މިފްކޯއަށް މަސް ކިރުމުގައި ޖަނަވަރީ މަހުގެ ރެކޯޑެއް

1997 ވަނަ އަހަރުން ފެށިގެން ޖަނަވަރީ މަހެއްގައި މިފްކޯއަށް އެންމެ ގިނައިން މަސްކިރާފައި ވަނީ މިއަހަރުގެ ޖަނަވަރީ މަހުގައިކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ބުނެފިއެވެ.
އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފާއިތުވެދިޔަ 28 އަހަރު ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އަށް ޖެނުއަރީ މަހެއްގައި އެންމެ ގިނަ އަދަދަކަށް މަސް ކިރުވީ މިދިޔަ ޖެނުއަރީ މަހުގައި ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މިދިޔަ މަހު މިފްކޯ އަށް 8،324 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާކަމަށެވެ. މިފްކޯ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޖަނަވަރީ މަހު މިފްކޯއަށް މަސް ކިރުވި ދޯނިތަކަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދަކީ މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ކިރާ މަހަށް ފައިސާ ދޫކުރުމެވެ. މިދިޔަ ޑިސެމްބަރު 10 އިން ފެށިގެން އެ ވައުދާ އެއްގޮތަށް މަހަށް ފައިސާ ދޫކުރަން ފަށާފައިވެއެވެ.
މަސް ކިރާފައި، މަސްވެރިންނަށް ދޫކުރާ ފައިސާގެ ތަފާސްހިސާބުތައް މިފްކޯ އިން އަންނަނީ އާންމު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ