އެކިއެކި ހާލަތްތަކުގައި އެހީއަށް އެދޭތާ އެންމެ ގިނަވެގެން ހަފްތާއެއް ތެރޭ އެހީތެރިކަން ފޯރުކޮށްދޭން މިހާރު ފަށާފައިވާ ކަމަށާއި އެހީއަށް އެދި ގުޅާ ކޯލުތަކުގެ %98އަށް ޖަވާބުދެވޭކަން ކޮންމެ ދުވަހަކު ވެސް ކަށަވަރު ކުރާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޖެންޑާ މިނިސްޓްރީން މިހެން ބުނީ އެ މިނިސްޓްރީން ކުރިއަށް ގެންދާ 'ހާލު ކިހިނެއް؟' ޕްރޮގްރާމާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.
މި ޕްރޮގްރާމް ފެށީ މިދިޔަ އަހަރުގެ 30 މޭގަ އެވެ. މިޕްރޮގްރާމުގައި މިހާތަަނަށް 14،000އަށް ވުރެ ގިނަ ގޭބިސީތަކަށް ޒިޔާރާތްކުރެވި ހާލު ބެލިފައިވާ ކަމަށް މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީން ބުންޏެވެ. އެގޮތުން:
މާލެ ސަރަހައްދުން 4232 ގޭބިސީ
އަތޮޅުތެރޭގެ 10،623 ގޭބިސީ
16 އަތޮޅެއްގައި އެ ޕްރޮގްރާމް ފަށައިގަނެވިފައިވޭ
ބުނީ ކީކޭ؟ - މި ޕްރޮގްރާމުން ހާސިލުކުރެވުނު ނަތީޖާތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ލަހުފާ ވިދާޅުވީ، އެންމެ ބޮޑު ކާމިޔާބީއަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރަން ފެށި، އެ މިނިސްޓްރީތަކަށް އެކި މައްސަލަތަކުގައި މައުލޫމާތު ހިއްސާކުރާ މިންވަރު އިތުރުކުރެވުން ކަމަށެވެ.
އެކަމަށް ފަސޭހަ އިންތިޒާމުތަކެއް މިހާރު މިނިސްޓްރީގައި ހަމަޖައްސާފައިވުމުން ކޮންމެ ދުވަހަކު ވެސް މައްސަލަތަކަށް ޖަވާބުދެވި، މައްސަލަތަކަށް އެޓެންޑުވެ، އެހީތެރިކަން ފޯރުކޮށްދެވޭ މިންވަރު އިތުރުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ މި ޕްރޮގްރާމް އަޅުގަނޑުމެން ފެށީ ރާއްޖޭގެ އެއްވެސް ހިސާބެއްގައި އެހީތެރިކަމަށް ބޭނުންވާ ފަރާތެއް ހުރެއްޖެނަމަ ނުވަތަ ގޭބިސީތަކަށް ޒިޔާރާތްކޮށްލަން ބޭނުންވާ ފަރާތެއް ހުރި ނަމަ އަޅުގަނޑުމެންގެ ހޮޓްލައިން ނަންބަރު 1433 އަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރީމާ މާލެ ސަރަހައްދުން ވެއްޖެޔާ 24 ގަޑިއިރުގެ ތެރޭގައި އަދި އަތޮޅުތެރެއިން ނަމަ އެންމެ ލަސްވެގެން ހަފްތާއެއްގެ ތެރޭގައި އެ ގޭބިސީއަކަށް ޒިޔާރާތްކޮށްގެން އެހީތެރިކަން ފެށިގެންދާނެހެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި:
މައްސަލަ ހުށަހެޅުމަށް އެ މިިނިސްޓްރީގެ ހޮޓްލައިން 1433އަށް ގުޅޭނެ
އޭގެ އިތުރަށް ގެވެށި އަނިޔާއަށް ހާއްސަ ހޮޓްލައިން 1421އަށް ގުޅޭނެ
1421އަށް ގުޅުމުން ވަގުތުން އެކަމަކަށް އެޓެންޑުވާނެ
ފުރަތަމަ މައްސަލައެއް ހުށަހެޅުމުން ދާނީ ކޭސް މެނޭޖުމަންޓަށް؛ ކޭސް މެނޭޖުމަންޓުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ހާލާތެއް އައިސްފި ނަމަ އެ ރައްކާތެރިކަން ފޯރުކޮށްދޭނެ
އެއަށް ފަހު އާއިލާގެ ތެރެއިން ބާރުވެރިކުރަން ހުރި ކަންކަން ހާލު ކިހިނެއް ފަދަ ޕްރޮގްރާމުތަކުގެ ޒަރިއްޔާއިން ކުރެވިގެންދާނެ
އެ ޕްރޮގްރާމަށް ކައުންސިލުތަކުގެ އެހީތެރިކަމާއި އެކިއެކި ޖަމިއްޔާތަކުގެ އެއްބާރުލުން ވެސް ވަަރަށް ބޮޑަށް ލިބެމުންދާކަން މިނިސްޓްރީން ފާހަގަކުރި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު މާ ބޮޑަށް ގޯސް ނުވަނީސް އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން މިހާރު ފެށިފައިވާ ކަމަށް ވެސް އެ ތަނުން ބުންޏެވެ.
ލަހުފާ ވިދާޅުވި ގޮތުން:
ބޮޑަށް މަސައްކަތްކުރަމުންދަނީ ފުދުންތެރިކަން ދަށް އާއިލާތަކާއި ނާޒުކު ހާލަތުގައި ތިބި އާއިލާތަކަށް އެހެން މީހަކަށް ބަރޯސާނުވެ ކުރިއަށް ދެވޭނެ ގޮތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް
އެފަދަ ފަރާތްތައް އިގްތިސާދީ ގޮތުން ބާރުވެރިކުރުމަށް، އެފަދަ އާއިލާތަކުގެ ތެރޭގައި ތިބި ވަޒީފާ އަދާކުރެވޭ ހާލަތުގައި ތިބި މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރަން ވަނީ ފަށާފައި
މި ޕްރޮގްރާމުގެ ދަށުން ގޭބިސީތަކަށް ދާއިރު ދެން އެންމެ ބޮޑަށް އިސްކަންދެނީ އެހީތެރިކަން ބޭނުންވާ ހާލަތުގައި ކަންކުރާނެ ގޮތްތަކާއި އެހީއަށް އެދި ގުޅާނެ އިދާރާތަކުގެ މައުލޫމާތު ދިނުމަށް
ލަހުފާ ވިދާޅުވީ އެ ޕްރޮގްރާމުގެ ދަށުން ގޭގެއަށް ޒިޔާރާތްކުރުމުން ވަރަށް ބޮޑަށް އެކަމަށް މަރުހަބާ ކިޔައި މިނިސްޓްރީގައި ރަނގަޅުކުރަން ހުރި ކަންކަމާއި އެކަން ކަން ރަނގަޅު ކުރެވޭނެ ގޮތުގެ ހިޔާލުތައް ވެސް ލިބިގެންގޮސްފައިވާ ކަމަށެވެ.
"އެ ހިޔާލުތައް ބިނާކޮށް އަޅުގަނޑުމެންގެ ހިދުމަތަށް ރަނގަޅު ބަދަލުތަކެއް އިރާދަކުރެއްވިއްޔާ ގެނެވިއްޖެ. މިގޮތަށް ހުށަަހަޅާފައިވާ ހިޔާލުތަކަށް ބަލާއިރު އެއްކަމަކަށް ވުޒާރާއަށް ފަސޭހައިން ގުޅޭނެ އިންތިޒާމުތައް މިހާރު އަޅުގަނޑުމެންނަށް ވަނީ ގާއިމުކުރެވިފައި. އޭގެ އިތުރުން މިނިސްޓްރީއަށް އެކި ސިފަސިފައިގައި ހުށަހަޅާ މައްސަލަ ބަލައިގެންކަން އަންގައިދޭ އެސްއެމްއެސްގެ ނިޒާމެއް ވެސް މިހާރު ވަނީ ގާއިމުކުރެވިފައި،" ލަހުފާ ވިދާޅުވި އެވެ.
މިނިސްޓްރީގެ ހިންގުން ހަރުދަނާ ކުރުމަށް އެންމެ ބޮޑަށް ކުރެވިފައިވާ އެއް މަސައްކަތަކީ މިނިސްޓްރީއަށް ގުޅައިގެން ހިދުމަތް ހޯދާ މީހުންނަށް، ފަސޭހަކަމާއެކު އެކަން ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ކަމަށް ލަހުފާ ވިދާޅުވި އެވެ. މިނިސްޓްރީގެ ތެރޭގައި އެކަމަށް ހާއްސަ ހޮޓްލައިނެއް ގާއިމުކުރީ ވެސް އެމަގުސަދު ހާސިލުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ:
އެކަމަށް ހާއްސަކޮށްފައިވާ ހޮޓްލައިން 1433އަށް ގުޅާ ފަރާތްތަކަށް ކޮންމެ ދުވަހަކު ވެސް ޖަވާބުދެވޭކަން ކަށަވަރުކުރަން
މިސްވާ ކޯލުތަކަށް ކޮންމެ ދުވަހަކު ވެސް އަނބުރާ ޖަވާބުދޭން ތިން ފަހަރު މަސައްކަތް ކުރަން
ތިން ފަހަރަށް ގުޅައިގެން އެ މީހަކާ ބައްދަލުނުވެއްޖެ ނަމަ އެއީ ޑްރޮޕް ކޯލެއްގެ ގޮތުގައި ބަލާނެ؛ ޑްރޮޕްވާ ކޯލުތަކުގެ މިންވަރު ވެސް ދަނީ ބަލަމުން
ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް %98 ކޯލުތަކަށް ޖަވާބުދެވޭކަން ކަށަވަރުކުރަން
"ހޮޓްލައިން ތައާރަފްކޮށްގެން ގުޅައިގެން ޖަވާބުދާރީވެވޭ މިންވަރު ވަރަށް ބޮޑަށް އިތުރުކުރި. އެގޮތަށް ހިދުމަތްދޭން ފެށީމާއި މިނިސްޓްރީއަށް ގުޅައިގެން ހިދުމަތް ހޯދާ ފަރާތްތަކަށް ޖަވާބުދާރީވެވޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދިޔަ،" ލަހުފާ ވިދާޅުވި އެވެ.
އެހީއަށް އެދޭތާ ގިނަވެގެން ހަފްތާއެއް ތެރޭ އެހީތެރިކަން ފޯރުކޮށްދެން: މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ