ޔުމްނު ވައްޓާލި ކަމަކަށް ނުބެލެވޭ: ރިޔާސީ ކޮމިޝަން

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި, ބަޔަކު އޭނާ އިމާރާތުން ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފިއެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު އާންމުންގެ ފާޑުކިޔުންތައް ބޮޑުވުމުން އެ މައްސަލަ ބެލުމަށްޓަކައި އުފެއްދެވި ކޮމިޝަންގެ ރިޕޯޓް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވުމުން އެ ރިޕޯޓް ވަނީ އާންމުކޮށްފަ އެވެ.
ކޮމިޝަންގެ ރިޕޯޓުގައިވަނީ ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވައްޓާލީ ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށާއި އަދި ރައުދު ނުވަތަ އެހެން މީހަކު ގަސްދުގައި އެފަދަ އަމަލެއް ހިންގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ޔުމްނުގެ ބަޔާނެއް މިހާތަނަށް ވެސް ނުލިބޭތީ, އޭނާ ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ކޮމިޝަންގެ ނިންމުމުގައިވެ އެވެ.
"ރައުދު ފިޔަވައި އެހެން މީހެއްގެ ބައިވެރިވުން އަމަލީ ގޮތުން ނުވަތަ އެ ނޫން ގޮތަކަށް ވެސް އޮތް ކަމަށް ނުބެލެވޭ ކަމާއި ރައުދު އަހުމަދު ގަސްދުގައި ހައްވާ ޔުމްނު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވައްޓާލި ކަމަށް ވެސް މި ކޮމިޝަނަށް ނުފެނެ އެވެ." އެ ރިޕޯޓުގައިވެ އެވެ.
އެހެން ނަމަވެސް ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު އޮތް ކަމަށް ކޮމިޝަނުން ކަނޑައަޅާފައިވެއެވެ.
ޔުމްނު ވެއްޓުނު މައްސަލާގައީ ރައުދުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އޭނާގެ މައްޗަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ. އެ މައްސަލާގައި އޭނާ ހައްޔަރު ކުރުމަށްފަހު މިހާރު ހުރީ ދޫކޮށްލައިފަ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ