އިންޑިއާއިން ކަޝްމީރުގެ ޓޫރިސްޓް މަންޒިލްތަކުގެ ދެބައިކުޅަ އެއްބައި ބަންދުކޮށްފި

ކަޝްމީރުގައި ހަމަލާދީ 26 މީހުން މަރާލި މައްސަލައާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ ގޮތުން ކަޝްމީރު ސަރަހައްދުގެ ދެބައިކުޅަ އެއްބައި ޓޫރިސްޓް މަންޒިލްތައް އިންޑިއާއިން ބަންދުކޮށްފިއެވެ. އިންޑިއާގެ ޖަމްމޫ އެންޑް ކަޝްމީރު ސަރަހައްދުގެ ސަރުކާރުން މިހާރު ވަނީ އެ ސަރަހައްދުގެ 87 ޓޫރިސްޓް މަންޒިލްގެ ތެރެއިން 48 މަންޒިލް ބަންދުކޮށް، ހުޅުވާފައި ހުރި ތަންތަނުގެ ސެކިއުރިޓީ އިތުރުކޮށްފަ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެތަން ތަން ބަންދުކޮށްފައި ވަނީ ކިހާ މުއްދަތަކަށް ކަމެއް ސާފެއް ނޫނެވެ. އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ޕަހަލްގަމްގައި ޓޫރިސްޓުންނަށް އަމާޒުކޮށްދިން ދިން ބަޑީގެ ހަމަލާގައި 26 ފިރިހެނުން ވަނީ މަރާލާފައެވެ. އެ ހަމަލާއާ ގުޅިގެން އިންޑިއާއިން ބުނީ އެ ހަމަލާދިން ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށެވެ. އަދި އެއީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކަޝްމީރުގައި ހިންގާ ފުޅާ ހަނގުރާމަވެރި ހަރަކާތެއްގެ ބައެއް ކަމަށާއި އެމީހުންނަކީ ޕާކިސްތާނުގެ "ޓެރަރިސްޓުން" ކަމަށް އިންޑިއާއިން ބުނެފައެވެ. ޕާކިސްތާނުން ވަނީ އެކަމުގައި ބައިވެރިވާ ކަމަށް ދޮގުކޮށް މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ. ކަޝްމީރުގައި ފަތުރުވެރިކަން ކުރިއަރަމުން އައިއިރު، އުސް ފަރުބަދަތަކާއި މަންޒަރު ރީތި ވާދީތަކާއި ރީތި ބަގީޗާތަކުގެ ސަބަބުން އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރުތަކުގައި ވަނީ އިތުރުވެފައެވެ. މި މަހުގެ 22 ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވެ އިންޑިއާއިން މިހާރު ވަނީ ދެ ގައުމުގެ ދެމެދުގައި ފެން ހިއްސާކުރުމަށް ވެފައި އޮތް މުހިންމު އެއްބަސްވުމަކަށް އަމަލުކުރުން ސަސްޕެންޑްވެސް ކޮށްފައެވެ. ޕާކިސްތާނާ އެކު އޮންނަ އެއްގަމު ބޯޑަރު ހުރަސްކުރާ މައި މަގު ބަންދުކޮށް، ޑިޕްލޮމެޓިކް ގުޅުން ތައް ދަށްކޮށް، ޕާކިސްތާނު މީހުންނަށް ވިސާ ދިނުން ވަނީ މެދުކަނޑާލައިފައެވެ. ރައްދުގައި ޕާކިސްތާނުން ވެސް ވަނީ އިންޑިއާގެ ޑިޕްލޮމެޓުންނާއި އަސްކަރީ އެޑްވައިޒަރުން ބޭރުކުރުމަށާއި، ސިކުންގެ ދީނީ ކަންކަމުގައި އަންނަ މީހުން ފިޔަވައި އިންޑިއާ މީހުންނަށް ވިސާ ނުދިނުމަށާއި ބޯޑަރު ހުރަސްކުރުން މަނާކޮށްފައެވެ. އަނެއްކޮޅުން ހަމަލާއާ ގުޅިގެން ބޯޑަރު ހުރަސްކޮށް ދޭ ހަމަލާތައް ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޕާކިސްތާނުން ހަމަލާދޭތާ ވިދިވިދިގެން ފަސް ދުވަސްވެފައިވާ ކަމަށާއީ ރައްދުގައި އިންޑިއާއިން ވެސް ހަމަލާދީފައިވާ ކަމަށް އިންޑިއާ ސިފައިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ