އެމެރިކާގައި އެއްވެސް މަސައްކަތެއް ނުކޮށް ތިބޭ މުވައްޒަފުންތަކަކަށް ހަތް މިލިއަން ރުފިއާ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަނުން ޗުއްޓީއަށް ދާން މަޖުބޫރުކުރި މުވައްޒަފުންނަށް މަހަކު ހަތް މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަވާކަމަށް އެ ޑިޕާޓްމަންޓުގެ މުވައްޒަފުން ތަމްސީލުކުރާ ޔޫނިއަން، އެމެރިކަން ފެޑެރޭޝަން އޮފް ގަވާމަންޓް އެމްޕްލޯއީސް ލޯކަލް 252 ބުނެފިއެވެ. ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި 21 މިލިއަނަށްވުރެ ގިނަ ފައިސާ އެ ޑިޕާޓްމެންޓުން މުވައްޒަފުންގެ މުސާރައަށް ހޭދަކޮށްފައިވާއިރު، އެމެރިކާގެ ރައީސް ޓްރަމްޕްގެ އެ ނިންމެވުމާ ގުޅިގެން ކޯޓުގައި މައްސަލަ ހިނގަމުންދާތީ މުވައްޒަފުންނަށް އެތައް ދުވަހެއް ވަންދެން ހޭދަކުރަންޖެހިދާނެ ކަމަށްވެސް އެ ޔޫނިއަން އިން ބުނެއެވެ. ގާތްގަނޑަކަށް 1،300 މުވައްޒަފުން ވަނީ އެ ޑިޕާޓުމަންޓުން ވަކިވެސްކޮށްފައެވެ. ޑިޕާޓްމަންޓުގެ މުވައްޒަފުން ވަކި ކުރުމަކީ ޑިޕާޓްމަންޓު އުވާލުމަށް ޓްރަމްޕް ރާއްވަވާފައިވާ ޕްލޭންގެ ދަށުން ކުރައްވާ ކަމެކެވެ. ފާއިތުވި މަސްތަކުގައި އެހެން އިދާރާތަކުންވެސް މުވައްޒަފުން ވަކިކޮށްފައިވާއިރު، އެ ތަންތަނުގެ މުވައްޒަފުންނަށް ވެސް ވަނީ އެ ހާލަތު ކުރިމަތިވެފައެވެ. ވަޒީފާއިން ވަކިކުރުމުގެ ޝަރުތުތަކުގެ ދަށުން ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަންގެ މުވައްޒަފުންނަށް މުސާރަ ދޭން ޖެހެނީ މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ވައިޓް ހައުސް އިން އެ އިދާރާ އުވާލަން ކުރާ މަސައްކަތްތައް ފެޑެރަލް ކޯޓުން ހުއްޓުވުމުން، ކޯޓުގައި އަދިވެސް މައްސަލަ ކުރިއަށްދާތީ، މުވައްޒަފުންނަށް އަދިވެސް މުސާރަ ދޭންޖެހެއެވެ. ގޭގަ މަޑުކުރަން އެންގި 900 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ ދިރާސާކޮށް، އޭއެފްޖީއީ ލޯކަލް 252 އިން ބުނާ ގޮތުގައި އެ ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މުސާރައަށް މަހަކު ހަތް މިލިއަނަށްވުރެ ގިނަ އަދަދަކަށް ހޭދަވެއެވެ. އަދި އެއީ މެނޭޖަރުންގެ މުސާރަ ނުހިމަނައެވެ. އެމެރިކާގެ ފެޑެރަލް މުވައްޒަފުންގެ އަދަދު މަދުކޮށް ހަރަދު ކުޑަކުރުމަށް ޓްރަމްޕް ފެއްޓެވި މަސައްކަތުގައި، ވަޒީފާ ދޫކޮށްލަން ބޭނުންވާ މީހުންނަށް އަށް މަހުގެ މުސާރައިގެ ޕެކޭޖެއްވެސް ވަނީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ