މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިބްރާހިމް ފަރީދު އަހްމަދު މިއަދު ކުއްލި ގޮތަކަށް ނިޔާވީ ދައުވަތުގެ ކޮންފަރެންސް އަކަށް މެލޭޝިޔާއަށް ވަޑައިގެންނެވިތާ ކުޑައިރުކޮޅެއްްގެ ފަހުންނެވެ. ފްލައިޓުން ފައިބައިގެން އެއާޕޯޓްގައި ހުއްޓާ ކުއްލި އަކަށް ސިއްހީ މައްސަލައެއް ދިމާވެ ވެއްޓުނީ އެވެ. ނިޔާވީ އަވަސް ފަރުވާ ދެނިކޮށެވެ.
ރާއްޖޭގެ ދައުވަތުގެ މައިދާނުގައި ޝެއިހް ފަރީދަކީ ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެއް ދުވަސްވަރެއްގައި އެއީ ދައުވަތުގެ މައިދާނުގައި އިލްމުވެރީންގެ ލީޑަރެވެ. އިސް ޝެއިހެވެ. އެއީ ދައުވަތުގެ ކަންކަމަށް ރާއްޖޭގައި އެންމެ ގޮންޖެހުން ބޮޑު ދުވަސްވަރެވެ.
ނަމަވެސް ވަރަށް ހިތްވަރާއެކު ފަހަތަށް ޖެހުމެއް ނެތި އިލްމުވެރީން ސާބިތުވެ ތިއްބެވެ. އޭގެން އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ފަރީދެވެ. ދައުވަތުގެ މަސައްކަތުގައި އެތައް ތުރާލަކާއި ދައްޗެއް ކުރިމަތިވިއިރުވެސް ފަރީދުގެ އަޒުމަކަށް ގުޑުމެއް އަރުވައެއް ނުލެވުނެވެ. ސާބިތު ކަމަކަށް ބަދަލެއް ނާދެ އެވެ.
ޝެއިހް ފަރީދު
ނަތީޖާއެއްގެ ގޮތުން ޝެއިހްގެ އިލްމީ ދަރުސްތަކުގެ މަންފާ އެތައް ބަޔަކަށް ކުރި އެވެ. ދައުވަތުގެ މައިދާން ވަރުގަދަވެ ފުޅާވި އެވެ. ދީނީ ކަންކަމަށް ޒުވާނުންގެ ހިތްތަކުގައި އޮތް ޖާގަ ބޮޑުވެ އެކަމުގައި އުޅޭ ޒުވާނުންގެ އަދަދު ގިނަވި އެވެ.
ޝެއިހް ފަރީދު ގެންދެވީ އެންމެ ފަހު ވަގުތާއި ހަމައަށްވެސް ދައުވަތުގެ މަސައްކަތުގައި ހީވާގި ކަމާއެކު މަސައްކަތް ކުރައްވަމުންނެވެ. ނިޔާވީ އެފަދަ މަސައްކަތަކަށް މެލޭޝިޔާއަށް ވަޑައިގެން ހުންނަވަނިކޮށެވެ. އޭރު އޮތީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބ. ތުޅާދޫގައި ބޮޑު ދަރުހެއް ބޭއްވުމަށް ނިންމާފަ އެވެ.
އެ ރަށު މަދަދު ޖަމިއްޔާ އިން އިންތިޒާމު ކުރަމުން އައި ދަރުސްގެ މައުލޫ އަކީ "މަރުވުމަށްފަހު" އެވެ. މިއީ ޝެއިހްގެ ވަރަށް ހާއްސަ މައުލޫ އެކެވެ. މީގެ ކުރީން ވެސް މި މައުލޫއަށް ވަރަށް އިލްމީ ދަރުސްތައް ދެއްވާފައިވެ އެވެ.
ދަރުސް އިންތިޒާމު ކުރާ ޒުވާނުންނާ އިއްޔެ ވެސް ޝެއިހް ވާހަކަ ދެއްކެވި އެވެ. ދަރުސްތައް ގެންދެވީ ތައްޔާރުވަމުންނެވެ.
މި މައުލޫ ޝެއިހަށް ޚާއްސަވާ އެހެން ސަބަބެއް ވެސް ވެ އެވެ. އެއީ ޖަނާޒާތަކުގައި ޝެއިހް ބައިވެރިވެވަޑައިގެން ޖަނާަޒާތައް ލީޑު ކުރައްވާ އެ ޖަނާޒާގެ ބަައިވެރީންނަށް ދެއްވާ އަގުހުރި ދަރުސްތަކުގެ ސަބަބުންނެވެ. ވަރަށް ގިނަ އާއިލާތަކުގެ އެދުމުގެ މަތީން ޝެއިހް ގެންދެވީ ޖަނާޒާތައް ލީޑު ކުރައްވަމުންނެވެ.
މައްޔިތާ ވަޅުލެވޭ ވަގުތު އެ ހާލަތާއި އޭގެ ފަހުން ކަންކަން ވާނެ ކަމަށް ގުރުއާނާއި ސުންނަތުން ސާބިތު ވާހަކަތައް ވިދާޅުވެ ދެއްވަ އެވެ. ޖަނާޒާގެ ބައިވެރީންނަށް މުހިންމު އިރުޝާދުތަކެއް ދެއްވަ އެވެ.
މާތްﷲ ޝެއިހް ފަރީދުގެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވާށި އެވެ. އަމީން
ޝެއިހް ފަރީދު ހިތްވަރުގަދަ ބޭފުޅެއް؛ ނިޔާވީ "މަރުވުމަށްފަހު" ނަމުގައި ބޮޑު ދަރުހެއް ބާއްވަން ތައްޔާރު ވަނިކޮށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ