ރިނބުދޫގައި ރަން ރިހީގެ މަސައްކަތް ދަސްކޮށްދޭ މަރުކަޒެއް ގާއިމުކުރަނީ

ރަންރިހީގެ އަތްތެރިކަމަށް މަޝްހޫރު ދ. ރިނބުދޫގައި އެ މަސައްކަތް ދަސްކޮށްދޭ މަރުކަޒެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރިނބުދުއަކީ ފުޅާ ދާއިރާއެއްގައި ރަން ރިހީގެ މަސައްކަތް ކުރަމުން އަންނަ ރަށެކެވެ. އަދި އެ ރަށަކީ އަތްތެރި އެހެނިހެން މަސައްކަތްތަކަށް ވެސް މަޝްހޫރު ރަށެކެވެ.
ދ. އޮތޮޅުގެ ރަށްތަަކަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ މަނިކުފާނު މިއަދު ވަނީ ރިނބުދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - އެ ރަށުގެ ރައްޔިތުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރަންރިހީގެ މަސައްކަތަކީ ހަމައެކަނި ރިނބިދޫގެ ހުނަރުވެރިން ރާއްޖޭގައި ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެކަމަކު އެކަމަކީ އަންނަން އޮތް ޖީލުތަކާ މުޅި ރާއްޖޭގެ އެހެން ރަށްތަކުގެ މީހުންނަށް ވެސް ދަސްކޮށްދިނުން މުހިންމު މަސައްކަތްތެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިހާރު އެ މަސައްކަތް ކުރާ ޒުވާނުން މަދުވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތް އުވުނަ ނުދީ އާލާކުރުމުގެ ބޭނުމުގައި އެ މަސައްކަތް ދަސްކޮށްދޭނެ މަރުކަޒެއް ރިނބުދޫގައި ގާއިމުކުރަން ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
އެގޮތުން، ރައީސް ވިދާޅުވީ:
ވިސްނުން ހުރީ އެ މަސައްކަތާ ގުޅޭ ސެޓިފިކެޓްތައް ލިބޭނެ ގޮތަކަށް މަސައްކަތް ދަސްކޮށްދޭނެ ނިޒާމެއް ގާއިމުކުރަން
އެކަން ކުރާނީ ރަށުގައި ގާއިމުވެ ތިބެ ރަށުން އެ ތަމްރީންތައް ދެވޭނެ ގޮތަކަށް
މި މަސައްކަތުގެ ޓްރޭނިން ދޭން ހަމަޖައްސާނީ އެ މަސައްކަތް މިހާރު ވެސް ކުރާ އެކަމުގެ ތަޖުރިބާކާރުން
"އެހެންވީމާ އެ މަޝްރޫއު އަޅުގަނޑުމެން ފަށާނެ ވާހަކަ މިދަންނަވަނީ. އޭގެ ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެ. އިރާދަކުރެއްވިއްޔާ ކާމިޔާބު މަޝްރޫއުއަކަށްވާނެ،" ރައީސް ވިދާޅުވި އެވެ.
އޭގެ ސަބަބުން ރާއްޖޭގެ އެހެން ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ވެސް ރަންރިހީގެ އަތްތެރިކަން ދަސްކޮށްދެވި އެ މަސައްކަތް ކުރިއަރައިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އެ މަސައްކަތް ކުރިއަރުވައި ދެމެހެއްޓުމުގައި ސަރުކާރުން ހިންގާ އެ މަޝްރޫއުއަށް މިހާރު ރަށުގައި ރަންރިހީގެ މަސައްކަތް ކުރާ މީހުން އެއްބާރުލުން ދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ. އެ މަސައްކަތް ގިނަ ބަޔަކަށް ދަސްކޮށްދެވިއްޖެ ނަމަ، އެއީ ރިނބުދޫގެ އިގްތިސޯދަށް ވެސް ފައިދާ ކުރާނެ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ