ހައްޖު ކޯޕަރޭޝަނުން ގެސްޓްހައުސް ހެދުމަށް ޝަހީމްގެ ނުސީދާ ޖަވާބެއް: އިންވެސްޓްކުރަން ޖެހޭ

ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ހަލާލް ޓޫރިޒަމް ފެށުމުގެ މަސައްކަތްކުރާތީ، އެ ކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރުމުން ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ކޯޕަރޭޝަނުން އިންވެސްޓްކުރުން މުހިންމު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ހައްޖު ކޯޕަރޭޝަނުން ހަލާލް ޓޫރިޒަމް ފަށާނެކަން އިއުލާނުކުރީ ނޮވެންބަރު 6، 2024 ގައެވެ. އެކަމަކު، އެ ކަމުގެ ނަތީޖާ ރަނގަޅުނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އެ އަހަރުގެ ޑިސެންބަރު ތިންވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ. ޝަހީމް ވެސް އޭގެ ކުރިން އެ ކަމާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރެއްވިއެވެ. އެ މަޝްރޫއާ ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު ވަނީ ޝަހީމާ ސުވާލުކޮށްފައެވެ. އޭނާ ވަނީ މީގެ ކުރިން ޝަހީމް އެ ކަމާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރެއްވިކަން ފާހަގަކުރައްވާފައެވެ. https://sun.mv/198823 އެކަމަކު، އެ ސުވާލުގެ ޖަވާބުގައި ޝަހީމް ސީދާ ގެސްޓްހައުސް ހިންގުމާ މެދު ދެކިވަޑައިގަންނަވާ ގޮތެއް ވިދާޅެއް ނުވެއެވެ. އަދި، ހައްޖު ކޯޕަރޭޝަނުން އިންވެސްޓްކުރަން އޭނާ ވަނީ ހިތްވަރުދެއްވާފައެވެ. "ހައްޖު ކޯޕަރޭޝަނަކީ ކުންފުންޏެއް ކަމުން ލައިން މިނިސްޓްރީގެ ހައިސިއްޔަތުން ހައްޖާ ގުޅޭ ކަންކަން ރަނގަޅު މަގުން ގެންދިއުމުގައި މިނިސްޓްރީން ދަނީ ފުރިހަމަ އިރުޝާދު ދެމުން. އަދި، ހައްޖު ކޯޕަރޭޝަންގެ ބޯޑުން ނިންމާ އެ ކުންފުނީގެ އެތެރޭގެ ނިންމުންތަކަށް މިނިސްޓްރީގެ ދައުރެއް ނޯވޭ،" ޝަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެކި ސަރުކާރުތަކުން ހައްޖު ކޯޕަރޭޝަންގެ މައްޗަށް އޮންނަ މިނިސްޓްރީގެ ބާރު ހަނިކޮށްފައިވާ ކަމަށެވެ. އަދި، މިދިޔަ ސަރުކާރުގެ ދުވަސްވަރު އެ ބޯޑުގައި މިނިސްޓްރީ ތަމުސީލުކުރާ މަންދޫބު ނީންނަ ގޮތަށް ވެސް އަސާސީ ގަވާއިދު ބަދަލުކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "މިއީ ބަދަލުކުރަންޖެހޭ ކަމެއް. އެ ފަދަ ބަދަލެއް ނުގެނެވޭނެ އެގޮތަކަށް،" އެއީ ވަރަށް ނުބައި ބަދަލެއްކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވިއެވެ. އެކަމަކު، ޝަހީމް ވަނީ ރަނގަޅު ކަންކަމަށް ހައްޖު ކޯޕަރޭޝަނުން އިންވެސްޓްކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ހައްޖުގެ އަގު ކުޑަކުރަން އެއީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި އެކަމަކު ހައްޖު ކޯޕަރޭޝަނުން އިންވެސްޓްކުރަންވާނީ ޝަރުއީ ހަމަތަކުގެ މަތިން ރަނގަޅު ކަމަކަށް ކަމަށެވެ. https://sun.mv/209616 ހައްޖުގެ އަޅުކަމަށް ބޭނުންކުރަންވާނީ ތާހިރު ފައިސާ ކަމަށް އޭނާ ވިދާޅުވިއެވެ. "ހަލާލް ޓޫރިޒަމަށް އިންވެސްޓްކުރުމަކީ، ހައްޖުގެ އަގު ކުޑަކުރަން ރަނގަޅު ފައިދާއެއް ލިބޭ ކަމަކަށް ވެދާނެ. ހަލާލް ޓޫރިޒަމަކީ އިސްލާމީ ސަގާފަތާ އެއްގޮތް މާހައުލެއް ގާއިމުކުރެވޭ ކަމެއް. ހަލާލް ޓޫރިޒަމަކީ ވަކި އުސޫލެއްގެ ދަށުން ކުރެވޭ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވަނީ މެލޭޝިއާގައި ވެސް ހައްޖު ކޯޕަރޭޝަނުން ރިއަލްއެސްޓޭޓާއި ހޮޓެލްތަކަށް އިންވެސްޓްކުރާކަން ފާހަގަކުރައްވައިފައެވެ. ރަނގަޅު އިސްތިރާޖީ އިންވެސްޓްމަންޓްތަކެއް ކުރެވިއްޖެ ނަމަ، ހައްޖަށް ދާން މީހުން އަތުން ނަގަން ޖެހޭ ފައިސާ ކުޑަކުރެވޭނެކަން ފާހަގަކުރައްވައި ޝަހީމް ވަނީ ހައްޖު ކޯޕަރޭޝަނުން އިންވެސްޓްކުރަން ހިތްވަރުދެއްވާފައެވެ. އަދި، އެ ކަމަށް ބާރު އަޅުއްވާފައެވެ. https://sun.mv/199838 މީގެ އިތުރުން، ހައްޖު ކޯޕަރޭޝަން އުފައްދާފައިވަނީ ރިޔާސީ ގަރާރަކުންކަން ފާހަގަކުރައްވައި އެ ކޯޕަރޭޝަން ގާނޫނެއްގެ ދަށުން އުފައްދަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަން ކުރަން އޭނާ ވަނީ މެންބަރުންނަށް ގޮވާލައްވާފައެވެ. "ސިޔާސީ ކުލަ ނުޖެހި، ކޮންމެ ސަރުކާރެއްގައި ވެސް މިކަން ރަނގަޅު ގޮތުގައި ހިނގާނެ ގޮތް ހަމަޖެހި، ގާނޫނީ ގޮތުން ތަރުތީބުކުރުން. އެހެން ނޫނިއްޔާމުން މި ފަދަ ކިތަންމެ ކަމެއް މި ކަމުގައި ދިމާވާނެ،" މިނިސްޓަރު ވިދާޅުވިއެވެ. ފިނޭންސް މިނިސްޓަރު ނުރުހުން ފާޅުކުރުމުން ހައްޖު ކޯޕަރޭޝަނުން ވަނީ ނުކުރަން އަންގައިފި ނަމަ ގެސްޓްހައުސް ވިޔަފާރި ނުކުރާނެ ކަމަށް ބުނެފައެވެ. އެކަމަކު، ފަހުން އެއްވެސް ބޭފުޅަކު އެ ކަމާ ނުރުހުން ފާޅުކޮށްފައިނުވާއިރު ހައްޖު ކޯޕަރޭޝަނުން އަންނަނީ ހަލާލް ޓޫރިޒަމް ފަށަން ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ