ދަތުރުފުޅު ނިންމަވާލައްވައި، މަސްޖިދުއްނަބަވީގެ އިމާމު ފުރާވަޑައިގެންފި
ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު، މިއަދު ފުރާވަޑައިގެންފިއެވެ. ފަސް ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވެއްމުަށްފަހު، އެމަނިކުފާނު ފުރައިވަޑައިގެންނެވީ މިއަދު ހަވީރެވެ. އިމާމުގެ ދަތުރުފުޅުގައި މިދިޔަ ފަސް ދުވަހުގެ ތެރޭ ގިނަ ކަންތައްތަކެއް ވަނީ ކުރައްވައިފައެވެ. އެގޮތުން، މި ދަތުރުފުޅުގައި ޑރ. ޞަލާޙުލް ބުދައިރު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. ޑރ. ސަލާހުލްބުދައިރާ ވަޒީރު ޝަހީމް ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އެ ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންނާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާ ވެސް އިމާމު ވަނީ ބައްދަލު ކުރައްވާފައިވެއެވެ. މީގެއިތުރުން، އިމާމުންނާއި ޚަޠީބުންނާ ބައްދަލު ކުރައްވާ ނަޞޭޙަތުގެ ބަސްކޮޅެއް އިމާމު ދެއްވާފައިވާއިރު، ހުކުރު މިސްކިތަށް ޒިޔާރަތްކުރައްވައި އެތަނުގެ އާސާރުތައް ވެސް ބައްލަވާލެއްވިއެވެ. އިމާމު ދަތުރުފުޅު ނިންމަވާލައްވައި، ފުރާވަޑައިގަތުން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް ޒިޔާރަތް ކުރައްވާ އެ ތަނުގެ މުވައްޒަފުންނާއި ދަރިވަރުންނާ، ޑރ. ސަލާޙުލް ބުދައިރު މުޚާޠަބުކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. އެއާއެކު، ސަލްމާނު މިސްކިތަށް ޒިޔާރަތް ކުރައްވާ ކީރިތި ޤުރުއާން ހިތުދަސް ކުރާ ދަރިވަރުންނާ ބައްދަލު ކުރައްވާ ހިއްވަރު ދިނުމުގެ ބަސްކޮޅެއް ދެއްވާފައިވާއިރު، ދިވެހިރާއްޖޭގެ ޢިލްމުވެރިންނާއި ޕްރީ ސްކޫލްތަކުގެ ދަރިވަރުންނާއި ބައްދަލު ކުރައްވައި އިމާމު ވަނީ އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރައްވާފައެވެ. ޑރ. ޞަލާޙުލްބުދައިރު ފުރާވަޑައިގަތުން ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ އެމަނިކުފާނުގެ ދަތުރުފުޅުގައި ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދު ކުރެއްވިއިރު، މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާ އަސަރުގަދަ ހުކުރު ޚުތުބާ ދެއްވިއެވެ.ދ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، އިމާމުގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި، ކުރިއަށް އޮތްތަނުގައި ޙަރަމްފުޅުގެ އިތުރު އިމާމުން ރާއްޖެއަށް ގެންނެވުމަށް މަސައްކަތް ކުރައްވާ ކަމަށް ވަޒީރު ޝަހީމް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ