ބީއެމްއެލްއިން ސްޓޫޑެންޓް ޑެބިޓް ކާޑު ތައާރަފްކޮށްފި
ބީއެމްއެލް އިން ކުޑަކުދިންނަށް ހާއްސަ ޑެބިޓް ކާޑެއް ތައާރަފްކޮށްފި އެވެ.ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަން ތައާރަފްކޮށްދެއްވީ، ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި، އިވެންޓްގައި ބައިވެރިވި ގިނަ އަދަދެއްގެ ކުޑަކުދިންނެވެ.ދެ އުމުރުފުރާ އަކަށް ބަހާލައިގެން ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދެ ޑިޒައިނަކަށެވެ. އެއީ އުމުރުން ހަތް އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަދި 13 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ.ގައުމީ ބޭންކުން ބުނިގޮތުގައި ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މި ކާޑުން އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި މިކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތްކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. ދަރިވަރުން މިކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ ގޮތުން އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިން އެކައުންޓަށް ބޭންކުން ޖަމާކޮށްދޭން ވަނީ ނިންމައިފައެވެ.މީގެ ސަބަބުން ޚަރަދުކުރަމުން ދާއިރުވެސް ހަރުދަނާ ގޮތެއްގައި ފައިސާ ރައްކާކުރުމަށް އެހީތެރިވެދޭނެއެވެ.ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ބީއެމްއެލް ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދަރިވަރުންނަށް ބޭނުންވާނެ ކަންކަން ހިމަނައިގެން، ފުރާވަރަށް އެރުމުގެ ކުރިން ދަރިވަރުންނަށް ހަރުދަނާކަމާއި ޒިންމާދާރުކަމާ އެކު ފައިސާ ބަލަހައްޓަން ދަސްކޮށްދިނުމަށެވެ."އަނެއްކާވެސް ރާއްޖެއަށް މުޅިން އަލަށް ހިދުމަތެއް ތައާރަފްކުރެވުމަކީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް... ދަރިވަރުންގެ މެދުގައި ޅަފަތުގައި ފައިނޭންޝަލް ލިޓްރަސީ އަށަގަންނުވައި އަޅުގަނޑުމެންގެ އަމާޒަކީ މާލީ ހިދުމަތްތަކާ މެދު މައުލޫމާތު މުއްސަނދި ޖީލެއް ބިނާކުރުން،" އޭނާ ވިދާޅުވި އެވެ.ޑިޖިޓަލް ބޭންކިން ކުރިއަރަމުން އަންނަ އިރު ކުރިއަށް އޮތްތަނުގައި މިހާރު މި ބޭނުން ކުރާ ނޫޓާއި ކާޑު ވެސް ކުރިއަށް އޮތްތަނުގައި ބޭނުން ކުރަން ނުޖެހޭ ހާލަތަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ."ދުނިޔޭގެ ބައެއް ގައުމުތަކުގައި އަތްތިލަ ނުވަތަ ފޭޝަލް ރިކޮގްނިޝަން ނުވަތަ ވޮއިސް ބޭނުންކޮށްގެން ވެސް ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ފަސޭހަ ގޮތްތައް ހިމެނޭ. އަޅުގަނޑުމެން މިއަދު މި ދޫކުރާ ސްޓޫޑަންޓް ކާޑު ދޫކުރާ ކުދިންގެ ސްކޫލު ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ވެސް އެފަދަ ނިޒާމުތައް ގާއިމްވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.ރާއްޖޭގެ އެންމެ ކުރިއަރާފައިވާ މާލީ އިދާރާގެ ހައިސިއްޔަތުން ބީއެމްއެލްއިން އަބަދުވެސް މަސައްކަތްކުރަނީ އީޖާދީ ބޭންކިންގެ ހައްލުތަކެއް ފޯރުކޮށްދިނުމަށް ކަމަށް އެ ބޭންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ