ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ބޭރުގެ މާލީ އެޖެންސީއެއް ކަމަށްވާ ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނުދައްކާ ހަލާސްކޮށްފިއެވެ.
ބަޖެޓްގެ ތާށިކަން ކުރިމަތިވެގެން ބަޖެޓް ސަޕޯޓެއްގެ ގޮތުގައި އެމްޑީޕީން ނަގާފައިވާ މި ލޯނު މި މަހު ދައްކާ ހަލާސްކޮށްފައިވާއިރު ކާގިލް ފައިނޭންސްގެ ލޯނު އޭރު ސަރުކާރުން ނަގާފައިވަނީ، 7.15 އިންޓަރެސްޓު ރޭޓުގައި ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. އެހެންކަމުން 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކާ ނިންމިއިރު، އިތުރަށް 26 މިލިއަން ޑޮލަރުގެ އިންޓްރަސްޓެއް ވަނީ ދައްކަންޖެހިފައެވެ.
ރާއްޖެއިން ނަގާފައިވާ ލޯނުތައް އެއްބަސްވުންތަކާއި އެއްގޮތަށް ދައްކަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާއިރު ރާއްޖެއިން ދައްކަންޖެހޭ ލޯނެއް ދެއްކުމުގައި މިހާތަނަށް އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާކަންވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު ރާއްޖެއިން ބޭރުން ނަގާފައިވާ ލޯނުތަކަށް ފައިސާ ދައްކަންޖެހުމުގެ އިތުރުން ސަރުކާރުން އެކި މަޝްރޫއުތައް ކުރިއަށް ގެންދިޔަ ކުންފުނިތަކާއި، ރާއްޖޭގެ ބައެއް ވިޔަފާރިތަކަށް ފައިސާ ނުދެއްކި ލަސްވުމާއި ގުޅިގެންވެސް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އެހެންނަމަވެސް މި ސަރުކާރުން އިގްތިސާދު ރަނގަޅު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ހެޔޮ ބަދަލު ފެންނަމުން އަންނައިރު މަރުކަޒީ ބޭންކު، އެމްއެމްއޭ އިން މިއަދު އާންމުކުރި ހިސާބުތަކުގައިވާ ގޮތުން މިއަހަރު ފެށުނު އިރު ރާއްޖޭގެ ޔޫސަބަލް ރިޒާވްގައި ހުރި 116 މިލިއަން ޑޮލަރު ވަނީ މިއަހަރުގެ މިހާތަނަށް 179 މިލިއަން ޑޮލަރަށް އަރާފައެވެ.
ކުރީ ސަރުކާރުން ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރުގެ ލޯނު ދައްކާ ހަލާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ