ރައްޔިތުން ބޭނުންވާ 'ތަރައްގީ'އަކީ މިއީތަ؟

ތަރައްގީއަކީ ލިބެން ޖެހޭ ކުރިއެރުމެކެވެ. ލިބިފައި އޮތް ކުރިއެރުމެއް، ހިތްހަމަޖެހުމެއް ނުވަތަ ފަސޭހައެއް އުނދަގުލަކަށް ބަދަލުކޮށްލުމަކީ ތަރައްގީއަށް ވެގެން ނުވާނެ އެވެ. ލިބިފައި އޮތް ނިއުމަތަކަށް އެޅޭ ހުރަހަކަށް ވެސް ތަރައްގީ ވެގެން ނުވާނެ އެވެ.
ކުދިކުދި ޖަޒީރާ ރަށްތަކެއްގެ ހިތްގައިމުކަން ލިިބިފައިވާ މި ކުޑަކުޑަ ރާއްޖެއަށް އޮތް އެންމެ ބޮޑު ނިއުމަތަކީ ލޯތައް އަޖައިބުކުރުވާ ފަދަ ގުދުރަތީ ރީތިކަމެވެ. ރަށްރަށުގެ ހިތްގައިމުކަމާއި ފެހި ކަމެވެ. މި ރީތިކަން ނައްތާލުމަކީ ރާއްޖޭގެ އަމިއްލަ ވަންތަކަން ނެތިދާނެ ދުވަހެކެވެ.
ހިތާމައަކީ އެރީތިކަން ނެތިދާ މަންޒަރު ރާއްޖޭގެ ރަށްތަކުގެ މަލަމަތިން މިހާރު ފެންނަމުންދާތީ އެވެ. ތަރައްގީއާ އެކު ރަށްތަކުގެ މަލަމަތިން ފެހިކަން އެ ދަނީ ފޮހެވެމުންނެވެ. ނަލަނަލަ ވައިރޯޅިތައް ގެނުވާ ގަސްގަހާގެހިން ލިއްބައިދޭ އެ ފެހިކަމާއި، ތާޒާ ވައިގެ ހިތްހަމަޖެހުން ގިނަ ރަށްރަށަކު ނެތެވެ.
މަތީގައި އެއޮތް ތަސްވީރުން އެ ފެންނަނީ ރ. ހުޅުދުއްފާރުގެ މަގެއް 2018ގައި އޮތް ގޮތެވެ. ދެން އެ އޮތީ މިހާރު އެ މަގަށް އައި 'ތަރައްގީ' އެވެ.
"'ތަރައްގީ' އަތުވެއްޖެ އެވެ.
ތަރައްގީއާ އެކު ގެއްލެމުންދަނީ ފެހިކަމެވެ. ގަސްރުކުން މަލަ ފެވޭ ރީތި ރާއްޖެ އެވެ.
ރަށަށް ލިބެނީ ތާރުގެ ހޫނުކަމެވެ.
ގިނަ އޭސީ ޔުނިޓުތަކެވެ،" އެ ތަސްވީރު ސޯޝަލް މީޑިއާގައި ހިއްސާކުރި މީހާ އޭނާގެ ޕޯސްޓުގައި ލިއުނެވެ.
ކުރީގައި އެއީ ރާއްޖޭގެ އެންމެ ރީތި އެއް މަގެވެ. އެ މަގަށް އައި ބަދަލަކީ ޒަމާނީކުރަން ތާރު އެޅުމެވެ. އެ މަގު މިހާރު ވެސް ރީއްޗެވެ. އެކަމަކު 2018ގައި އެ މަގު އެ އޮތްހާ ހިތްގައިމު ހެއްޔެވެ؟ ރީތި އޮމާން ފަސްގަނޑާއި، ބަރިއަކަށް ޖަހާފައި ހުރި ރުއްތަކުން އެ ލިބައިދިން ތާޒާކަމާއި ފެހިކަން މިހާރު އެބަހުރި ހެއްޔެވެ؟ 
ގުދުރަތީ އެ ރީތިކަން ގުރުބާންކޮށް ހިމުން ވެލިގަނޑާއި، ފެހިކަން ގަދަ ރުއްތައް ނަގައި އެއްލާލައިފައި، އެތާ އެޅި ތާރުގަނޑުން ލިބުނީ ރަތްދަކަ އަތްވާއި އިހުސާސްކުރަން އުނދަގޫ ހޫނުކަމެކެވެ.
ތަޖުރިބާކާރުން ދެކޭގޮތުގައި ރަށްރަށުގައި ތާރު އެޅުމުން ފާހަގަވާ އެންމެ ބޮޑު އެއް ކަމަކީ ކުރިއަށް ވުރެ ވެސް ބޮޑަށް ހޫނުވުމެވެ. ތާރަކީ އެއަށް ހޫނު ދަމާ އަދި އޭގައި ހޫނު ހިފަހައްޓާ އެއްޗެއް ކަމުން ތާރު އެޅުމާ އެކު ބިންގަނޑުގައި އެ ހޫނު ހިފަހައްޓަ އެވެ. ނަތީޖާއަކީ، ބިންގަނޑު ފިނިނުވެ ރޭގަނޑު ވެސް އެ ހޫނު އިހްސާސްކުރެވުމެވެ. ރަށުގެ ފެންފަށަލައަށް ވެސް އެކަމުގެ އަސަރު ކުރެ އެވެ. 
"ވެލިގަނޑުގެ ހިތްގައިމުކަން، ކުނިކަހާލާފައި އޮންނައިރު އަރާ ދިހުން ކުލަ ގަސްތަކުގެ ފެހިކަމާ އެކު އެލިބޭ ފިނިކަން. ތާރުގެ ހޫނުކަމާ އެކު މީހާ ފިއްސާލިޔަސް އޯކޭ، މިއީ ނުލިބިގެން އުޅޭ ތަރައްގީ،" އެ ޕޯސްޓަށް މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުންޏެވެ.
އެންމެ ބޮޑު ކަންބޮޑުވުމަކީ ތާރުއަޅައި ކޮންމެ ފަހަރަކު، ކުރިން އެ ރަށްރަށުގެ މަގުތަކަށް ހިޔާ އަޅައި، ތާޒާ ވައި ގެނެސްދިން ގަސްތައް ކަނޑާތީ އެވެ. އޭރުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލެނީ އެވެ. ބޭރަށް ނުކުމެ އުޅެން އުނދަގޫވާ ވަރަށް ރަށުތެރެ ހޫނު ވެސް ވެއެވެ. ގަދަ އަވިން ހިޔާނުވެވޭތާ، ތާޒާ ވައިކޮޅެއްގެ އަރާމެއް ވެސް ނުލިބެ އެވެ.
"ށ. މިލަންދޫން ވެސް ހަމަ ފެންނަނީ މި މަންޒަރު. މަގު މެދުގައި އޮތް ބޮޑެތި ބަނބުކެޔޮ ގަސްތައް ނަގާފައި މިހާރު އޮތީ ތާރު އަޅާފައި. އޭރު ހިޔާކޮށް އޮތް މަގު މިހާރު އަވި ގަދަކަމުން ލޯ ހުޅުވާނުލެވޭވަރުވެފައި އޮތީ،" ކުރިން ބުނި ޕޯސްޓަށް އެހެން މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުންޏެވެ.
އެއީ ތެދެކެވެ. ގިނަ ރަށްރަށުގެ މަގުތަކުން ދުވާލު ވަގުތު އާންމުކޮށް ފެންނަނީ ފަޅުކަމެވެ. ކޮންމެހެން ބޭނުންވެގެން ނޫނީ މީހުން ނުކުމެ އުޅޭ ތަނެއް ވެސް ނުފެނެ އެވެ. 
އިހުގައި ވައިޖައްސާލަން އަތިރިމައްޗަށް ނުކުމެ އުޅޭ ގޮތަށް، ގިނަ ރަށްރަށުގައި މިހާރު އެހެން ނުކުމެ ތިބެލާނެ ހިޔާވާ ތަންތަނެއް ވެސް ނުހުރެ އެވެ. ގިނަ މީހުން އަބަދު ތިބެނީ ގޭތެރޭގަ އެވެ. ތާޒާ ވައި ދޫކޮށްލާފައި އޭސީ ފިނި އިހުތިޔާރުކުރަން މަޖުބޫރުވެފަ އެވެ. އެއާ އެކު ދެން އަންނަނީ ކަރަންޓު ބިލާއި، ފެން ބިލަށް ކުރާ ހޭދަ ބޮޑުވުމުގެ އުނދަގޫތަކެވެެ. 
އިހުގައި ގޭދޮށު މަގަށް ނުކުމެ، ފަސްގަނޑުގައި ދުވެ، ކުޅެ ހެދިހެން އެކަން ކުރުމުގެ ނަސީބެއް މި ޖީލުގެ ކުދިންނަކަށް ލިބޭކަށް ވެސް ނެތެވެ. އޭގެ ސަބަބުން، ގޭތެރޭގައި ބަންދުވެ ފޯނާއި ޓީވީ ފަދަ ތަކެތީގެ ތެރެއަށް ގެއްލި އަހަރެމެންގެ ޅަދަރިން ތިބެން ޖެހުމަކީ ކުޑަ ގެއްލުމެއް ހެއްޔެވެ؟ 
"ގަސް ކަނޑާފައި ގޭގައި އޭސީ ލައިގެން މިހާރު ރަށްރަށުގައި އުޅެނީ. ހުރިހާ މޮޅެއް ފެނަކައަށް، ތެޔޮ ވިއްކާ މަޖިލިސް މެމްބަރުންނަށް. ކަރަންޓު ބިލު ބޮޑުވަނީ އަހަރެމެންނަށް. އޭސީ ފިންޏަކީ ކަންނެތް ކުރުވާ ފިންޏެއް،" އެހެން މީހަކު ލިޔުނެވެ.
ތިމާވެށީގެ ހިމާޔާތުގައި މަސައްކަތްކުރާ 'ސޭވް ދަ ބީޗު'ގެ ސެކެރެޓަރީ ޖެނަރަލް ފާތިމަތު ތަންޒީލާ ނައީމް ދެކެވަޑައިގަންނަވާ ގޮތުގައި މާލެ ފަދަ ރާއްޖޭގެ އާބާދީ ބޮޑު، ބޮޑެތި ރަށްތަކުގައި ތާރުއެޅުމާއި މަގުތައް ހެދުން ފަދަ ކަންކަން ކުރަން ޖެހެނީ، އެއްތަނުން އަނެއް ތަނަށް، ދަތުރުފަތުރު ކުރުމުގައި ލުއި ގޮތެއް ހޯދުމުގެ މުހިންމުކަން ބޮޑުކަމުންނެވެ. އެކަމަކު ހާހެއްހާ މީހުން ވެސް ހަމަނުވާ ކުދިކުދި ރަށްތަކުގައި، 'ތަރައްގީ ހޯދަން' ރަށުގެ ގުދުރަތީ ރީތިކަން ގުރުބާން ކޮށްލުމަކީ ނުވިސްނޭ ބަޔަކު ނޫނީ ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އަސްލު ގިނަ މީހުންނަށް ނުއެއް އެނގޭ ކަންނޭނގެ މާލެ ފަދަ ތަންތަނުގައި ބަލިތަކާ އެއްޗެހި އެހާ ގިނައީ މިބުނާ ސިޓީ ލައިފްގައި އުޅޭތީކަމެއް. މިބުނީ ވަށައިގެން ހުންނަ އަޑުތައް، ގުދުރަތީ ވެއްޓާ ކަނެކްޝަން ގެއްލުން. މިއީ އިންސާނާގެ ހަށިގަނޑު ސްޓްރެސް [ނުތަނަވަސް] ކުރުވާ ކަމެއް،" ތަންޒީލާ ވިދާޅުވި އެވެ.
މިސާލަކަށް އޭނާ ދެއްކެވީ މާލެއާ އިންވެގެން އޮތް ވިލިމާލެ އެވެ. އެބުނާ ސިޓީ ލައިފްއާ ދުރުވެ، ގުދުރަތީ ހިތްގައިމުކަން އިހުސާސްކުރަން މާލޭ ސަރަހައްދުގެ މީހުން ޗުއްޓީ ދުވަސްތަކުގައި ވެސް ދާން އޮތް ތަނަކީ އެ އެވެ. އެތަން ތަރައްގީގެ ނަމުގައި މާލެ ފަދަ ކޮންކްރީޓް ޖަންގަޔަކަށް ހަދަން ކޮންމެހެން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 
"ވިލިނގިއްޔަށް އެބުނާ ތަރައްގީ ގެންނާކަށް އެތަނުގައި އެއްވެސް އެއްޗެއް މަދެއް ނޫން. އިންފެކްޓް، އަޅުގަނޑަށް ފާހަގަކުރެވެނީ ވިލިނގިލީގައި ދިރިއުޅޭ މީހުން މާ އުފާވެރިއޭ މާލޭގައި ދިރިއުޅޭ މީހުންނަށް ވުރެ. ސަބަބަކީ އެމީހުންނަށް ގުދުރަތީ ހިތްގައިމުކަން ލިބޭތީ،" މާލެއަށް އުފަން، އެކަމަކު މީގެ 17 ވަރަަކަށް އަހަރު ކުރިން ވިލިމާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ތަންޒީލާ ވިދާޅުވި އެވެ.
ވިލިމާލޭގައި ވެސް ބަސް ދުއްވަން ފަސޭހަކުރަން ކަމަށް ބުނެ، މިފަހުން ވަނީ ޒަމާންވީ ބޮޑެތި ގަސްތަކެއް ކަނޑާލައިފަ އެވެ. ކުރިން އެއީ ވިލިމާލޭގެ އެންމެ ހިތްފަސޭހަ އެއް މަގެވެ. މިއަދު އެއީ ހޫނު އަވިން ދޮންކުރާ، ތާޒާކަމެއް ނެތް މަގެކެވެ. 
ދެން އޭނާ މިސާލަކަށް ނެންގެވީ ރިސޯޓުތަކެވެ. ރިސޯޓުތަކުގައި ތާރެއް ނާޅަ އެވެ. އެކަމަކު ރަށަކަށް ބޭނުންވާ ހުރިހާ އަސާސީ ހިދުމަތްތަކެއް ލިބިދެވޭ ގޮތަށް އިމާރާތްތައް ބިނާކޮށް، ހުރިހާ ކަމެއް ގާއިމުކޮށްފައި ހުންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
ގިނަ ފަހަރަށް ރިސޯޓްތައް ތަރައްގީކުރަނީ ބަނދަރު ހަދައި، މަގުތަކުގައި ތާރު އަޅައި، ގަސްތައް ކަނޑައިގެނެއް ވެސް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެއިން ކޮންމެ ރިސޯޓަކީ މިލިއަން ޑޮލަރުން އާމްދަނީ ހޯދާ ތަންތަކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ދެން އުފެއްދެވީ ސުވާލެކެވެ. އެހެން އެކަން އޮއްވައި، ގުދުރަތީ ރީތިކަން ލިބިފައި އޮތް ރަށަކަށް ކޮންކްރީޓު ތަރައްގީއާ ނުލައި ކުރިއަރާ ދެވެން ނެތްކަމަށް ދެކެނީ ކީއްވެތޯ އެވެ؟
"ގަސްތައް ކަނޑާލާފައި، މަގުތަކާއި އެއްޗެހި ހަދީމާ އެ އަންނަ ތަރައްގީތޯ ހަމައެކަނި ތަރައްގީއަކަށް ވަނީ؟ އެއީ ތަރައްގީއެއް ނޫން،" ތަންޒީލާ ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގައި ވެސް ތަރައްގީ ގެނެސްފައި އޮތީ ގުދުރަތީ ރީތިކަން ދުއްވާލައިގެން ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތާރުއަޅައިގެން ކުރާ ތަރައްގީ އެންމެ ރީތިކޮށް ފެންނަން އޮތް ތަނަކީ މާލޭގެ އަމީނީ މަގެވެ. އަހަރަކު ދެކޮޅު އެމަގު ހަދަން ޖެހޭއިރު، އެއިން ރައްޔިތަކަށްވާ ފަސޭހައަކީ ކޮބައިތޯ ސުވާލުކުރެއްވި އެވެ. އެކަމަށްޓަކައި އެ ސަރަހައްދުގެ ގަސްތައް ވެސް ކެނޑީ އެވެ. އެމަގު މިއަދު އެ އޮތީ ހިޔަލެއް ނެތް، ފެނަށް ނުގުނޑާ، އަހަރަކު ދެކޮޅު ހަދަން ޖެހޭ މަގަކަށް ވެފަ އެވެ.
ދެން އުފެދެނީ ސުވާލެކެވެ. އަހަރެމެން ދިވެހިން ހަމަ ހަގީގަތުގައި ވެސް ބޭނުންވާ ތަރައްގީއަކީ މިއީ ހެއްޔެވެ؟ ގުދުރަތީ ރީތިކަން ގުރުބާން ކޮށްފައި ސިމެންތި އާއި ތާރުގެ ހޫނުކަމަށް ލޯބިކުރަނީ ހެއްޔެވެ؟ ފިނި ހިޔަލުން ގަދަ ހޫނަކަށް ދިއުން ދިރިއުޅުމަށް ހަމަ ރަނގަޅީ ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ