ޓޭންގަލްޑް ލައިވް އެކްޝަން ހެދުން މެދުކަނޑާލައިފި
ޑިޒްނީގެ މަގުބޫލު އޮރިޖިނަލް އެނިމޭޓެޑް ފިލްމު ކަމަށްވާ "ޓޭންގަލްޑް" އަށް ބިނާކޮށް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ލައިވް އެކްޝަން ފިލްމުގެ މަސައްކަތް ކުއްލިގޮތަކަށް ހުއްޓާލަން އަންގައިފިއެވެ. ޑިޒްނީގެ މަޝްހޫރު ކެރެކްޓަރު ރެޕަންޒެލްއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އެނިމޭޓެޑް ފިލްމެއް ކަމަށްވާ ޓޭންގަލްޑް ނެރެފައިވަނީ 2010ވަނަ އަހަރުގައެވެ. މި ފިލްމުގައި ރެޕަންޒެލްގެ ވާހަކަ ތަފާތު ގޮތަކަށް ގެނެސްދީފައިވެއެވެ. މިއީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އެނިމޭޝަނަކަށް ވާއިރު އެތައް ބަޔަކު މީގެ އިތުރު ބަޔަކަށް އިންތިޒާރު ވެސް ކުރާ ކާޓޫނެކެވެ. ނަމަވެސް ޑިޒްނީއިން މީގެ އަހަރެއް ކުރީން އިއުލާނު ކޮށްފައިވަނީ މި ފިލްމުގެ ލައިވް އެކްޝަނެއް އުފައްދަން އުޅޭ ކަމަށެވެ. އެއަށްފަހު ފިލްމުގެ އެކި މަސައްކަތްތައް ކުރިއަށް ދާ ކަމަށް އެކި މަސްދަރުތަކުން އިވެމުން ދިޔައެވެ. އެންމެ ފަހުން އިވިފައިވަނީ މަގުބޫލު ލަވަކިޔުންތެރިޔާ ސެބްރީނާ ކާޕެންޓާ، ރޯލަށް ހަމަޖައްސަން އުޅޭ ކަމެވެ. ނަމަވެސް އެއަށްފަހު ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. މި ފިލްމު ޑައިރެކްޓު ކުރުމަށް ހަވާލު ކޮށްފައިވަނީ "ގްރޭޓެސްޓް ޝޯމަން" އުފެއްދި މައިކަލް ގްރޭސީ އާއެވެ. އޭނާ ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި ޑިޒްނީ އިން ވަނީ ފިލްމުގެ މަސައްކަތް މަޑު ޖައްސާލަން އަންގާފައެވެ. އަދި ވަކި މުއްދަތެއް ދީފައި ނުވާ ގޮތަށް މަސައްކަތް ހުއްޓާލަން އަންގާފައިވުމުން ފިލްމު އެއްކޮށް ކެންސަލު ކޮށްލުމަކީވެސް އެކަށީގެންވާ ކަމެކެވެ. މި ނިންމުން ނިންމާފައިވަނީ ޑިޒްނީއިން ދާދިފަހުން ދައްކަން ފެށި "ސްނޯ ވައިޓް"ގެ ލައިވް އެކްޝަން ފްލޮޕަކަށް ވުމުން ކަމަށް ވެދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ