލެވުމެވެ. އެތައް ދުވަހެއްވާއިރު މައިންބަފައިންނާއިވެސް ބައްދަލުކޮށް ނުލެވުމެވެ.  
އަހުރެންގެ ވިސްނުމުން ވަރަށް ޔަޤީންކަމާއިއެކު ބުނަމެވެ. އެންމެ ބޮޑު ތަނަވަސްކަމަކީ ހެޔޮލަފާ ބައިވެރިއަކު ލިބުމެވެ. އެންމެ ބޮޑު އުފަލެއް ލިބޭނީ ދެމަފިރިންނަށް ލޯބިން އެކުގައި އުޅެވިފައި ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރެވިއްޖެނަމަ އެވެ. ހަމައެއާއިއެކު ﷲ ތަޢާލާއަށް ތިމާ އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރެވޭނަމައެވެ.
ތިމާއަކީ އެންމެ ތަނަވަހުގަ އެންމެ އުފަލުގަ އުޅޭ މީހަކަށްވުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ލިބެން އެބައޮތް ކަމަށް މިބުނަނީ އެހެންވެގެންނެވެ. އެކަނި ހުރިނަމަ ތަްްވާވެރިކަން އިތުރުކުރުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް އެބަ އޮތެވެ! ކައިވެނިކޮށްނަމަ މޮޅުގޮތް ހޯދަން އިތުރަށް އަތްފުނާ ނުއަޅައި ބައިވެރިޔާއާއިއެކު އުފަލުގައި އުޅުމުގެ ފުރުޞަތު އެބައޮތެވެ. ތަްްވާވެރިކަން އިތުރުކުރަން ދެމަފިރިން އެކުގައިވެސް މަސައްކަތްކުރުމުގެ ފުރުޞަތު އެބައޮތެވެ.  
މިއިން ކޮންމެ ފުރުޞަތަކީވެސް ހަަމ ކޮންމެ މީހަކަށްވެސް ލިބިފައިވާ ފުރުޞަތެކެވެ. ބޭނުން ހިފާނަމަ އެމީހަކަށްވުރެ އުފަލުގައި އުޅެވޭނެ އެހެން މީހަކު ނުހުންނާނެއެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ